22 ނޮވެމްބަރ 2021 - 12:59

ޕީޖީ އޮފީހުގެ ވަކީލުންތަކެއް ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ގަޑިޖެހިގެން ހާޒިރުވުމުން ޕީޖީ އޮފީސް ޖޫރިމަނާ ކުރުމުން ދަތިވާނެ ކަމަށާއި އެކަމަކު އެ ނިންމުން ދިފާއު ކުރެވެން ނެތް ކަމަށް ވިދާޅުވެ ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް މިހެން ވިދާޅުވެ ޓްވީޓްކުރެއްވީ ދައުލަތުން ބަލަހައްޓާ ކުދިންތަކެއްގެ އަތުގައި ފުލުހުން ކަނޑުމަތީގައި ބިޑި އެޅުވި މައްސަލައިގައި 13 ފުލުހަކަށް ދައުވާކުރުމުން ފުލުހުންގެ މަސައްކަތަށް ދަތިވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނިކޮށެވެ. އެހެންވެ މިއީ އެ ވާހަކައަށް ދެއްވި ނުސީދާ ރައްދެއް ކަމަށް މާނަކުރެވެ އެވެ.
ފުލުހުންނަށް ދައުވާކުރަން ޕީޖީ ނިންމަވާފައި ވާތީ ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ދައުވާ ލިބޭ ފުލުހުންނަކީ ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ތަޖުރިބާކާރު ފުލުހުންތަކެއް ކަމަށާއި އެހެންވެ މި ކަމުގެ ސަބަބުން ފުލުހުންނަށް ދަތިވާނެ ކަމަށެވެ.
ޕީޖީ އޮފީސް ޖުރިމަނާކުރީ 2010 ވަނަ އަހަރު ކޮންސްޓްރަޝަން ސައިޓެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގައި މިއަދު ހެނދުނު 9:00 އަށް ސުޕްރީމް ކޯޓުގައި ފަށަން އޮތް އަޑުއެހުމަށް ގަޑިއަށް އޮންލައިން ނުވުމުންނެވެ. ދައުލަތުގެ ވަކީލުން ގަޑިއަށް ހާޒިރުނުވުމުން އަޑުއެހުން ނުފެށި 12 މިނެޓު ލަސްވުމުން، މައްސަލަ ބަލާ ބެންޗުން ނިންމީ ޕީޖީ އޮފީސް 250ރ. އިން ޖޫރިމަނާ ކުރާށެވެ.
އެ ނިންމުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝަމީމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. ގަޑިޖެހިއްޖެ ނަމަ އެކަމުގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، ޖޫރިމަނާ ކުރުމުން ޕީޖީ އޮފީހަށް ދަތިތަކެއް ވިޔަސް އެއީ ދިފާއުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުން ދަތިތަކެއް ކުރިމަތިވިޔަސް، މިކަމެއް އަޅުގަނޑަކަށް [މުއައްސަސާއަކަށް ވެސް] ދިފާއެއް ނުކުރެވޭނެއެވެ." ޕީޖީގެ ޓްވީޓުގައި ލިޔުއްވާފައިވެ އެވެ.
ޖޫރިމަނާ ކުރުމާ ބެހޭގޮތުން ޝަމީމް މިއަދު "މިހާރު" އަށް ވިދާޅުވީ، ދައުލަތުގެ ވަކީލުގެ ނަން ފާހަގަކޮށް ޖޫރިމަނާކުރާ ހާލަތުގައި އެ ޖޫރިމަނާ ދައްކަން ޖެހޭނީ ސީދާ ވަކީލު ކަމަށެވެ. މި މައްސަލައިގައި އެހެން އަމަލުކޮށްފައި ނެތަސް، ޖޫރިމަނާގެ ފައިސާ ނަންގަވާނީ ސީދާ ގަޑިޖެހުނު މުވައްޒަފުންގެ އަތުން ކަމަށާއި އެއީ އޭނާ ގެންގުޅުއްވާ އުސޫލު ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޕީޖީ އޮފީސް ޖޫރިމަނާ ކުރައްވަމުން، މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ސުޕްރީމް ކޯޓުން ވަކި ގަޑިއަކަށް އަޑުއެހުމަށް ހާޒިރުވުމަށް ފޮނުވާ ޗިޓަކީ ވެސް އަމުރެއް ކަމަށާއި ހުރިހާ ރައްޔިތުންނާއި މުއައްސަސާއަކުން ކޯޓުތަކުގެ އަމުރުތަކަށް އިހުތިރާމު ކުރަންވާނެ ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ކްރިމިނަލް ކޯޓުގެ އަޑުއެހުމަކަށް ޕީޖީގެ ވަކީލުން ހާޒިރު ނުވެގެން އެ އޮފީސް 250ރ. އިން ޖޫރިމަނާކުރި އެވެ.