ބީއެމްއެލް އެޕްގެ މައްސަލަ އެއްކޮށް ހައްލުކޮށްފި
ބީއެމްއެލް އެޕްގެ މައްސަލަ އެއްކޮށް ހައްލުކޮށްފި

ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަނަށް އިއްޔެ ދިމާވި މައްސަލަތައް އެއްކޮށް ހައްލުކޮށްފި ކަމަށް އެ ބޭންކުން ބުނެފި އެވެ.

އިއްޔެ މެންދުރެއްހާ އިރުން ފެށިގެން އެޕްލިކޭޝަން ދޭތެރެދޭތެރެ އިން ޑައުންވި އެވެ. އަދި ބައެއް ހިދުމަތްތައް ނުލިބި، އާންމުންގެ ޝަކުވާތައް ވެސް އޮތީ ބޮޑުވެފަ އެވެ. ބޭންކުން ބުނީ ހިދުމަތްތައް މެދުކެނޑުނީ އެ ބޭންކުން ކުރަމުން އަންނަ މުހިންމު ސިސްޓަމް އަޕްގްރޭޑްގެ މަސައްކަތެއްގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

ބީއެމްއެލްގެ އެޕްލިކޭޝަންގެ މައްސަލަ ހައްލުވީ އެތައް ގަޑިއިރެއް ވަންދެން ކަސްޓަމަރުންނަށް ހިދުމަތް ނުލިިބި ހުރުމަށްފަހު އެވެ.

ބޭންކްގެ އެޕްލިކޭޝަނުން ހިދުމަތް ނުހޯދި އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ބައެއް ފަރާތްތަކަށް ވަނީ ހޮސްޕިޓަލާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް ގޮސް ފައިސާ ދެއްކުމުގައި އުނދަގޫތައް ކުރިމަތިވެފަ އެވެ. ބޭންކް ބެލެންސް ޒީރޯ ކަމަށް އެޕްލިކޭޝަން ދައްކާ މައްސަލަ މިދިޔަ ދެ ހަފްތާ ތެރޭ ދޭތެރެ ދޭތެރެއިން ބައެއް މީހުންނަށް ދިމާވެފައިވެ އެވެ.

ސޯޝަލް މީޑިއާގައި މީހަކު ބުނީ އާންމުންނަށް ޕޭމެންޓް ނެހެދި އެތައް ކަސްޓަމަރެއް ގެއްލުނު ކަމަށެވެ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ހައްލުވި ކަމެއް ވެސް އެނގެނީއެއް ނޫން. ބައެއް ފަހަރަށް ރަނގަޅުވެފައި، ގޯސްވެފައި މިކަހަލަ ގޮތަކަށް ދިޔައީ."

އެހެން މީހަކު ވަނީ އެޕްލިކޭޝަންގެ އިތުރުން އޭޓީއެމްތަކުން ވެސް ހިދުމަތް ހޯދަން އެހާ އުނދަގޫވި ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.

ބޭންކްގައި ތިން ލައްކައެއްހާ ކަސްޓަމަރުން ތިބި އިރު ބީއެމްއެލް މޯބައިލް އެޕްލިކޭޝަނަކީ އާންމު ހިދުމަތްތައް ހޯދުމުގައި ދިވެހިން ވަރަށް ބޮޑަށް ބަރޯސާވެފައިވާ އެޕްލިކޭޝަނެކެވެ. ހާއްސަކޮށް ކޮވިޑަށް ފަހު މާލީ މުއާމަލާތްތައް ހިންގުމުގައި ދިވެހިން ޑިޖިޓަލް ވަސީލަތްތައް ބޭރުން ކުރާ ވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު ވެސް އޮންލައިންކޮށް 73 މިލިއަން ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.