ޖަލުގައި 15 އަހަރު އޮތަސް ކުށެއް ނެތްކަމުގެ ލިޔުން ލިބި އިންތިގާލީ އިންސާފުގެ އޮފީހަށް
ޖަލުގައި 15 އަހަރު އޮތަސް ކުށެއް ނެތްކަމުގެ ލިޔުން ލިބި އިންތިގާލީ އިންސާފުގެ އޮފީހަށް

އެއްވެސް ދައުވާއެއް ނުކޮށް ރާއްޖޭގެ ޖަލުގައި 15 އަހަަރު ވަންދެން ބެހެއްޓުމަށް ފަހު 2009 ވަނަ އަަހަރު ދޫކޮށްލި ރިޗާޑް ވޫމެއިޑީ [އިސްލާމް ވުމަށް ފަހު، އިބްރާހީމް ޔޫސުފް] އަށް އޭނާގެ ކުށެއް ނެތް ކަމުގެ ލިޔުމެއް ފުލުހުން ދިނުމުން އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅައިފި އެވެ.

ޖަލުގައި 15 އަހަރު އޮތަސް ކުށެއް ނެތްކަމުގެ ލިޔުން ލިބި އިންތިގާލީ އިންސާފުގެ އޮފީހަށް
ޖަލުގައި 15 އަހަރު އޮތަސް ކުށެއް ނެތްކަމުގެ ލިޔުން ލިބި އިންތިގާލީ އިންސާފުގެ އޮފީހަށް

ވޫމެއިޑީ "މިހާރު" އަށް ބުނީ ކުށުގެ ރެކޯޑެއް ރާއްޖޭގައި ނެތްކަމުގެ ލިއުމެއް ފުލުހުން އޭނާއަށް ދިނީ މިދިޔަ މަހު ކަމަށެވެ.

ޖަލުގައި 15 އަހަރު އޮތަސް ކުށެއް ނެތްކަމުގެ ލިޔުން ލިބި އިންތިގާލީ އިންސާފުގެ އޮފީހަށް
ޖަލުގައި 15 އަހަރު އޮތަސް ކުށެއް ނެތްކަމުގެ ލިޔުން ލިބި އިންތިގާލީ އިންސާފުގެ އޮފީހަށް

ފުލުހުން ދިން ލިޔުމުގައިވާ ގޮތުން ޖަލަށް ލުމަށް ފަހު ކުރީގެ ސަރުކާރުން އޭނާއާ ދެކޮޅަށް ބައެއް ތުހުމަތުތައް ކޮށްފައި ވިޔަސް، އެއިން އެއްވެސް ކަމެއް ތަހުގީގުކޮށްފައިވާކަން އެނގޭކަށް ނެތެވެ. ނަމަވެސް އޭނާ ޖަލުން މިނިވަން ކުރުމަށާއި އަނބުރާ ގައުމަށް ފޮނުވާލަން ދިވެހި ސަރުކާރުން އެތައް ފަހަރަކު މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެ ލިއުމުގައި ބުނެފައިވެ އެވެ.

އޭނާ ބުނީ ޖަލުން މިނިވަންކޮށް އަނބުރާ ޗައިނާއަށް ފޮނުވާލަން އެތައް ފަހަރަކު މަސައްކަތް ކުރި ކަމަށް ކުރީގެ ސަަރުކާރުން ބުނި ނަމަވެސް އެއީ ދޮގެއް ކަމަށެވެ. އެގޮތަށް ކަންތައް ކޮށް ޒުވާން އުމުރު ނަގައިލި ކަމަށް ބުނެ އޭނާ ވަނީ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ އެ އޮފީހަށް ހުށަހެޅީ އޭނާ އަށް ލިބުނު ގެއްލުމުގެ މާލީ ބަދަލު ހޯދަން ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މައްސަލައިގައި ދައުލަތާ ދެކޮޅަށް ކުރިން ދައުވާކުރި ނަމަވެސް އެ މައްސަލަ ކޯޓުގެ ހުރިހާ މަރުހަލާއަކުން ނިމުނީ ވޫމެއިޑީއާ ދެކޮޅަށެވެ. އެހެންވެ، އޭނާއަކަށް ބަދަލެއް ނުލިބުނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1993 ގައި ވޫމެއިޑީ ޖަލަަށްލީ އޭނާ ބުނިގޮތުގައި އޭރުގެ މިނިސްޓަރަަކާ ދެމެދު އުފެދުނު ވިޔަފާރީގެ ދެބަސްވުމެއްގެ މައްސަލަ ކޯޓަށް ހުށަހެޅި ހިސާބުންނެވެ.

ފުލުހުން ވޫމެއިޑީ އަށް ދިން ލިޔުމުގައިވާ ގޮތުން އޭނާ ރާއްޖެ އައީ މުހައްމަދު މުސްތަފާ ހުސައިންގެ "ޝަންހާއީ ރެސްޓޯރަންޓް" ގައި ވަޒީފާ އަދާކުރާށެވެ. އޭނާ ހައްޔަރުކުރުމުގެ ކުރިން "ގްރޭސް އިން ގެސްޓް ހައުސް" އާއި "ޝަންހާއި ރެސްޓޯރަންޓް" އާ ދެކޮޅަށް ކޯޓް ނަންބަރު 2 އަށް އޮތީ މައްސަލަ ހުށަޙަޅާފައި ކަމަށް ވެސް ފުލުހުންގެ ލިޔުމުގައިވެ އެވެ. އޭގައިވާ ގޮތުން ވޫމެއިޑީ ހައްޔަރުކުރީ އޭނާ މަސައްކަތްކުރި ރެސްޓޯރަންޓް އޮޑިޓްކުރަން އަމުރެއް އޮވެ، އެކަމަށް ދެކޮޅު ހެދުމުންނެވެ.

އުމުރުން 36 އަހަރުގައި ނޮވެމްބަރު 4، 1993 ގައި ޖަލަށް ލީ ގޮތަށް އެއްވެސް ދައުވާއެއް ކުރުމެއް ނެތި ބަންދުގައި ހުރި އިރު ދެ ފަހަރު އޭނާ ކޯޓަށް ގެންދަން އަމުރެއް އައި ނަމަވެސް، ހައްޔަރުކުރި ސަބަބެއް ނޭނގުމާއި ގައިދީއެއްގެ ގޮތުގައި ހުރެ ކޯޓަށް ދާން އިންކާރު ކުރުމުން އޭރު ކޯޓަށް ހާޒިރުކުރެވިފައި ނެތް ކަމަށް ލިޔުންތަކުން ދައްކާ ކަމަށް ވެސް ފުލުހުންގެ ލިޔުމުގައިވެ އެވެ. މީގެ ފަހުން އެތައް ކަމެއް ހިނގުމަށް ފަހު ބަންދުން ދޫކޮށްލީ އޯގަސްޓް 2، 1994 ގަ އެވެ.

ބަންދުން ދޫކޮށްލުމުން އުޅެމުން ދިޔައީ މ. ގިރިޓީގޭގައި ކަމަށާއި ދެ ވަނަ ފަހަރަށް ބަންދުކުރީ އޯގަސްޓް 2، 1994 ގައި ކަމަށް ވެސް ރެކޯޑްތަކުން ދައްކަ އެވެ. އެފަހަރު ސަބަބަކަށްވީ ސަރުކާރާއި ސަރުކާރުގެ ވެރިންގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަ ދެއްކުމެވެ.

އޭނާ ދެ ވަނަ ފަހަރަށް ހައްޔަރުކޮށްގެން ގެންދިޔައީ ގާމާދޫ ޖަލަށެވެ. އަދި އޭގެ ފަހުން މާފުށީ ޖަލަށް ބަދަލުކޮށްފައިވެ އެވެ. ދެ ވަނަ ފަހަރަށް ބަންދުކޮށްފައި ހުރި އިރު ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އެ ކަންކަމަށް އިންކާރުކޮށްފައިވެ އެވެ. އޭގެ ފަހުން ކަމާބެހޭ އިދާރާތަކުން، އޭނާގެ މައްސަލައެއް ނެތް ކަމަށް ދިން ބަޔާނެއްގައި ސޮއިކުރަން ވަނީ ވޫމެއިޑީ ވަނީ އިންކާރުކޮށްފަ އެވެ. އޭގެ ފަހުން ސަރުކާރުން ވަނީ ވޫމެއިޑީ އޭނާގެ ގައުމަށް ފޮނުވާލަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެކަމަށް އިންކާރުކޮށް ވޫމެއިޑީ ވަނީ ޕާސްޕޯޓް ދޭން އިންކާރުކޮށްފަ އެވެ. އަދި ޕާސްޕޯޓް ހޯދަން އޭނާގެ ތަކެތި ފާސްކުރުމުން ވެސް ޕާސްޕޯޓް ނުފެނުނު ކަމަށް ފުލުހުންގެ ރެކޯޑުން ދައްކަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއާ ގުޅިގެން ވެސް ވޫމެއިޑީ ގައުމަށް ފޮނުވަން މަސައްކަތްކުރި ކަމަށާއި އާއިލާ އިން ފޮނުވި ސިޓީތައް ވެސް އޭނާ އަށް ދިން ކަމަށާއި ގައުމަށް ދާން އޭނާ އެއްގޮތަކަށް ވެސް އެއްބަސްނުވީ ކަމަށް ފުލުހުންގެ ލިޔުމުގައިވެ އެވެ. ޗައިނާ އެމްބަސީއާ ގުޅިގެން ވެސް ވޫމެއިޑީ ޖަލުން ނެރެން މަސައްކަތްކުރި ކަމަށާއި ޑިސެމްބަރު 5، 1996 ގައި ވޫމެއިޑީ މިނިވަންކުރަން ރައީސް އޮފީހުން ވެސް އެންގި ކަމަށް ލިޔުމުގައި އެބަ އޮތެވެ. އެކަމަކު އޭނާ ބަންދުކުރީ އޮޅުމަކުން ކަމަށް ބުނެ ލިޔުމެއް ދޭން އެދި އެކަން ނުކުރުމުން ޖަލުން ނުކުންނަން އިންކާރުކޮށް، އޭގަ ފަހުން ޖަލުގައި ހުރީ "އަމިއްލަ އިހްތިޔާރުގައި" ކަމަށް ބެލެވެން އެބަ އޮތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ވޫމެއިޑީ އިސްލާމްވީ ޖަލުގައި، 2001 ވަނަ އަހަރު އެވެ.

ނަމަވެސް ވޫމެއިޑީ ބުނީ އޭނާ ޖަލުން ނުނިކުމެ ހުރީ ކަމަށާއި ގައުމަށް ފޮނުވާލިޔަ ނުދޭން ޕާސްޕޯޓް ނުދިނީ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ވޫމެއިޑީގެ މައްޗަށް 1993 އިން ފެށިގެން، ފުލުހުން ލިޔުން ދިން ތާރީހް ކަމަށްވާ މިދިޔަ މަހުގެ 12 އާ އެއްވެސް އެއްވެސް ކުށެއްގެ ތުހުމަތެއް ނެތް ކަމަށް މިހާރު ޕޮލިސް ރެކޯޑް ބަލަހައްޓާ އުސޫލުން ވަނީ ކަނޑައަޅައިފަ އެވެ. އަދި އެކަން މިހާރު ވަނީ ފޮރިން މިނިސްޓްރީއަށް ވެސް އަންގައިފަ އެވެ.

ވޫމެއިޑީ ހައްޔަރުކުރި މައްސަލާގައި ވެސް އަދި އެހެން ކަމެއްގައި ވެސް އޭނާގެ މައްޗަށް ކުށެއް ސާބިތުވެފައި ނެތް ކަމަށާއި ޖަލުގައި ހުރި އިރު ޖަލުގެ ގަވައިދުތަކާ ހިލާފުވެފައިވާ ކަމަށް ރެކޯޑްތަކުން ދެއްކިޔަސް އެއިން މައްސަލައެއް ވެސް ތަހުގީގުކޮށް ފިޔަވަޅެއް އަޅާފައި ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ވޫމެއިޑީ މިނިވަންކުރީ މައުމޫނުގެ ވެރިކަން ނިމި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ. އޭރު އޭނާ މިނިވަންކުރި ނަމަވެސް ގައުމަށް އެނބުރި ނުގޮސް ހުރީ، ވޫމެއިޑީ ބުނި ގޮތުގައި ޖަލަށް ލުމަށް ފަހު ޗައިނާ ސަރުކާރުން އޭނާގެ އާއިލާ އަށް އަންގާފައި އޮތް އެންގުމެއް ބަދަލުނުކޮށް އޮތުމުންނެވެ.

"ޗައިނާގެ ފޮރިން މިނިސްޓްރީން އަހަރެންގެ އާއިލާ އަށް އެންގީ އަހަރެން ރާއްްޖޭގައި ކުށްވެރިވެގެން ބަންދު ކޮށްފައިވާ ކަމަށް. އެ ހިސާބުން ވިޔަފާރީގެ ބައިވެރިން ވެސް އެ މީހުންގެ ވިޔަފާރިން އަހަރެން ވަކިކުރި، އާއިލާ ވެސް ރޫޅުނު،" ވޫމެއިޑީ ބުންޏެވެ.

އޭނާ ބުނީ، ބަންދުން މިނިވަން ކުރުމަށް ފަހު ވެސް ކުށެއް ނެތް ކަމުގެެ ރަސްމީ ލިއުމެއް ދިވެހި ސަރުކާރަކުން ނުދެ އެވެ. ހަމަ އެގޮތަށް ޗައިނާ ސަރުކާރުން އޭނާގެ އާއިލާ އަށް އެންގި އެންގުން ވެސް ބަދަލެއް ނުކުރެ އެވެ. އެ ފަދަ ލިޔުމަކާ އެކު، މާލީ ބަދަލު ވެސް ހޯދައިގެން ނޫނީ އެނބުރި ޗައިނާ އަށް ނުދާން ހުރި ވޫމެއިޑީގެ އެއްވެސް ކުށެއް ނެތްކަން ދިވެހި ސަރުކާރުން އެންގީ އުމުރުން 64 އަހަރު ވީ ފަހުން މިދިޔަ މަހު އެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސް އިން މިހާރު އެބައޮތް އަހަރެންގެ އެއްވެސް ކުށެއް ނެތް ކަމުގެ ލިއުމެއް ދީފައި،" ފުލުހުންގެ އިދާރާ އިން ދިން ކަމަށް ބުނާ ލިއުން ދައްކައިލަމުން އޭނާ ބުންޏެވެ.

ވޫމެއިޑީ ބުނި ގޮތުގައި އޭނާ މިދިޔަ 13 އަހަރު ރާއްޖޭގައި އުޅުނީ އާއިލާގެ މެމްބަރުންނާއި އެކުވެރިން އޭނާއަށް ދިން ފައިސާގެ އެހީގަ އެވެ. އޭގެ ތެރޭގައި އޭނާއަށް އަލުންް އާމްދަނީއެއް ލިބެން ފެށުމުން އަނބުރާ ދައްކަން ދަރަނީގެ ގޮތުގައި ދިން ފައިސާ ވެސް ހިމެނެ އެވެ.

"ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އެގޮތަށް ފައިސާ ލިބުން ވެސް ހުއްޓިއްޖެ. ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގެ އެހީތެރިކަމަށް އަހަރެެން އެދުނީ އެ ހިސާބުން،" ވޫމެއިޑީ ބުންޏެވެ.

ދެ އަހަރު ދުވަހު އިތުރަށް ރާއްޖޭގައި މަޑުކުރަން ލޯނެއްގެ ގޮތުގައި ފައިސާ ދޭން އެދުނު ނަމަވެސް ޗައިނާ ސަރުކާރުން އެކަން އެގޮތަަށް ހަމަޖައްސައި ނުދިން ކަމަށާއި އެކަމުގެ ޝަކުވާ ޗައިނާގެ ޕަބްލިކް ކޮމްޕްލެއިންސް ބިއުރޯއަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެމްބަސީން ބުނީ އެންމެ 100 ޑޮލަރު ހަމަޖައްސައިދީފާނަމޭ. އެވަރު ދޭނެ މިތަނުގެ ރައްޓެއްސެއްގެ ގާތު ބުންޏަސް،" ވޫމެއިޑީ ބުންޏެވެ.

އޭނާ ބުނީ އިންތިގާލީ އިންސާފުގެ އޮފީހުން އޭނާގެ މައްސަލަ ބެލުމަށް ފަހު ދިވެހި ސަރުކާރުން ބަދަލު ދޭނެކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ. އެނބުރި ޗައިނާއަށް ދާނީ އެހިސާބުން ކަމަށް ވެސް އޭނާ ބުންޏެވެ.