އައިޖީއެމްއެޗް ކިއޫގެ މައްސަލަ ހައްލެއް ނުވި!
އައިޖީއެމްއެޗް ކިއޫގެ މައްސަލަ ހައްލެއް ނުވި!

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާއި ޓެސްޓުތައް ހަދަން 10،000 އަށް ވުރެ ގިނަ މީހުންގެ ބޮޑު ކިއޫއެއް އޮންނަ މައްސަލަ އެ ހޮސްޕިޓަލުން ބުނި ތާރީހަށް ވެސް ހައްލު ނުވެ ދިގުލާން ފަށައިފި އެވެ.

އާބާދީގައި ލައްކައަކަށް ވުރެ ގިނަ މީހުން ހިމެނޭ މާލެ އިން ހިލޭ ބޭސްފަރުވާ ލިބޭ ހަމައެކަނި ހޮސްޕިޓަލުގައި ސްޕެޝަލިސްޓުންނަށް ދެއްކެނީ 2000-1000 ދެމެދުގެ އަދަދަކަށް މީހުން ތިބި ކިއޫއެއްގައި ޖެހިގެންނެވެ. ރަށްރަށުން ވެސް ގިނަ އަދަދެއްގެ މީހުން ޑޮކްޓަރަށް ދައްކަން ދާ އެ ހޮސްޕިޓަލުން އެޕޮއިންޓްމެންޓެއް ހަމަޖެހެން އަދި ޓެސްޓެއް ހައްދަން ވެސް އެތައް މަހެއް ނަގާ ކަމުގެ ޝަކުވާ އިންތިހާ އަށް ބޮޑެވެ.

އެ މައްސަލައިގައި މިދިޔަ ސެޕްޓެމްބަރު މަހު އައިޖީއެމްއެޗުން ބުނި ގޮތުގައި ބޮޑު "ބެކްލޮގެއް" އުފެދިފައި އޮތް މައްސަލަ މަހެއްގެ ތެރޭގައި ހައްލު ވާނެ އެވެ.

ނަމަވެސް އިއްޔެ ވަކިވަކި ޑިޕާޓްމަންޓުތަކަށް ގުޅައިގެން ކިއޫގައި ތިބި މީހުންގެ އަދަދު ބެލިއިރު އަދިވެސް އެ މައްސަލަ ހައްލު ނުވާ ކަން ވަނީ އެނގިފަ އެވެ. އެތެރެ ހަށީގެ ޑޮކްޓަރަކަށް ދެއްކުމަށް ކިއޫގައި އިއްޔެ އާ ހަމައަށް 1250 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. ސައިކޭޓްރިސްޓަކަށް ދައްކަން 2800 އަށް ވުރެ ގިނަ މީހުންގެ ކިއުއެއް އޮތް ކަމަށް އެ ހޮސްޕިޓަލަށް ގުޅުމުން ބުންޏެވެ.

ލޮލުގެ ބަލިތަކާ ބެހޭ ޑޮކްޓަރަށް ދެއްކުމަށް 900 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި ފުއްޕާމޭގެ ބަލިތަކާއި ޑެންޓިސްޓާއި ނާރުގެ ބަލިތަކާ ބެހޭ ޑޮކްޓަރަށް ދައްކަން ވެސް 900 އާ ގާތް ކުރާ ވަރަށް މީހުން ކިއޫގައި އެބަތިއްބެވެ.

އެކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ރަސްމީ ކޮމެންޓެއް އަދި ނުލިބެ އެވެ.

ނަމަވެސް އެ މައްސަލާގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާ "މިހާރު"ން ސުވާލު ކުރުމުން އޭނާ ވިދާޅުވި ގޮތުގައި "އައިޖީއެމްއެޗްގެ އިދާރީ ކަންކަމަކީ މިނިސްޓްރީ އާ ބެހޭ ކަމެއް ނޫނެ"ވެ. އެއީ އެތަނެއްގައި އޮންނަ ބޯޑަކުން އަމިއްލަ އަށް ހައްލުކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހެލްތު މިނިސްޓްރީ އަކީ ހޮސްޕިޓަލް ހިންގާ ބައެއް ނޫން. މިނިސްޓްރީން ދޭނީ ގައިޑްލައިން، ނެރޭނީ ރޫލްސް. އެހެން މީހުން ހިންގާނީ،" ނަސީމް ވިދާޅުވި އެވެ.

ނަމަވެސް ނަސީމް ވަނީ، ނަފްސާނީ ބަލިތަކުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ހާއްސަ ސަމާލު ކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އެއީ އައިޖީއެމްއެޗްގައި ވެސް އެންމެ ޑިމާންޑް ބޮޑު އެއް ޑިޕާޓްމަންޓެވެ.

"ކިހިނެއް އައިޖީއެމްއެޗުން އެކަނި އެ ހުރިހާ ނަފްސާނީ ބަލި މީހުން ބަލާނީ. ނުވާނެ އިނގޭތޯ. އަސްލު މައްސަލައަކީ އަތޮޅުތެރޭގައި އެ ހިދުމަތް ގާއިމްވެފައި ނެތުން،" ނަސީމް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި ކިއޫތައް ބޮޑުވުމުގެ މައްސަލަ ހައްލު ނުވާތީ ގިނަ ބަޔަކު ސަރުކާރަށް ފާޑު ކިޔަ އެވެ. އަދި އޭޑީކޭ ފަދަ ހޮސްޕިޓަލްތަކުގައި އޮންނަ ގޮތަށް އައިޖީއެމްއެޗްގެ ސްޕެޝަލިސްޓުން ވެސް ރޭގަނޑު ޑިއުޓީ އަށް ނެރުމާއި، ޑޮކްޓަރުންގެ އަދަދު އިތުރު ކުރުމާއި، ކްލިނިކުތަކުގައި މަސައްކަތް ނުކުރެވޭ ގޮތަށް ހެދުމާއި، މުސާރަ ބޮޑުކުރުން ފަދަ ބަދަލުތައް ގެނެސްގެން އެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.