21 ނޮވެމްބަރ 2021 - 22:44

ގްރަނާޑާ (ނޮވެމްބަރު 21) - ސްޕެނިޝް ލީގުގައި މިރޭ ރަށުން ބޭރުގައި ގްރަނާޑާއާ ވާދަކޮށް 4-1 އިން މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑު އަލުން ޓޭބަލްގެ އެއްވަނަ އަށް އަރައިފި އެވެ.
މެޗުގެ ކޮންމެ ހާފެއްގައި ރެއާލް މެޑްރިޑުން ދެ ލަނޑު ޖެހިއިރު، 17 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައިދިނީ މާކޯ އަސެންސިއޯ އެވެ. އޭގެ ހަ މިނިޓު ފަހުން ދެވަނަ ލަނޑު ޖަހައިދިނީ ޓޯނީ ކްރޫސް ނަގައިދިން ކޯނަރަކުން ޑިފެންޑަރު ނާޗޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރަނާޑާއަށް ފަރަގު ކުޑަކޮށްދިނީ އެޓީމަށް ކުޅޭ ކޮލަމްބިއާގެ ޒުވާން ފޯވަޑް ލުއިސް ސުއަރޭޒް އެވެ.
ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓުގައި ރެއާލްގެ ތިންވަނަ ލަނޑު ޖަހައިދިނީ ބްރެޒިލްގެ ޒުވާން ފޯވަޑް ވިނީޝަސް ޖޫނިއާ އެވެ. މިއީ ވިނީޝަސް މި ސީޒަނުގައި ލަ ލީގާގައި ޖެހި 10 ވަނަ ލަނޑެވެ. އޭނާއަށް ވުރެ ގިނައިން ރެއާލަށް މިސީޒަނުގައި ގޯލު ޖަހައިދީފައި ވަނީ ކެޕްޓަން ކަަރީމް ބެންޒެމާ އެވެ.
މެޗުގެ 67 ވަނަ މިނިޓުގައި ގްރަނާޑާގެ މޮންޗޫ އަށް ދެއްކި ރަތް ކާޑަށް ފަހު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ. ރަތް ކާޑު ދެއްކިތާ ނުވަ މިނިޓު ފަހުން ރެއާލްގެ ހަތަރުވަނަ ލަނޑު ޖެހީ ފުލްބެކް ފާލަންޑް މެންޑީ އެވެ.
މި ނަތީޖާއާ އެކު ރެއާލް މެޑްރިޑު އެއްވަނައިގައި އޮތީ ކުޅުނު 13 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސެވިއްޔާ އާއި ތިންވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް 28 ޕޮއިންޓް ލިބިފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ހަތަރު ވަނައިގައި އޮތީ 26 ޕޮއިންޓާ އެކު އެވެ.
ތާވަލުގެ ހަވަނައިގައި އޮތް ބާސެލޯނާ އާއި އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު 10 ޕޮއިންޓުގެ ތަފާތު އެބައޮތެވެ. ރެއާލް ލީގުގައި މިހާތަނަށް ހަމައެކަނި ބަލިވީ، ރޭ ބާސެލޯނާއާ ވާދަކޮށް ބަލިވި އެސްޕަނިޔޯލް އަތުންނެވެ.
ރެއާލް ދެން ނުކުންނާނީ ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހުގެ ރޭ މޯލްޑޯވާގެ ޝެރިފް ޓިރާސްޕޯލާ ދެކޮޅަށެވެ. އެޓީމުން ވަނީ ރެއާލްގެ ދަނޑުގައި ކުޅުނު މެޗު 2-1 އިން ކާމިޔާބު ކޮށްފަ އެވެ.