21 ނޮވެމްބަރ 2021 - 21:14

އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް ފަހު ކްލާހަށް ހާޒިރުވެގެން ޓެސްޓް ހެދުމަށް ދެކޮޅު ހަދައި، އިސްލާމިކް ޔުނިވާސިޓީގައި ކިޔަވަމުން އަންނަ 300 އަށް ވުރެ ގިނަ ދަރިވަރުންގެ ސޮޔާ އެކު ޕެޓިޝަނެެއް ހުށަހަޅައިފި އެވެ.
ޕެޓިޝަން ހުށަަހެޅުމުގައި އިސްކޮށް އުޅުނު ދަރިވަރަކު، "މިހާރު" އަށް ކިޔައިދިން ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކުރުމާ އެކު ކްލާސްތައް އޮންލައިންކުރި ގޮތަށް އަދިވެސް އެ ޔުނިވާސިޓީގެ ކިޔެވުން ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އެކަމަކު މިފަހަރު ޔުނިވާސިޓީން ނިންމާފައި އޮތީ އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިޔަ ނަމަވެސް އިމްތިހާނު ހޯލަށް ހާޒިރުކޮށްގެން ޓެސްޓް ކުރިއަށް ގެންދާ ގޮތަށެވެ.
އެހެންވެ، އެކަމާ ދެކޮޅަށް ކުދިން ނުކުތީ އޮންލައިން ކްލާސްތަކުގައި އެ ދަރިވަންނަށް ކްލާހަށް ހާޒިރުވެގެން އިމްތިހާނު ހެދޭ ފެންވަރަށް ކިޔަވައި ނުދެވޭ ކަމަށް ބުނެ އެވެ.
އެ ދަރިވަރު ބުނީ، އޮންލައިންްކޮށް ކިޔަވައިދިނުމަށް ފަހު ފިޒިކަލް ކްލާހެއްގައި ބައިވެރިވެވޭނެ ފަދަ ފެންވަރަކަށް އެ ކުދިންނަށް ކިޔަވައި ނުދެވޭ ކަމަށް ލެކްޗަރާ އިން ވެސް ބުނާ ކަމަށެވެ.
އެ ދަރިވަރު ބުނީ އޮންލައިންކޮށްް ކިޔެވުން ކުރިއަށް ގެންދިއުމުން ވަރަށް ބޮޑެތި ތަކުލީފުތަކެއް ދަރިވަރުން އުފުލަން ޖެހޭ ކަމަށެވެ. ކަނޑައަޅާފައި އޮންނަ ގަޑިއަށް ކްލާސްތައް ނުފެށުމާއި ނިންމަން އޮންނަ ވަގުތަށް ވުރެ މާކުރިން ކްލާސް ނިންމުމާއި އިންޓަނެޓްގެ ދަތިތައް ކުރިމަތިވާ ކަމަށް ބުންޏެވެ.
އޭނާ ބުނީ ކޮވިޑާ ގުޅިގެން އޮންލައިންކޮށް ކްލާސްތައް ގެންދިއުމުގައި އަމަލުކުރާނެ ގައިޑްލައިނެއް އައިޔޫއެމް އިން އެކުލަވާލި ނަމަވެސް އެއާ އެއްގޮތަށް އަމަލުކުރަމުން ނުދާ ކަމަށެވެ.