09 ޑިސެމްބަރ 2016 - 10:17

ބާސެލޯނާ (ޑިސެމްބަރު 9) – އަންނަ ސީޒަން ފެށުމުގެ ކުރިން ބާސެލޯނާއާ އެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށް އެ ކްލަބުން، ބްރެޒިލްގެ ޝަޕޮކޮއެންސް އަށް ދައުވަތު ދީފި އެވެ.
ކޮޕަ ސުޑަމެރިކާނާގެ ފައިނަލުގައި ވާދަކުރަން ކޮލަމްބިއާ އަށް ދަތުރުކުރަނިކޮށް މަތިންދާބޯޓް ވެއްޓި ޝަޕޮކޮއެންސްގެ ކުޅުންތެރިންނާއި އޮފިޝަލުން މަރުވެފައިވާ ބާސެލޯނާ އިން ބުނީ މި މެޗު ކުޅޭނީ މި ހާދިސާގައި ގެއްލުން ލިބުނު އެންމެންގެ ޝަރަފުގައި ކަމަށެވެ.
ބާސެލޯނާ އިން ޝަޕޮކޮއެންސް އަށް ދައުވަތު ދީފައިވަނީ ކޮންމެ ސީޒަނެއް ފެށުމުގެ ކުރިން އެ ކްލަބުން ކުޅޭ ޔޮއާން ގެމްޕާ ޓްރޮފީ މެޗަށެވެ. މި މެޗަށް މީގެ ކުރީ އަހަރުތަކުގައި ބާސެލޯނާ އިން ދައުވަތު ދީފައިވާ ކްލަބްތަކުގެ ތެރޭގައި ޖަރުމަނުގެ ބަޔާން މިއުނިކާއި އިންގްލެންޑުގެ މެންޗެސްޓާ ސިޓީ އާއި އިޓަލީގެ އޭސީ މިލާނާއި އިންޓަގެ އިތުރުން ބްރެޒިލްގެ ސަންތޯސް އާއި އާޖެންޓީނާގެ ބޮކާ ޖޫނިއާސް ހިމެނެ އެވެ.
ޝަޕޮކޮއެންސްގެ ތިން ކުޅުންތެރިން ފިޔަވައި އެހެން އެންމެން މަރުވި ހާދިސާ އަށް ފަހު އެ ކްލަބް އަލުން ބިނާކުރަން ކުރަމުން އަންނަ މަސައްކަތަށް ގިނަ ބަޔަކު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ބްރެޒިލްގެ ބައެއް ކްލަބްތަކުން ޝަޕޮކޮއެންސް ކުޅުންތެރިން ލޯން އުސޫލުން ދީފައިވާއިރު ބާސެލޯނާގެ ކުރީގެ ތިން ކުޅުންތެރިން ކަމަށްވާ ރޮނާލްޑީނިއޯ އާއި ހުއާން ރޯމަން ރިކުއެލްމޭ އަދި ގުޔޯންސަން ޝަޕޮކޮއެންސް އަށް ކުޅެދޭން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ހާދިސާއާ ގުޅިގެން ކޮޕަސުޑަމެރިކާނާގެ ފައިނަލް މެޗު ކެންސަލްކޮށްފައިވީ ނަމަވެސް ފައިނަލުގައި އެ ޓީމު ވާދަކުރަން ހަމަޖެހިފައި އޮތް ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއަނަލްގެ އެދުމުގެ މަތިން ދެކުނު އެމެރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ވަނީ ޝަޕޮކޮއެންސް އަށް ޗެމްޕިއަންދީފަ އެވެ. އެއާ އެކު އެ ޓީމަށް ވަނީ ދެކުނު އެމެރިކާގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ކޮޕަލިބެޓެޑޯރެސް އިން ފުރުސަތު ލިބިފަ އެވެ.