ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދައިފި
ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދައިފި

ޒަޕޮރީޒިއާ، ޔޫކްރޭން (ޑިސެމްބަރު 9) – ޔޫކްރޭނުގެ ޒޯރްޔާ ލުހަންސްކް އަތުން 2-0 އިން މޮޅުވެ ޔުއެފާ ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފި އެވެ.

ޕްރިމިއާ ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޔުނައިޓެޑުން ޔޫރަޕުގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދީ 12 ޕޮއިންޓާ އެކު ގްރޫޕް އޭ ގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕް ކާމިޔާބުކުރީ 13 ޕޮއިންޓާ އެކު ތުރުކީގެ ފެނަބާޗޭ އެވެ. ހަތް ޕޮއިންޓާ އެކު ތިން ވަނަ އަށް ދިޔަ ފެޔަނޫޑާއި ދެ ޕޮއިންޓާ އެކު ފުލަށް ދިޔަ ޒޯރްޔާ ވަނީ ކަޓައިފަ އެވެ.

ރަށުން ބޭރުގައި ރޭ ޔުނައިޓެޑް ކުޅުނު މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ފަހަކަށް އައިސް ފުރަތަމަ އެގާރައިން ފުރުސަތު ލިބެން ފެށި ހުނަރުވެރި މިޑްފީލްޑަރު ހެންރިކް މިކިތާރިޔަން އާއި ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗެވެ. ދެ ލަނޑު ވެސް ފެނިގެން ދިޔައީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ގެންއުޅުނުއިރު ޕައުލް ޕޮގްބާ އާއި ވޭން ރޫނީ ވަނީ ހަމަލާތައް ފޮނުވާލައިފަ އެވެ.

މުބާރާތުގެ ފޭވަރިޓުންގެ ޓެގް ޔުނައިޓެޑުގައި އަޅުވާފައިވީ ނަމަވެސް ގްރޫޕުގެ ދެ ވަނަ އަށް ދިއުމުން ދެ ވަނަ ބުރުގައި އެ ޓީމު ލައްވާލާނީ ގްރޫޕެއްގެ އެއް ވަނަ ޓީމަކާ އެވެ. އެ ޓީމު ވާދަކުރަން ޖެހިދާނެ ޓީމުތަކުގެ ތެރޭގައި އިޓަލީގެ ރޯމާ އާއި ފިއޮރެންޓީނާގެ އިތުރުން ނެދަލެންޑްސްގެ އަޔަކްސް އާއި ޖަރުމަނުގެ ޝާލްކާ ހިމެނެ އެވެ.

ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މިދިޔަ ހަފުތާތަކުގައި އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ނުހޯދުނަސް މޮޅަށް ކުޅެފައިވާ ކަމަށާއި ރޭގެ މެޗުގައި އެ ޓީމުން މޮޅަށް ކުޅެ ތިން ޕޮއިންޓް ހޯދުމުން ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރެމެންގެ އަތުގައި މެޗުގެ ކޮންޓްރޯލް އޮތީ. ޑިފެންސިވްކޮށް ބަލާއިރު ޒޯރްޔާ ރަނގަޅަށް ކުޅުނު. އެކަމަކު ޖުމްލަކޮށް ބަލާއިރު އަހަރެމެން މޮޅުވުން ހައްގު މެޗެއް މިއީ. ހައްގު ނަތީޖާއެއް މި ލިބުނީ،" މޮރީނިއޯ ބުންޏެވެ.