އަޑުބަރޭ އަންނަ ސީޒަނުގައި ވެސް ފެންނާނީ މާޒިޔާ އިން
އަޑުބަރޭ އަންނަ ސީޒަނުގައި ވެސް ފެންނާނީ މާޒިޔާ އިން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އަންނަ ސީޒަނުގައި ވެސް އެ ޓީމަށް ކުޅެން ނިންމައިފަ އެވެ.

އަޑުބަރޭ އަކީ މި ސީޒަނުގައި މާޒިޔާ އިން އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރިިއިރު ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ.

"އަންނަ ސީޒަނުގައި ވެސް ފެންނާނީ މާޒިޔާ އިން. ދެ ތިން ކްލަބަކުން އޮފާ ލިބިފައި އޮއްވައި މާޒިޔާގައި މަޑުކުރަން މި ނިންމީ. މި ވަގުތު އެންމެ ރަނގަޅު ނިންމުމަކީ މިއީ ކަމަށް ގަބޫލުކުރަނީ،" އަޑުބަރޭ ބުންޏެވެ.

މާޒިޔާގެ އޮފިޝަލަކު "މިހާރަ"ށް ބުނީ އަޑުބަރޭގެ އިތުރުން ވެސް ޓީމުގައި ދެން ތިބި މުހިއްމު ކުޅުންތެރިން މަޑުކުރުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އަންނަ އަހަރު ވެސް އެ ކުޅުންތެރިން މާޒިޔާ އިން ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެ ކްލަބުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވެސް ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.

ކުރިން ވިކްޓަރީ ސްޕޯޓްސް ކްލަބަށާއި ވީބީ އައްޑޫ އެފްސީ އަދި ބީޖީ ސްޕޯޓްސް އަށް ކުޅުނު އަޑުބަރޭ ފުރަތަމަ މާޒިޔާ އަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. އެހެން ނަމަވެސް ޖެހިގެން އައި ސީޒަނުގައި އޭނާ ފެނުނީ ނިއު ރޭޑިއަންޓުންނެވެ. އެ ކްލަބުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު އަޑުބަރޭ ދެ ވަނަ ފަހަރަށް މާޒިޔާ އަށް ބަދަލުވީ މި އަހަރު އެވެ.

ސިޔާސީ މައްސަލައެއްގައި ދެ ފަހަރެއްގެ މަތިން އަޑުބަރޭ މި އަހަރު ބަންދުކުރުމާ ގުޅިގެން އޭނާ އަށް ބައެއް މުހިއްމު މެޗުތައް ގެއްލުނެވެ. އެކަމަކު ކުޅުނު މެޗުތަކުގައި އަޑުބަރޭ ވަނީ ތަފާތު ދައްކައިފަ އެވެ. ހާއްސަކޮށް ގައުމީ ޓީމުގެ މެޗުތަކުގައި އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.