ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕް: ޑަބަލްސްގައި ދީމާގެ ޕެއާއަކީ ޗެކްރިޕަބްލިކާއި ނައިޖީރިއާގެ ކުޅުންތެރިން
ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕް: ޑަބަލްސްގައި ދީމާގެ ޕެއާއަކީ ޗެކްރިޕަބްލިކާއި ނައިޖީރިއާގެ ކުޅުންތެރިން

އަންނަ މަހު ޕޯޗްގަލްގައި ފަށާ ޓޭބަލް ޓެނިސް ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީގެ ޑަބަލްސް ޕެއާގެ ގޮތުގައި ޗެކްރިޕަބްލިކް އާއި ނައިޖީރިއާގެ ކުޅުންތެރިން ހަމަޖެހިއްޖެ އެވެ.

ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ދީމާ ވާދަކުރަނީ 15 އަހަރުން ދަށުގެ ކެޓަގަރީގަ އެވެ. އެ އުމުރުފުރާގެ ވިމެންސް ޑަބަލްސްގައި ދީމާއާ އެކު ވާދަކުރަނީ ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަން އެވެ. އޭނާ އަކީ ނައިޖީރިއާގެ މިހާރު އެންމެ އުންމީދީ ކުޅުންތެރިޔާ އެވެ. އެ އުމުރުފުރާގެ މިކްސް ޑަބަލްސްގައި ދީމާއާ އެކު ޕެއާ ވާނީ ޗެކްރިޕަބްލިކްގެ މާޓިން ސިޕް އެވެ.

ވޯލްޑް ޗެމްޕިއަންޝިޕަކަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ޓީޓީ ކުޅުންތެރިޔާ ދަނީ މުބާރާތަށް ހާއްސަކޮށް ފިޒިކަލް ޓްރޭނިންތައް ކުރިއަށް ގެންދަމުންނެވެ. އޭނާގެ ފިޒިކަލް ޓްރޭނިންތައް ކުރިއަށް ގެންދަނީ ކުރީގެ ދުވުންތެރިޔާ ނަސީރު އިސްމާއީލްގެ ނަސީރު ސްޕޯޓްސް އެކަޑަމީގަ އެވެ.

އަންނަ މަހު 2-8 އަށް ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕަށް ދީމާ ކޮލިފައިވީ ވޯލްޑް ރޭންކިންގައި އޭނާ އޮތް މަގާމުގެ ސަބަބުންނެވެ. ދީމާ އަކީ 15 އަހަރުން ދަށުގެ ދުނިޔޭގެ ރޭންކިންގެ 18 ވަނަ އެވެ. މިދިޔަ މަހު އޭނާ އޮތީ 20 ވަނައިގަ އެވެ. އޭޕްރީލް މަހު ރޭންކިންގެ، އަށް ވަނަ އަށް ވެސް ދީމާ ޖެހިލި އެވެ. އަދި 17 އަހަރުން ދަށުގެ ކެޓަގަރީން ދުނިޔޭގެ 41 ވަނައިގައި އޭޕްރީލް މަހު ހިމެނުނެވެ.

އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދި ދީމާ ވަނީ މިދިޔަ މަހު އޮމާންގެ މަސްކަޓްގައި ބޭއްވި ވޯލްޑް ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ މުބާރާތުގެ ކުއާޓާއާ ހަމައަށް އޭނާ ދަތުރު ކުރީ ޕާކިސްތާނާއި އުޒްބެކިސްތާންގެ ކުޅުންތެރިން ބަލި ކުރުމަށް ފަހު އެވެ.

ޓިއުނީޝިއާގެ ވެރިރަށް ތޫނިސްގައި ސެޕްޓެމްބަރު މަހު ބޭއްވި ވޯލްޑް ކޮންޓެންޑާ މުބާރާތުގައި ވެސް ދީމާ ވާދަކުރި އެވެ. ވޯލްޑް ކޮންޓެންޑާ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބެނީ އުމުރު ފުރައިގެ ރޭންކިންގައި ދުނިޔޭގެ ގަދަ 30 ގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނަށެވެ.