22 ނޮވެމްބަރ 2021 - 14:16

ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވުމާ ގުޅޭ 17 މައްސަލައެއް ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" ނޫހުން ފޮނުވި ސުވާލުތަކުގެ ޖަވާބުގައި އެ މިނިސްޓްރީން ބުނީ ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ 74 ޝަކުވާއެއް މިހާތަނަށް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 57 މައްސަލައެއް ބަލާ ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ބާކީ ހުރި 17 މައްސަލަ މިހާރު އަންނަނީ ބަލަމުންނެވެ. އެއީ މިދިޔަ އަހަރާއި މި އަހަރު ހުށަހެޅި ބައެއް މައްސަލަތައް ކަމަށް ހެލްތުން ބުނެ އެވެ.
ފަރުވާއާ މެދު ހިތްހަމަނުޖެހިގެން މި އަހަރު އެކަނި ވެސް 15 މައްސަލަ ހުށަހެޅި އެވެ. އެ ތަނުން ހަތަރު މައްސަލައެއް ވަނީ ބަލައި ނިންމައިފަ އެވެ.
"އެންމެ ގިނައިން ހުށަހަޅާފައިވަނީ ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ޝައްކުކުރެވޭ މައްސަލަތައް،" މިނިސްޓްރީން ފޮނުވި ޖަވާބުގައިވެ އެވެ.
މިނިސްޓްރީން ބުނީ އެ މައްސަލަތައް ބެލުމަށް ފަހު އަނގަބަހުން ނަސޭހަތްދީ އަދި ބައެއް ޑޮކްޓަރުންގެ ލައިސަންސް ސަސްޕެންޑުކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިދިޔަ ހޮނިހިރު ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މެޑިކަލް ނެގްލިޖެންސް ނުވަތަ ފަރުވާ ދިނުމުގައި އިހުމާލުވާ މައްސަލަތައް ބެލުމަށްފަހު މެޑިކަލް ކައުންސިލުން ފިޔަވަޅު އަޅާ ކަމަށެވެ.
"ފިޔަވަޅު އަޅާފައި ހުންނާނީ. ޑޮކްޓަރުން ފޮނުވާ ވެސް ލާފައި ހުންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ފަރުވާ ދިނުމުގެ ކަންކަން ބެލެހެއްޓުމަށް މެޑިކަލް ކައުންސިލްގެ ނަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ގަރާރަކުން ކައުންސިލް އުފެއްދީ 1999 ވަނަ އަހަރެވެ. އޭގެ ހަ އަހަރު ފަހުން، 2005 ވަނަ އަހަރު އެ ކައުންސިލްގެ ނަން ވަނީ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ނަމަށް ބަދަލުކޮށްފަ އެވެ.