ކްލަބް މޯލްޑިވްސް: އެމްޕީއެލް ތަށި މިލްކު ކުރިޔަނުދޭން ފެނަކަ ވަރުގަދަކޮށްފި
ކްލަބް މޯލްޑިވްސް: އެމްޕީއެލް ތަށި މިލްކު ކުރިޔަނުދޭން ފެނަކަ ވަރުގަދަކޮށްފި

މިރޭ ފަށާ، ކްލަބު މޯލްޑިވްސް އަންހެން ޑިވިޝަންގެ ތަށި މިލުކުކުރަން ނުކުންނަ އެމްޕީއެލް އަށް ހުރަސް އަޅަން ފެނަކައިން ވަރުގަދަ ޓީމެއް އެކުލަވައިލައިފި އެވެ.

ކްލަބް މޯލްޑިވްސް: އެމްޕީއެލް ތަށި މިލްކު ކުރިޔަނުދޭން ފެނަކަ ވަރުގަދަކޮށްފި
ކްލަބް މޯލްޑިވްސް: އެމްޕީއެލް ތަށި މިލްކު ކުރިޔަނުދޭން ފެނަކަ ވަރުގަދަކޮށްފި

ކްލަބް މޯލްޑިވްސްގެ "16/30 ވިމެން ފުޓްސަލް ފިއެސްޓާ" ގެ ފުރަތަމަ މެޗުގައި މިރޭ އެމްޕީއެލް ނުކުންނާނީ ފެނަކައާ ދެކޮޅަށެވެ. އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ އެމްޕީއެލް އެވެ. މިއީ އެ ޓީމުން ތަށި މިލުކުކުރަން ނުކުންނަ ފަހަރެވެ. އެކަމަކު ފެނަކައިން ތިބީ އެ ފުރުސަތު އެމްޕީއެލް އަށް ދޭގޮތަކަށް ނޫނެވެ.

ފެނަކަ ޓީމުގެ ކޯޗު އަހްމަދު އިބްރާހިމް ނަބީލް ބުނިގޮތުގައި ފިލިިޕީންސްގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔަކާއި އެ ގައުމުގެ ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިއެއް ފެނަކައިން ގެނައީ މުބާރާތުގެ ތައްޓަށް އަމާޒުކޮށްގެންނެވެ.

"މި ޓީމުގެ ރޫހް ހުރިގޮތަށް ބަލާއިރު ތަށި ނޫން އެއްޗެއް މި ކުޅުންތެރިން ބޭނުމެއް ނުވޭ،" ނަބީލް ބުންޏެވެ.

ފެނަކަ ޓީމުން ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބ. އަތޮޅަށް ދަތުރުކޮށް ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އަތޮޅުގެ ހަތަރު ރަށަކަށް ޒިޔާރަތްކޮށް މެޗުތައް ކުޅުނެވެ. ނަބީލް ބުނީ ޓީމު އެކުގައި ޓްރޭނިން ކޭމްޕް ދިއުމުގެ ސަބަބުން ކުޅުންތެރިންގެ މެދުގައި ރަނގަޅު ގުޅުމެއް އުފެދިފައިވާ ކަމަށެވެ.

ފެނަކައިން 2019 ވަނަ އަހަރު ތަށި އުފުލާލި ކުޅުންތެރިން އެ ޓީމުގައި އެބަތިއްބެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މުބާރާތް ބާއްވައިފައެއް ނުވެ އެވެ. ގައުމީ އަންހެން ޓީމުގެ ކުޅުންތެރިން ހިމެނޭ ޓީމާއެކު އެމްޕީއެލް ވެސް އޮތީ މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވެފަ އެވެ. ބިދޭސީ ކުޅުންތެރިންގެ ގޮތުގައި އެ ޓީމުން ގެނައީ މީގެ ކުރިން ކްލަބު މޯލްޑިވްސްގައި ކުޅެފައިވާ ކުޅުންތެރިންނެވެ. އެ ޓީމަށް ގެނައީ އިރާންގެ ގޯލް ކީޕަރަކާއި ތަޖަކިސްތާންގެ ފޯވާޑެކެވެ.

އެމްޕީއެލްގެ ކޯޗު މުހައްމަދު އަފްލާހު ބުނީ އޭނާގެ ޓީމުގެ ތަޖުރިބާ އަކީ މުބާރާތާ ކުރިމަތިލާއިރު އޮތް އެންމެ ބޮޑު އެޑްވާންޓޭޖް ކަމަށެވެ. އެމްޕީއެލް ޓީމުން ވަނީ ކުރު ޓްރޭނިން ކޭމްޕެއް ހިންމަފުށީގައި ކުރިއަށް ގެންގޮސްފަ އެވެ.

"ތަށި މިލުކުކުރަން ނުކުންނައިރު ޓީމު އޮތީ ވަރަށް މޯޓިވޭޓް ވެފައި،" އަފްލާހު ބުންޏެވެ. "އަޅުގަނޑުމެންނަށް ރަނގަޅަށް ތައްޔާރުވެވިއްޖެ."

ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ ފުޓްސަލް މުބާރާތުގެ މި ފަހަރުގެ އެޑިޝަން ކުރިއަށް ދާނީ ހުޅުމާލޭގެ ފުޓްސަލް ދަނޑުތައް ހިމެނޭ ސަރހައްދުގައި އޮންނަ ދެ ދަނޑުގަ އެވެ. ދެ ދަނޑުގައި ވެސް މެޗުތައް ކުޅޭނެ އެވެ. މުބާރާތުގެ 42 މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެ އެވެ.

އެމްޕީއެލް އާއި ފެނަކަ ވާދަކުރާ މެޗު ފަށާނީ މިރޭ 8:15 ގަ އެވެ. ހަމަ އެ ގަޑީގައި ފިރިހެން ޑިވިޝަންގައި އެންމެ ފަހުގެ ޗެމްޕިއަން ބީއެމްއެލް އާއި އެޗްޑީސީ ކުޅޭ މެޗު ވެސް ފަށާނެ އެވެ. އަންހެން ޑިވިޝަންގައި މިރޭ ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އެވެ. ފިރިހެން ޑިވިޝަންގެ ދެވަނަ މެޗުގައި ނުކުންނާނީ ކްލަބު އިމިގްރޭޝަން އާއި ދިރާގެވެ.