ރާއްޖޭގައި ކޮރަޕްޝަން ދަނީ އާދައިގެ ކަމަކަށް ވަމުން: ފާރިސް
ރާއްޖޭގައި ކޮރަޕްޝަން ދަނީ އާދައިގެ ކަމަކަށް ވަމުން: ފާރިސް

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ޕީޕީއެމް އުފެއްދުމުގެ މައިގަނޑު އެއް ބޭނުން ކަމަށާއި ނަމަވެސް ކޮރަޕްޝަންގެ ހާލަތު މިހާރު މާ ބޮޑަށް ގޯސްވެ، އެއީ އާދައިގެ ކަމަށް ވަމުންދާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮރަޕްޝަން ދަނީ އާދައިގެ ކަމަކަށް ވަމުން: ފާރިސް
ރާއްޖޭގައި ކޮރަޕްޝަން ދަނީ އާދައިގެ ކަމަކަށް ވަމުން: ފާރިސް

މިއަދު ފާހަގަކުރާ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހާ ގުޅުވައިގެން "މިހާރު" އާ ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ، މީގެ ފަސް އަހަރު ކުރިން ޕީޕީއެމް ވުޖޫދަށް އައިއިރު، ރާއްޖޭގައި ކޮރަޕްޝަންގެ ކަންކަން އޮތީ ވަރަށް ބޮޑުވެފައި ކަމަށެވެ. އެހެންވެ ޕީޕީއެމް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕީޕީއެމަކީ ކޮރަޕްޝަނާ ދެކޮޅު ޕްލެޓްފޯމެއްގެ ގޮތުގައި ހެދުމުން، ބޭރުގެ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިންގެ ތާއީދު ވެސް އެކަމަށް ލިބުނު ކަމަށް ފާރިސް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮރަޕްޝަން ދަނީ އާދައިގެ ކަމަކަށް ވަމުން: ފާރިސް
ރާއްޖޭގައި ކޮރަޕްޝަން ދަނީ އާދައިގެ ކަމަކަށް ވަމުން: ފާރިސް

"އޭރުގައި ވަރަށް އުންމީދާ އެކު [ކޮރަޕްޝަނާ ދެކޮޅަށް] އެންމެން ވެސް މަސައްކަތް ކުރީ. އޭރުގައި އެކަށީގެންވާ ކުރިއެރުންތަކެއް ވެސް ގެނެވުނު ކަމަށް އަޅުގަނޑު ގަބޫލުކުރާނީ. ނަމަވެސް މިއަދާ ހަމައަށް އައިއިރު، ރާއްޖޭގައި ކޮރަޕްޝަންގެ ކަންކަން މިއޮތީ ޕީޕީއެމް އުފެއްދި އިރަށް ވުރެ މާ ގޯސްކޮށް،" ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮރަޕްޝަން ދަނީ އާދައިގެ ކަމަކަށް ވަމުން: ފާރިސް
ރާއްޖޭގައި ކޮރަޕްޝަން ދަނީ އާދައިގެ ކަމަކަށް ވަމުން: ފާރިސް

"މިއީ ވަރަށް ގާތުން ފެންނަ ކަންކަން. ޕީޕީއެމްގެ އަސްލު އުސޫލުތަކާއި މަގުސަދުތަކާ ހިލާފަށް މިހާރުގެ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅިފައި މިހުރީ. އަދި މަސައްކަތްތައް ވެސް ދަނީ އެހެން. އެއީ ހިތާމަކުރާ ކަމެއް."

އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި އެކި ގޮތްގޮތަށް ކޮރަޕްޝަންގެ އަމަލުތައް ދަނީ ހިންގަމުންނެވެ. އެގޮތުން އެކިއެކި މަޝްރޫއުތައް ހަވާލުކުރުމުގެ ތެރޭގައި ނަހަމަ ކަންކަން ހިންގުން ވެސް ފާހަގަކުރެވޭ ކަމަށް ފާރިސް ވިދާޅުވި އެވެ. މީގެ އިތުރުން މަޝްރޫއުތަކަށް ހިނގާ ހަރަދަށް ވުރެ މާ ބޮޑު އަދަދެއް އިތުރަށް ޖަހާ ކަމަށް އެކި މީސްހުންގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށް ފާރިސް ވިދާޅުވި އެވެ.

"ޕަބްލިކް ޕްރޮޖެކްޓްތައް ކަމަށް ވަންޏާ މިއީ ރައްޔިތުންގެ ފައިސާ. އޭގެ ތެރޭގައި ކޮރަޕްޝަންގެ ކަންތައް އެބަހިމެނޭ،" އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ބީލަމަށް ނުލައި މަޝްރޫއުތައް ހަވާލުކުރުމުގެ ދޮރު ހުޅުވި، އެކި ފަރާތްތަކުން ނަހަމަ ގޮތުގައި ފައިސާ ނަގާ ކަމަށް އެތައް ބަޔަކު ގަބޫލުކުރާ ކަމަށެވެ.

ފާރިސް ވިދާޅުވީ ސިޔާސީ ކަންކަން ނިންމުމުގައި ފައިސާގެ ދައުރު މިހާރު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ފައިސާގެ ބޮޑު މުއާމަލާތެއް ނުހިންގައި ސިޔާސީ ގިނަ ކަންކަން ނުނިމޭ ކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި ގިނަ ބަޔަކު ވެސް އެގޮތަށް ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެެ. އަދި ސަރުކާރުގެ ތެރެއިން އެކި ކަންކަމަށް ނުފޫޒު ފޯރުވުން ވެސް އާންމު ވަމުންދާ ކަމަށް ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ލިބޭ މުސާރައާ ނުބައްދަލު މިންވަރަކަށް އެ މެމްބަރެއްގެ ދާއިރާ އަށް ހަރަދު ކުރަންޖެހޭ ސަގާފަތެއް މިހާރު އަށަގެންފައިވާ ކަމަށެވެ. އޭގެ ނަތީޖާ އަކީ އޭނާ ވިދާޅުވި ގޮތުގައި، އެކަމަށް މެމްބަރުންނާއި ދާއިރާގެ ރައްޔިތުން ވެސް އާދަވުމެވެ. ނުވަތަ އެއީ އާދައިގެ ކަމަކަށް ވުމެވެ.

"އަދި މި ސަގާފަތް ދަމަހައްޓައި ދިރުވައި އާލާކުރާ ބަޔަކު ވެސް އެބަތިބި ކަމަށް ފާހަގަކުރެވޭ. އެއްވެސް މީހަކު އެ މީހަކަށް ހައްގު ގޮތުގައި ލިބޭ އާމްދަނީގެ އިތުރުން ހަރަދު ކުރަންޖެހޭ ކަމަށް ވަންޏާ ނުރަނގަޅު ކަންތައްތަކެއް ހިނގާނެ. މިއީ ބަލައިގަންނަންޖެހޭނެ ކަމެއް ނޫން،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީޑީޕީގެ ނިސްބަތުން ރާއްޖޭގައި މީހަކަށް ޖެހޭ އާމްދަނީ މަތީގައި އުޅޭއިރު، ވަޒީފާތައް ދިރުވައި، ކޮންމެ ވަޒީފާއަކަށް ދާ މީހަކަށް ވެސް އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ. އަދި އެއީ ފުއްދުންތެރި ބަޔަކު އުފެއްދުމަށް ވެސް މަގުފަހިވާނެ ކަމެއްގެ ގޮތުގައި ފާރިސް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މީޑިއާގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅާ ކަމަށާއި އެއީ ކޮރަޕްޝަން ނައްތާލުމާ ދެކޮޅު އަމަލެއް ކަމަށެވެ. ހާއްސަކޮށް އަބުރުގެ ގާނޫނު އުފަންކޮށް، ހިންގި ކަންތައްތަކާ ގުޅިގެން ކޮރަޕްޝަންގެ އަމަލުތައް މީޑިއާގައި ރިޕޯޓް ކުރަން ޖެހިލުންވާނެ ކަން ފާރިސް ފާހަގަކުރެއްވި އެވެ.

"މިއީ ވެސް ކޮރަޕްޝަ އިތުރަށް ފުޅާކުރުމަށް ހުޅުވުނު ދޮރެއް،" އަބުރުގެ ބިލާ އެންމެ ކުރިއްސުރެ ދެކޮޅު ހައްދަވަމުން ގެންދެވި ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯޓުތަކަށް ރައްޔިތުންގެ އިތުބާރު ގެއްލުމަކީ ވެސް ކޮރަޕްޝަނަށް ހުޅުވޭ ފުރުސަތުތަކެކެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ކަންކަން ވެސް ރޭވިފައި ވަނީ "އެހެން ފަރާތަކުން" ބެލޭ ގޮތަށް ކަމަށް ފާރިސް ވިދާޅުވި އެވެ. މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތައް "ރަބަސްޓޭމްޕް" އެއްގެ ގޮތުގައި ބޭނުންކުރުމަކީ ދެރަކަމެއްގެ ގޮތުގައި ފާރިސް ފާހަގަކުރެއްވި އެވެ.

"ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅި، ތަހުގީގު ދިގުދެމިގެން ދިއުން، އަދި ވަކި ހިސާބުހިސާބަށް ތަހުގީގުގެ ސުވާލުތައް ދާން ފެށީމާ އެކަން ހުއްޓުވަން ކުރެވޭ މަސައްކަތް ނުވަތަ އެ ކަންކަމުގެ މައުލޫމާތު މީޑިއާގައި ޝާއިއު ކުރަން އުޅެންޏާ، މީޑިއާގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ކުރިމަތިކުރާ ހުރަސްތަކާއި ގޮންޖެހުންތައް ވަރަށް ފުޅާކޮށް ހިނގަމުން މިދަނީ،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރަން ބޭނުން ނަމަ މުއައްސަސާތައް ބާރުވެރި ކުރުވަންޖެހޭ ކަމަށެވެ. އަދި އެކަން ދަމަހައްޓަން ބޭނުން ނަމަ ސިޔާސީ ގޮތުންނާއި މާލީ ގޮތުން މުއައްސަސާތައް މިނިވަންކުރަންޖެހޭ ކަމަށް ފާރިސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓް ފާސްކުރާއިރު ވެސް، އެންމެ ބޮޑަށް އަޅައިގަންނަ އެއް ކަމަކީ މިނިވަން މުއައްސަސާތައް ބާރުވެރި ކުރުވުމުގެ ވިސްނުމެއް ނުހުންނަ ކަމެވެ.

"ކިރިޔަ ކިރިޔާ ހިންގޭ ވަރަށް ބަޖެޓް މިދެނީ. އެންމެ ފަހުން ފާސްކުރި ބަޖެޓްގައި ވެސް ޖުޑިޝަރީން އެދޭ މިންވަރަށް ފައިސާއެއް ނުދެވޭ. އެހެންވީމާ ވާ ގޮތަކީ ސަރުކާރުގެ ނުފޫޒުގެ ދަށަށް ނުވަތަ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރަން މަގުފަހިވާ ގޮތަށް ކަންކަން ދާނީ،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން ބޭނުން ނަމަ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.