23 ނޮވެމްބަރ 2021 - 11:13

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ވަރު ބެލުމަށްޓަކައި އަންނަ އަހަރު ބައެއް ސްކޫލުތަކާއި ރަށްރަށުގައި ކޮމިނިއުޓީ އޮޑިޓުތަކެއް ހަދަން ނިންމާފައިވާ ކަމަށް ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފި އެވެ.

ކުޑަކުދިންގެ އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުޑަކުދިންނާ ގުޅުންހުރި އެކި އިދާރާތަކުގެ އޮޑިޓްތައް ހެދުމުގެ މަސައްކަތް އެ އޮފީހުން މިހާރު ވެސް ކުރަމުން އަންނައިރު، އޮޑްވޮކަސީގެ މަސައްކަތް ފުޅާކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރު ފެށޭނެ ކަމަށެވެ.
"ބައެއް ސްކޫލުތައް އޮޑިޓްކޮށް، އެ ސްކޫލުތަކުގެ ތެރޭގައި ހުރީ ކޮން ކަހަލަ ކަންތައްތަކެއްތޯ ބަލާނެ. ހަމަ އެގޮތަށް އަންނަ އަހަރު އަޅުގަނޑުމެން ކުރާނެ ކޮމިނިއުޓީ އޮޑިޓެއް ވެސް. އެއީ އެއް ރަށެއްގައި ހުރި ހުރިހާ މުއައްސަސާތަކުގެ [ކުޑަކުދިންނާ ގުޅޭ ގޮތުން ހުރި މައްސަލަތައް] އެއްކޮށް ބަލާނެ،" ނިއުމާތު ވިދާޅުވި އެވެ.
"އެއާކޮށް އަންނަނީ އެޑްވޮކަސީ މަސައްކަތްތަކެއް ވެސް ހިނގާނެ."
އަންނަ އަހަރު އެ އޮފީހުގެ އެޑޮވޮކަސީގެ މަސައްކަތް ފުޅާކުރުމަށް އެޑްވޮކަސީ އާއި ތަމްރީނުގެ ހާއްސަ ޑިޕާޓްމަންޓެއް އުފައްދަން ވެސް ވަނީ ނިންމައިފަ އެވެ.
ސްކޫލްތައް އޮޑިޓްކުރަން ނިންމިއިރު، މާލޭގައި ހުންނަ ގަލޮޅު މަދަރުސާގެ ޕްރީސްކޫލްގައި ކިޔަވާ ދަރިވަރަކަށް އެ ސްކޫލްގެ މަވައްޒަފަކު ޖިންސީ ގޯނާކުރި މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އަދި އުތުރުގެ ރަށެއްގައި ދިވެހި އަންހެން ޓީޗަރަކު އޭނާގެ 16 އަހަރުގެ ފިރިހެން ދަރިވަރަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވި އެވެ.
އެ އޮފީހުން ވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ތިބޭ ހަތް ތަނެއްގެ އޮޑިޓެއް ވެސް މި އަހަރު ހަދައިފަ އެވެ. އެ އޮޑިޓްގެ އަވަސް ރިޕޯޓުން، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ 146 ކަމެއް ފާހަގަކޮށް، އެ ކަންކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މި އޮޑިޓްތަކުގެ ބޮޑު ރިޕޯޓް ނިމުމުން އަދިވެސް އިތުރު މައްސަލަތައް ތިލަވާނެ ކަމަށް ބެލެވެ އެވެ.
މި އަހަރު އެކަނި ވެސް އެ އޮފީހަށް ކުޑަކުދިންނާ ގުޅޭ މައްސަލަތަކާ ގުޅިގެން އިދާރާތަކުން އިސްލާހު ކުރަން ޖެހޭ 272 ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ.