20 ނޮވެމްބަރ 2021 - 11:05

ޑްރަގް ވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހެއްގެ ސައިކަލާއި ގެ ބަލައި ފާސްކޮށް އެ ގެއިން ނެގި ތަކެތީގެ ލިސްޓެއް ފުލުހުން އެ މީހާއަށް ނުދިނުމުން، ޑައިމޯފިން ޓްރެފިކިންގެ ދައުވާއިން ސަލާމަތްވެއްޖެ އެވެ.
ގއ. ދާންދޫ، މިސްކިތްމަގުގެ، އިބްރާހިމް މުހައްމަދުގެ މައްޗަށް މި ދައުވާކުރީ، އޭނާ ޑްރަގް ވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ މަގުމަތިން ހުއްޓުވައި ސައިކަލު ފާސްކުރުމުގެ ތެރޭގައި ޑްރަގް ފެނުމުންނާއި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގެ ބަލައި ފާސްކުރި އިރު އެ ގެއިން ވެސް ޑްރަގް ފެނުމުންނެވެ. ގާތްގަނޑަކަށް 135 ގްރާމުގެ ޑްރަގް ފެނުނު އިރު އޭނާގެ ގެއިން ވަނީ ޑްރަގް ޕެކްކުރަން ބޭނުންކުރާ ރަބަރު ޕެކެޓުތަކާއި ކިރަން ބޭނުންކުރާ ކައްޓާ ފަދަ ތަކެތި ފެނިފައި ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި ދައުލަތުން އިބްރާހިމް މުހައްމަދު މައްޗަށް ދައުވާ ކުރުމުން ކްރިމިނަލް ކޯޓުގައި ހެކިބަސް ނެގުމުގެ މަރުހަލާގައި އޭނާ ވަނީ އޭނާގެ ސައިކަލާއި ގެ ބަލައި ފާސްކުރި އިރު ފުލުހުން ގެންދިޔަ ތަކެތީގެ އިންވެންޓްރީއެއް ނުވަތަ ލިސްޓެއް އޭނާއަށް ނުދޭ ކަމަށް ބުނެފަ އެވެ.
ޝަރީއަތުން މިކަން ސާފުކުރަން ޕީޖީ އޮފީހުގައި އެދުމުން ޕީޖީ އޮފީހުން ފޮނުވި ސިޓީއެއްގައި ވަނީ އެފަދަ ލިސްޓެއް ފުލުހުން އެކުލަވާލާފައި ނުވާ ކަމަށް ބުނެފަ އެވެ.
ކުރިން އެހެން ގާޒީއެއް ބެއްލެވި މި މައްސަލައާ ގާޒީ ހަސަން ސައީދު ފަހުން ހަވާލުވެ މިދިޔަ އަންގާރަ ދުވަހު ކުރެއްވި ހުކުމުގައި ފާހަގަކުރެއްވީ ކޯޓު އަމުރުގެ ދަށުން ތަންތަން ބަލައި ފާސް ކުރާ އިރު އެތަންތަނުން ނެގޭ ތަކެތީގެ އިންވެންޓްރީއެއް، އެ ތަކެތީގެ ވެރިފަރާތް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަރާތެއްގެ ހާޒިރުގައި އެކުލަވާލަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެވެ. އަދި އެ މީހާއަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަރާތަކަށް އެ އިންވެންޓްރީގެ ކޮޕީއެއް ދޭން ވާނެ ކަމަށް އޮންނަ ކަމަށެވެ.
މި މައްސަލައިގައި އެފަދަ އިންވެންޓްރީއެއް އެކުލަވާލައި ދައުވާ ލިބޭ ފަރާތަށް ދީފައި ނުވާތީ އެއީ އިޖުރާއަތާ ހިލާފަށް ކުރި ކަމެއްގެ ގޮތުގައި އޭނާ ހުކުމް ކުރެއްވި އެވެ. އެ ހުކުމުގައި ވަނީ ބަލައި ފާސްކުރުމުގައި އަމަލުކުރަން ގާނޫނަކުން ލާޒިމުކޮށްފައިވާ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލައިފި ނަމަ ބަލައި ފާސްކުރުން ސައްހަ ނުވާނެ ކަމަށެވެ.
އޭގެ އިތުރުން އެކަން ނުކޮށްފި ނަމަ ތުހުމަތުވާ ފަރާތުގެ ހައްގުތައް ގެއްލޭނެ ކަމަށާއި އެއީ އިންސާފުވެރި ހުކުމަކަށް ވާސިލުވުމަށް ހުރަހަކަށް ވާނެ ކަމަށެވެ.
އިބްރާހިމް މުހައްމަދުގެ މައްޗަށް ކުރި ދައުވާ ސާބިތުވި ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު 100،000ރ. އާއި 10،000،000ރ. އާ ދެމެދުގެ އަދަދަކުން އޭނާ ޖޫރިމަނާ ކުރާނެ އެވެ.