ހުޅުމާލޭ ކޯޓުން ކަނޑާލި މުވައްޒަފު ބުނަނީ ޑީޖޭއޭގެ ތުހުމަތަކީ ދޮގެއް ކަމަށް
ހުޅުމާލޭ ކޯޓުން ކަނޑާލި މުވައްޒަފު ބުނަނީ ޑީޖޭއޭގެ ތުހުމަތަކީ ދޮގެއް ކަމަށް

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް ސޯޝަލް މީޑިއާގައި ސިޔާސީ ގޮތުން ހިޔާލު ފާޅުކޮށް ދައްކާ ވާހަކަތަކާ ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އޮފިސަރުން ކަމުން ވަކިކުރި އަހުމަދު އިބްރާހީމް (ޕޯކްމޭން) އާ ބެހޭ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޮށްފައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށް އޭނާ ބުނެފި އެވެ.

އަހުމަދު މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޑީޖޭއޭ އިން އޭނާ ވަޒީފާއިން ވަކިކުރުމަށް ފަހު ދިން ލިޔުމުގައި އެ ޑިޕާޓްމަންޓުން މީޑިއާއަށް ދިން މައުލޫމާތުގައިވާ ތުހުމަތުތަކެއް ނެތް ކަމަށެވެ. ޑީޖޭއޭ އިން މީޑިއާ އަށް ދިން ދިން ޖަވާބުގައިވާ ފަދަ ސީރިއަސް ތުހުމަތުތަކެއް އޭނާއަަށް ކުރެވޭ ނަމަ މިދިޔަ ފަސް އަހަރު ދުވަހު އޭނާ އެ ވަޒީފާގައި ހުރެވުނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ. އެފަދަ ތުހުމަތެއް ކުރެވޭ މީހަކު އެހާ ދިގު މުއްދަތެއްގައި ބެހެއްޓުމުން ޑީޖޭއޭގެ ވެރިންނަށް ފިޔަވަޅު އަަޅަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޑީޖޭއޭ އިން ކުރި އެއް ތުހުމަތަކީ ހުޅުމާލެ ކޯޓަށް ހުށަހެޅި ޑްރަގް ޓްރެފިކިން މައްސަލައެއްގެ ފައިލް ގެއްލުވައިލިކަމުގެ ތުހުމަތެވެ. އޭނާ 2017 ވަނަ އަހަރު ގެއްލުވައިިލި ކަމަށް ޑީޖޭއޭއިން ބުނާ މައްސަލަ ހުޅުމާލޭ މެޖިޓްރޭޓް ކޯޓްގައި މިހާރު ވެސް ހިނގަމުންދާ ކަމަށް ވެސް ބަޔާނުގައި އަހުމަދު ބުންޏެވެ.

"[އެ] މައްސަލާގައި މިހާރު ހެކިންގެ ހެކިބަސް ނަގައި ހުލާސާ ބަޔާން ވަނީ ނަގައިފަ އެވެ. ދެން އެ މައްސަލައިގައި އޮތީ ހުކުމް ކުރުމެވެ،" ބަޔާނުގައި އޭނާ ބުންޏެވެ.

މައްސަލަ ގެެއްލުވައިލިކަމަށް ތުހުމަތުކޮށް، އެކަަން ތަހުގީގުކުރަން އުޅުނު ފަރާތްތަކަށް ބިރުދެއްކި ކަމަށް ޑީޖޭއޭއިން ފަހުން ބުނި ނަމަވެސް ޑީޖޭއޭއިން އެ މައްސަލަ ޕޮލިހަށް ހުށަނާޅާ ކަމަށް އޭނާ ބުންޏެވެ.

ޑީޖޭއޭއިން އަހްމަދަށް ކުރާ އަނެއް ތުހުމަތަކީ އޭނާ ހުޅުމާލެ ކޯޓްގައި ބޭނުންކުރި ކޮމްޕިއުޓަރެއްގެ ހާޑް ޑިސްކެއް ހަލާކުކޮށްލި ކަމުގެ ތުހުމަތެވެ. އެ ތުހުމަތަށް ރައްދު ދެމުން އޭނާ ބުނީ އެއީ ހަގީގަތެއް ނޫންކަން ހުޅުމާލެ ކޯޓުގެ އައިޓީގެ ކަންތައްތައް ބަލަހަައްޓާ މުވައްޒަފުންނަށް އެނގޭނެ ކަމަށެވެ. އެ ހާޑަށް ފިޒިކަލް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން އައިޓީ މުވައްޒަފުން ކަށަވަރުކޮށްދޭ ކަމަށާއި އެފަދަ ތުހުމަތެއް ކޮށް ޑީޖޭއޭއަށް އެކަން ހުށަހަޅާފައި ނުވާ ކަމަށް އެ މުވައްޒަފުން ބުނާ ކަަމަށް ވެސް އޭނާ ބުންޏެވެ.

އަހުމަދު ވަޒީފާއިން ވަކިކުރިކަން އަންގައި ދިން ލިއުމުގައި ސަބަބެއް ކަމަށް އޮތީ ސޯޝަލް މީޑިއާގައި ސިޔާސީ ގޮތުން ހިޔާލު ފާޅުކުރުމެވެ. އެ ތުހުމަތަކަށް އެނާ ދެކޮޅެއް ނުހަަދަ އެވެ. އޭނާގެ ބަޔާނުގައި ބުނީ ޑީޖޭއޭ އިން ތުހުމަތުތަކެއް ކޮށްފައިވަނީ އޭނާ ވަޒީފާއިން ވަކިކުރުމުން ސަރުކާރަށް ކުރިމަތިވި ފާޑުކިޔުމާ ހެދި އޭނާގެ އަބުރު ކަތިލަން ކަމަށެވެ.