ކިނޮޅަހުގައި އިބްނު ބަތޫތާގެ މަންޒިލެއް
ކިނޮޅަހުގައި އިބްނު ބަތޫތާގެ މަންޒިލެއް

މަޤްރިބްކަރައިގެ މަޝްހޫރު ސައްޔާހު އިބްނު ބަތޫތާ ރ. ކިނޮޅަސް ސިފަކުރެއްވީ މެހުމާންދާރީ ރަނގަޅު، ސުލްހަވެރި، އަމާން، ހިތްހެޔޮ ބަޔަކު ދިރިއުޅުނު އަދި ބިޔަ ގަސްތަކުން ފުރިފައި އޮތް ރަށެއްގެ ގޮތުގަ އެވެ. މީލާދީން 14 ވަނަ ގަރުނުގައި އިބްނު ބަތޫތާ ރާއްޖެ އަށް ކުރެއްވި ދަތުރުގައި އެ ރަށުން އަދާކުރި މެހުމާންދާރީ އަދިވެސް ކުޑައެއް ނުވެ އެވެ. އެ ރަށު ބަނދަރުމަތީގައި މިހާރު ހަދައިފައި ހުރި "އިބްނު ބަތޫތާ މަންޒިލް" އަކީ އެ އިހުތިރާމުގެ ނިޝާނެވެ.

ކިނޮޅަހުގައި އިބްނު ބަތޫތާގެ މަންޒިލެއް
ކިނޮޅަހުގައި އިބްނު ބަތޫތާގެ މަންޒިލެއް

"މި ރަށަށް ފައިބާއިރު މިހާރު އެންމެ ފުރަތަމަ ވެސް މަރުހަބާ ކިޔާނީ އިބްނު ބަތޫތާގެ މަންޒިލުން،" ކިނޮޅަހު ކައުންސިލްގެ ރައީސް އަހްމަދު ހުސެއިން ވިދާޅުވި އެވެ.

ކިނޮޅަހުގައި އިބްނު ބަތޫތާގެ މަންޒިލެއް
ކިނޮޅަހުގައި އިބްނު ބަތޫތާގެ މަންޒިލެއް

"އިބްނު ބަތޫތާ މަންޒިލް" އަކީ ދަތުރުމަތީގައި ކިނޮޅަހަށް މަޑުކުރާ މެހުމާނުންނާއި ރަށު ރައްޔިތުން ހިތްހަމަޖައްސާލަން ތިބެވޭނެ ގޮތަށް ފަރުމާކޮށް، އެ ރަށުގެ ބަނދަރުމަތީގައި ހުންނަ ޕާކެކެވެ.

ކިނޮޅަހުގައި އިބްނު ބަތޫތާގެ މަންޒިލެއް
ކިނޮޅަހުގައި އިބްނު ބަތޫތާގެ މަންޒިލެއް

އަހްމަދު ވިދާޅުވި ގޮތުގައި މި ޕާކަކީ އެ ރަށު ކައުންސިލްގެ މިދިޔަ ދެ ދައުރުގެ ވަރަށް ބުރަ މަސައްކަތެކެވެ. ކުރިން ވެސް ބޭނުންކުރަމުން އައި މި ޕާކަށް މިހާރު އާ ދިރުމެއް ލިބިފައި ވަނީ ކައުންސިލްގެ މި ދައުރުގައި އެ ބޭފުޅަކަށް މި ޕާކު ނިސްބަތްކުރާ އިބްނު ބަތޫތާގެ ރަމްޒުތައް ބޮޑަށް ފެންނާނެ ގޮތް ހެދުމަށްޓަކައި، މިދިޔަ މަހު އާޓިސްޓަކު ލައްވާ ކުރެހި ކުރެހުންތަކާ އެކު އެވެ؛ މިހާރު އާންމުންގެ ސަމާލުކަން މި ޕާކަށް ހުއްޓިފައި ވަނީ ވެސް މި ކުރެހުންތަކުގެ ސަބަބުންނެވެ.

މި ޕާކުގެ ފިނިއަށީގެ ފާރުގައި ހުރި ކުރެހުމަކީ އެންމެ ހާއްސަ އެއް މަސައްކަތެވެ. މި ފާރުގައި ވަނީ އިބްނު ބަތޫތާ ދުނިޔޭގެ ގައުމުތަކަށް ކުރެއްވި ދަތުރުގެ މަގު ޗާޓެވެ. ތިރީސް އަހަރުގެ ދިގު ދަތުރުފުޅުގައި އޭނާ ވަނީ ރާއްޖެ ހިމެނޭ ގޮތަށް 40 ވުރެ ގިނަ ގައުމުތަކަށް ޒިޔާރަތްކުރައްވައިފަ އެވެ. މި ކުރެހުންތައް ކުރެހީ ސިއްރު އާޓްސްގެ ނަމުގައި މަޝްހޫރު އާޓިސްޓް މުހައްމަދު ޝިރުހާން އާއި ކިނޮޅަހު ސްކޫލްގެ ދަރިވަރުންނެވެ.

"މިއީ މިހާރު އަޅުގަނޑުމެންނަށް ފޮތްތަކުން ފެންނަ އޮތް އިބްނު ބަތޫތާ ދުނިޔޭގައި ދަތުރުކުރެއްވި ރޫޓުތައް ދައްކައިދޭ ޗާޓުގެ ކުރެހުމެއް،" ޝިރުހާން ބުންޏެވެ.

އިބްނު ބަތޫތާ ރާއްޖެ އަށް ދަތުރު ކުރެއްވި ދެ ފަހަރު ވެސް ވަނީ ކިނޮޅަހަށް ވަޑައިގެންފަ އެވެ. އޭރު އެ ރަށުގައި ވެރިކަން ކުރެއްވީ ސޮމާލިއާގެ ބޭފުޅެއް ކަމަށްވާ އަބްދުލް އަޒީޒެވެ. އަބްދުލް އަޒީޒްއާ އޭނާއާ އޮތް ގާތް ރަހުމަތްތެރި ކަމުގައި ވަނީ އިބްނު ބަތޫތާ އަށް ނަވެއް ވެސް ހަދިޔާކުރައްވައިފަ އެވެ.

މި ޕާކުގެ ނަން ބޯޑުގައި ނަވެއް ބަހައްޓާފައި ވަނީ އެކަން ރަމްޒުކޮށްދިނުމަށެވެ.

އަހްމަދު ވިދާޅުވީ ކައުންސިލްގެ އަމާޒަކީ މި ޕާކު އަދިވެސް އިތުރަށް ފުރިހަމަކޮށް، އެ ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ރޯލެއް އަދާކުރާނެ ތަނަކަށް ހެދުމެވެ. ތާރީހާ ގުޅޭ ތަނެއް ކަމުން، ތާރީހީ ގިނަ ފޮތްތައް ކިޔާލެވޭނެ ކުޑަ ލައިބްރާރީއެއް ހެދުމާއި އަދިވެސް އިތުރު ބައެއް ކަންކަން ރޭވިފައި ހުރި ކަމަށް ވިދާޅުވި އެވެ.