08 ޑިސެމްބަރ 2016 - 20:11

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ބަލިވެ ރާއްޖޭގެ އުއްމީދީ ކުޅުންތެރިޔާ މައިސާ ފަތުހުﷲ މުބާރާތުން ކަޓައިފި އެވެ.
މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިވެންޓެއްގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ އަންހެން ކުޅުންތެރިޔަކު ކުޅުނު ފުރަތަމަ ފަހަރެވެ. އެހެން ކަމުން ކުއާޓާ ފައިނަލުން ކެޓި ނަމަވެސް މިއީ އުމުރުން 17 އަހަރުގެ މައިސާ އަށް ބޮޑު ކުރިއެރުމެކެވެ.
ކުއާޓާ ފައިނަލުން މައިސާ ކެޓީ މިއަދު ކުޅުނު މެޗުގައި ވިއެޓްނާމްގެ ތައި ލިިން އަތުން ބަލިވުމުންނެވެ. މުބާރާތުގައި ވެސް ހަތަރު ވަނަ އަށް ސީޑްކޮށްފައިވާ ތައި ލިން ސެޓުތައް ގެންދިޔައީ 21-02، 21-07 އިންނެވެ.
މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އަނެއް އަންހެން ކުޅުންތެރިޔާ ނަފްހާ ނަސްރުﷲ ވަނީ ފުރަތަމަ މެޗުން ބަލިވެ ސިންގަލްސް ބައިން ކަޓައިފަ އެވެ. ނަފްހާ ބަލިވީ ބަންގްލަދޭޝްގެ ދުލަލީ ހައިދަރާ ވާދަކޮށެވެ. ފިރިހެން ސިންގަލްސް އިވެންޓުގައި ޒަޔާން ޒަކީ ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް އޮތް ދެ އަހަރުގައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި ގައުމީ ޓީމުގެ ކުޅުންތެރިން ބައިވެރިކުރުވުމަށް ނިންމައިފަ އެވެ.