އީމާންކަން ފުރިހަމަ ކުރުމަށްޓަކައި އޯގާތެރި މީހަކަށް ވާންޖެހޭ
އީމާންކަން ފުރިހަމަ ކުރުމަށްޓަކައި އޯގާތެރި މީހަކަށް ވާންޖެހޭ

އީމާންތެރިކަން ފުރިހަމަވުމަށްޓަކައި މުއުމިނެއްގެ ކިބައިގައި ހުންނަން ޖެހޭ އެއް ސިފަ އަކީ އޯގާތެރިކަމުގެ ސިފަ އެވެ. މި ސިފައަކީ އިންސާނާގެ ޠަބީޢަތަށް ބަލާއިރު ވެސް އަށަގެންނެވިދާނެ ސިފައެކެވެ. އެހެންކަމުން އޯގާތެރި ހިތެއް ނެތް މީހަކީ އިންސާނިއްޔަވަންތަ ކަމުގެ ތަބީއަތާ ވެސް ބީރައްޓެހި މީހެކެވެ. އެއްކައުވަންތަ ﷲ އަށް އީމާންވާ މުއުމިނުންނަށް މި ސިފަ ލިބިގަންނަން ވަރަށް ބޮޑަށް ފަސޭހަވެ އެވެ. އެއީ އެކަމަށް މަގުފަހިވާ އެތައް ކަމެއް މި ޢަޤީދާގެ ތެރޭގައި ހިމެނޭތީ އެވެ.

މިގޮތުން ﷲ އަށް އީމާންވާ މީހެއްގެ ކިބައިގައި އޯގާތެރިކަމުގެ ސިފަ ހަރުލުމަށް އެންމެ ބޮޑު ބާރެއް ލިބޭ ސަބަބަކީ އޯގާވަންތަކަން އެއީ ﷲ ގެ ސިފަފުޅެއް ކަމުގައި ވުމެވެ. އިންސާނަކު އަޚުލާގީ ގޮތުން އެންމެ ހެޔޮ ކަމުގައި ވާނީ ﷲ ގެ ސިފަފުޅުތަކުގެ ތެރެއިން އިންސާނާއަށް އޭނާގެ ލަޔާޤަތާ އެއްގޮތްވާ ގޮތުގެ މަތިން އެ ސިފަތަކެއް ހާސިލު ކުރެވިދާނެ ފަދަ ސިފަތަކުން ސިފަލިބިގެންނެވެ. މިގޮތުން އޯގާތެރި ކަމަކީ އެފަދަ ސިފައެކެވެ. ﷲ ގެ އޯގާވަންތަ ކަމަކީ ހުރިހާ އެއްޗަކަށް އެ ޝާމިލުވެގެންވާ އޯގާވަންތަ ކަމެކެވެ. މުއުމިނެއް ކަމުގައި ވިއަސް ކާފިރެއް ކަމުގައި ވިއަސް ހެޔޮލަފާ ވިއަސް ނުލަފާ ވިއަސް އެކަލާނގެ އަދުލުވެރިކަން ނުގެއްލޭ ގޮތުގައި ރަހުމަތް ޝާމިލުވެގެން ވެއެވެ. ޖަލާލަތުގެ ލަފުޒު ކަމުގައިވާ "ﷲ" ފިޔަވައި ދެން ﷲ ގެ އިސްމުފުޅުތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ދެ އިސްމުފުޅަކީ އޯގާވަންތަކަމާ ގުޅުން ހުރި ދެއިސްމުފުޅެވެ. އެއީ "އައްރަޙްމާން" އާއި "އައްރަޙީމް" އެވެ. މި ދެއިސްމު ފުޅަކީ ކީރިތި ޤުރުއާނުގެ އެންމެ ސޫރަތެއް ފިޔަވައި ދެން ހުރިހާ ސޫރަތެއް ފެށުމުގައި ކިޔާ ބިސްމީ ގެ ތެރޭގައި ހިމެނޭ ދެ އިސްމުފުޅެވެ. މުސްލިމުން ދިރިއުޅުމުގެ ހަޔާތުގެ ކޮންމެ ދުވަހަކު މި ދެ އިސްމުފުޅު އެންމެ މަދުވެގެން 34 ފަހަރު ތަކުރާރުކޮށް ކިޔަން ޖެހެ އެވެ. މިހެންވެ މުސްލިމުންގެ ހިތްތަކުގައި އޯގާތެރިކަމުގެ ސިފަ ހަރުލުމަށް ބާރު ލިބެ އެވެ.

ﷲ ގެ އިސްމުފުޅުތަކުގެ ތެރެއިން "އައްރަޙްމާން" އިން މުއުމިނުން ދަސްކުރަންޖެހޭ ކަންކަމާ ބެހޭ ގޮތުން އިމާމް ޣަޒާލީ ވިދާޅުވަނީ، މުއުމިނަކު ނަމަ ﷲ ގެ އަޅުތަކުން ކުރެ ޣާފިލުކަން މަތީގައިވާ މީހުންނަށް އޯގާތެރިވާން ޖެހޭނެ ކަމަށެވެ. މިގޮތުން އެމީހުންގެ އެ ޣާފިލުކަމުން ދުރުހެލި ކުރުވަންވާނީ ހަރުކަށިކަން ނެތި އޯގާތެރިކަމާއި މަޑުމައިތިރި ކަމާ އެކު ދޭ ނަސޭހަތާއި ވައުޒުންނެވެ. ހަމައެފަދައިން ނުކިޔަމަންތެރިންނަށް ވެސް ބަލަންވާނީ ރަހުމަތުގެ ލޮލަކުންނެވެ. ރުޅިވެރިކަމާއި އަނިޔާކުރުމުގެ ލޮލަކުން ނޫނެވެ. އަދި މިދުނިޔެމަތީ ހިނގާ ކޮންމެ އުރެދުމެއް އެއީ ޚުދު ތިމާއަށް ވެވުނު އުރެދުމެއް ކަމަށް ބަލައި ﷲ ގެ ކޯފާއާއި އަޒާބުން މީސްތަކުން މިންޖުކޮށްދޭން އޯގާތެރިކަމާއި މަޑުމައިތިރި ކަމާ އެކު މަސައްކަތް ކުރަން ޖެހޭނެ އެވެ. "އައްރަޙީމް" މި އިސްމުފުޅުން ދަސްކުރަންޖެހޭ އެއްކަމަކީ ބޭނުމަކު ޖެހިފައިވާ ކޮންމެ މީހެއްގެ ބޭނުން ފުއްދައިދިނުމުގައި ވެވުނު އެންމެ މަތީ ދަރަޖައަކުން މަސައްކަތް ކޮށްދިނުމެވެ. އަދި ތިމާގެ ވަށައިގެން އެއްވެސް ނިކަމެއްޗަކު ނުވަތަ ފަގީރަކު އުޅޭ ކަމުގައިވާނަމަ އެކަމުން ސަލާމަތް ކޮށްދޭން ތިމާގެ މުދަލުން ނުވަތަ ޖާހުން ނުވަތަ ޝަފާއަތުން އެކަން ކޮށްދެވޭތޯ ބަލަންވާނެ އެވެ. މިއިން އެއްވެސް ގޮތެއް ނެތިއްޖެ ނަމަ އެކަމާ ދެރަވެ ހިތާމަ ކުރުމާއި އެމީހަކަށްޓަކައި ހެޔޮ ދުއާކޮށްދިނުމާއި މިކަމަކީ ޚުދު ތިމާއަށް ދިމާވެގެން އުޅޭ ކަމެއް ކަމުގައި ބަލަން ޖެހޭނެ އެވެ.

އީމާންކަމުން އޯގާތެރިކަމުގެ ސިފަ ހަރުލުމަށް އެހީތެރިވެދޭ ދެވަނަ ކަމަކީ އޯގާތެރިކަމުގެ ސިފައާ މެދު މުއުމިނުން ގަބޫލު ކުރާ ގަބޫލުކުރުންތަކެވެ. މިގޮތުން އިންސާނާއަކީ އަބަދުވެސް ﷲ ގެ އޯގާވަންތަކަމަށް ބޭނުންޖެހިފައިވާ މީހެއް ކަމަށް ގަބޫލު ކުރާނެ އެވެ. އެކަލާނގެ އޯގާވަންތަކަން އެންމެ ހިނދުކޮޅަކަށް މެދުކެނޑުނަސް އެއީ އަބާއްޖަވެރިކަން ކަމުގައި ގަބޫލު ކުރާނެ އެވެ. ހަމަމިއާ އެކު މުއުމިނަކު ނަމަ ގަބޫލު ކުރާނީ ﷲ ގެ ރަހުމަތާއި އޯގާވަންތަކަން ހާސިލު ކުރުމަށްޓަކައި ތިމާއަކީ އޯގާތެރި މީހަކަށް ވާން ޖެހޭނެ ކަމެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ "ހަމަކަށަވަރުން ﷲ ގެ އޯގާވަންތަކަން ވަނީ އެކަލާނގެ އަޅުތަކުން ކުރެ އޯގާތެރި މީހުންގެ މައްޗަށެވެ." ހަމައެފަދައިން އޯގާތެރި ނުވާ މީހަކަށް ރަހުމަތެއް ނެތްކަން ވެސް އެކަލޭގެފާނު ވަނީ ބަޔާން ކުރައްވައިފަ އެވެ. މީގެ އިތުރުން ބިންމަތީގައިވާ ފަރާތްތަކަށް އޯގާތެރިވުމަށް އެކަލޭގެފާނު ވަސިއްޔަތް ކުރައްވަ އެވެ. އަދި އެކަމަކީ އުޑުގައިވާ ފަރާތުގެ (އެބަހީ ﷲ ގެ) ރަހުމަތް ލިބުމަށް އޮތް ވަސީލަތެއްކަން ބަޔާން ކުރައްވަ އެވެ.

މުއުމިނުންގެ އޯގާތެރިކަމަކީ ހަމައެކަނި މުއުމިނުންގެ މައްޗަށް އޮންނަ ކަމެއް ނޫނެވެ. އީމާންތެރިކަމުގެ ސަބަބުން އުފެދިފައިވާ އުޚުއްވަތްތެރި ކަމުގެ ސަބަބުން އޯގާތެރިވާން އެންމެ އައުލާކަން ބޮޑު ބަޔަކީ މުއުމިނުން ކަމަށް ވިއަސް މުއުމިނެއްގެ އޯގާތެރިކަމުގެ އަސަރު އޭގެ ބޭރުން މުޅި އިންސާނިއްޔަތަށް ފޯރަން ޖެހެ އެވެ. އައްޠަބަރާނީ ރިވާކުރައްވާފައިވެ އެވެ. އޯގާތެރިކަން ނުވާނަމަ އީމާންތެރިކަން ފުރިހަމަ ނުވާނެ ކަމަށް ކީރިތި ރަސޫލާ އަސްޙާބުންނަށް ދެންނެވި އެވެ. އެބޭކަލުން ވިދާޅުވީ ތިމަންމެންނީ އޯގާތެރިން ކަމުގަ އެވެ. ނަމަވެސް ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވީ އޯގާތެރިކަމަކީ ހަމައެކަނި ތިޔަބައިމީހުން ތިޔަބައިމީހުންގެ އެކުވެރިންނާ މެދު އޮންނަ ސިފައަކަށް ވެގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އެކަން އެއީ އާންމު ސިފައެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

އީމާންތެރިކަމުގެ ސަބަބުން އޯގާތެރިކަމުގެ ސިފަ އަށަގަންނަން ބާރުލިބޭ ތިންވަނަ ކަމަކީ ކީރިތި ޤުރުއާނުގައި މުއުމިނުންގެ ސިފަތައް ބަޔާންކުރާއިރު އޭގެ ތެރޭގައި އެކަކު އަނެކަކަށް އޯގާތެރިވުމަށް ވަސިއްޔަތް ކުރާ މީހުން ކަމުގައި ވުން ހިމެނުމެވެ. (އަލް ބަލަދު 17). މުއުމިނުންގެ ކިބައިގައި މިސިފަ އާންމުވެގެންދާ ހިނދު އެއީ ހަމައެކަނި އިންސާނުންގެ މައްޗަށް އާންމުވާ ސިފައެއް ނޫނެވެ. ބަސްމޮށުންތެރިކަން ލިބިގެންނުވާ ޖަނަވާރުންނަށް ވެސް މިއޯގާތެރިކަމުން ނަސީބެއްވެ އެވެ. ކުށްފާފަ ކުރާ އަންހެނަކު ކުއްތާއަކާ މެދު އޯގާތެރިވެ އެއަށް ފެން ދިނުމުގެ ސަބަބުން ސުވަރުގެއަށް ދިއުމަށް މަގުފަހިވި ކަމާއި ބުޅަލެއް ބަންދުކޮށް އެއަށް ކާންބޯން ނުދީ ހިފެހެއްޓި އަންހެނަކު ނަރަކައަށް ދިއުމަށް މަގުފަހިވިކަން ކީރިތި ރަސޫލާ ﷺ ވަނީ އެކަލޭގެފާނުގެ އަސްހާބުންނަށް ޚަބަރު ކޮށްދެއްވައިފަ އެވެ.

އޯގާތެރިކަމުގެ ސިފައަށް އެކަލޭގެފާނު ބާރުއެޅުއްވުމުގެ ސަބަބުން އަދި އޯގާތެރިކަމުގެ ނަމޫނާ އެކަލޭގެފާނު ދެއްކެވުމުގެ ސަބަބުން އެކަލޭގެފާނަށް ތަބާވީ މުއުމިނުންގެ ކިބައިންވެސް މީގެ ގިނަ މިސާލުތައް ވަނީ ފެނިފައެވެ.

މިފަދަ ޝާމިލު އޯގާތެރިކަމެއް މިބޭފުޅުންނަށް ލިބިގެން މިދިޔައީ އީމާންތެރިކަމުގެ ސަބަބުންނެވެ. އެހެނީ ﷲ އާއި އާޚިރަތް ދުވަހާއި ފޮތްތަކާއި ރަސޫލުންނަށް އީމާންވުމުގެ ސަބަބުން ހަރުކަށި ހިލަ ހިތްތައް ވެސް މަޑުމައިތިރި ކޮށްލަ އެވެ. ޢުމަރުގެފާނަކީ އެކަލޭގެފާނުގެ ހިތްޕުޅަށް އީމާންކަމުގެ ނޫރު ވަނުމުގެ ކުރިން ޖާހިލިއްޔަތުގެ ހުރި ނުބައި ސިފަތަކުގެ ތެރެއިން ހަރުކަށިކަމާއި ރުޅިގަދަކަމުގެ ސިފަ ވަރަށް ބޮޑަށް ހުންނެވި ބޭފުޅެކެވެ. އެހެންނަމަވެސް އެ ސިފަތަކުގެ ބަދަލުގައި މަޑުމައިތިރިކަމާއި އޯގާތެރިކަމުގެ ސިފަ އެކަލޭގެފާނުގެ ކިބައިގައި އަށަގެންނުވީ އީމާންތެރިކަމެވެ. ޖާހިލިއްޔަތުގައި އަމިއްލަ ދަރިފުޅަކު ދިރިހުއްޓައި ވަޅުލެއްވި ބޭފުޅަކު ޚަލީފާކަމުގައި ހުންނެވި އިރު ރަށުގެ އެންމެ ދުރުހިސާބުން ދާ ޖަނަވާރެއް ވިއަސް މަގުމަތިން އެއްޗެއްގައި އަޅައިގަނެގެން ވެއްޓިއްޖެ ނަމަ އޭގެ ޒިންމާވެސް ނަންގަވަން ޖެހޭނީ އެކަލޭގެފާނު ކަމަށް ދެކިވަޑައިގަތެވެ.

މުސްލިމުންނަށް އަނިޔާކޮށް އިސްލާމީ ދައުވަތަށް ހުރަސްއަޅާ އަދުއްވުންނާ އެކު، ޚާއްސަކޮށް ހަނގުރާމައިގެ ވަގުތުގައި، ރުޅިވެރިކަމާއި ހަރުކަށިކަން ގެންގުޅުމަކީ އިސްލާމްދީން މަނާ ކުރާކަމެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ހާލަތުގައިވެސް މުއުމިނުންގެ ހިތްތަކުން އޯގާތެރިކަން ނެތިގެން ދިއުމަށް އިސްލާމް ދީން ނުރުހެ އެވެ. އެހެންވެ އަދުއްވުންގެ ތެރެއިން އަންހެނުންނާއި މުސްކުޅިންނާއި ކުޑަކުދިންނަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުން ކީރިތި ރަސޫލާ ﷺ ނަހީ ކުރެއްވި އެވެ. އަދި ހަނގުރާމައިގެ ތެރޭގައި ޝަހީދުވާ ބޭފުޅުންގެ ހަށިތަކާ މެދު އަދުއްވުން ކުރާ ފަދަ ރަހުމްކުޑަ އަމަލުތައް ކުރުން މުސްލިމުންނަށް މަނާ ކުރައްވަވަ އެވެ. ކީރިތި ރަސޫލާއަށް ފަހުން ޚާލީފާއިން ވެސް ހަނގުރާމަތަކާއި ފުތޫހާތު ތަކުގައި ވެސް މިފަދަ ކަންކަމަށް ބާރު އެޅުއްވި އެވެ. ފަރަންސޭސި އިލްމުވެރިއެއް ކަމުގައިވާ ގުސްޓާވް ލަ ބޮން ވިދާޅުވާ ގޮތުގައި ގައުމުތައް ފަތަހަ ކުރުމުގަ އާއި ހަނގުރާމަތައް ކުރުމުގައި މުސްލިމުންހާ އޯގާތެރިކޮށް އެކަން ކުރި ދެވަނަ ބަޔަކު ތާރީޚު ދެކެފައި ނުވެ އެވެ.

އާދެ، މިއީ އީމާންތެރިކަމުގެ ސަބަބުން މުއުމިނުންގެ ކިބައިން ފެނިގެންދާ އޯގާތެރި ކަމުގެ ބައެއް މިސާލުތަކެވެ. މިފަދަ އެތައް މިސާލެއް ކީރިތި ރަސޫލާގެ ސިޔަރަތާއި އިސްލާމީ ތާރީޚުން ފެނިގެންދާނެ އެވެ. މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވަނީ އީމާންތެރިކަން ވަރުގަދަކޮށް އީމާންތެރިކަމުން އޯގާތެރިކަމުގެ ސިފަ ނަފްސުގައި އަށަގެންނެވުމަށް މަސައްކަތް ކުރުމެވެ. އަދި މި އޯގާތެރިކަމުގެ އަސަރު އެންމެހާ އިންސާނުންނާއި ހައިވާނުންނަށް ވެސް ފޯރުވުމެވެ.