ހޮޅުދޫ އަބްދުﷲ އަވަހާރަވެއްޖެ
ހޮޅުދޫ އަބްދުﷲ އަވަހާރަވެއްޖެ

މަޝްހޫރު ލަވަ ކިޔުންތެރިޔާ ހޮޅުދޫ އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) މިއަދު އަވަހާރަވެއްޖެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އަބްދުﷲ ހަސަން އަވަހާރަވީ އައިޖީއެމްއެޗްގައި ކަމަށް އާއިލާ އިން "މިހާރު" އަށް ބުންޏެވެ.

އަބްދުﷲ ހަސަންގެ ޖަނާޒާ މަޣުރިބް ނަމާދަށް ފަހު ބާއްވަން އާއިލާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ލަވަ ކިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމް 1981 ވަނަ އަހަރު ލިބިވަޑައިގެންފައިވާ ހޮޅުދޫ އަބްދުﷲ އަކީ ދިވެހިންގެ ހިތް އަތުލި ގިނަ ލަވަތަކެއް ވިދާޅުވި ބޭފުޅެކެވެ. އޭނާގެ ގައުމީ ލަވަތައް ހާއްސަކޮށް ފާހަގަކޮށްލެވެ އެވެ.

މަދަޙަ އާއި މަވްލޫދު ޅެމާއި ގައުމީ އެކި މުނާސަބަތުތަކަށް ހަދާފައިވާ ލަވަތައް އޭނާ ވިދާޅުވެފައިވެ އެވެ. މީގެ އިތުރަށް، އަސާސީ މަޝްރޫއުގެ ދަށުން ރާއްޖޭގައި ކިޔަމުންދިޔަ ލަވަތަކުން ވެސް އޭނާގެ މަޝްހޫރުކަން އިތުރުވެފައިވެ އެވެ.