ސާކްގެ ގައުމުތަކުން ހިޔާލު ތަފާތުވުން ދޫކޮށްލަން ޖެހޭ: ރައީސް
ސާކްގެ ގައުމުތަކުން ހިޔާލު ތަފާތުވުން ދޫކޮށްލަން ޖެހޭ: ރައީސް

ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް، މެމްބަރު ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރަން އިސްކަން ދޭން ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރާ ސާކް ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ މައްސަލަތައް ދިމާވަނީ ހަމައެކަނި ވަކި ގައުމަކަށް ނުވަތަ ސަރަހައްދަކަށް ނޫން ކަމަށާއި އެފަދަ މައްސަލަތަކާ ކުރިމަތިލާން މި ސަރަހައްދުގެ ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހީނަރުވާނެ ފުރުސަތު ނުދީ، ޓެރަރިޒަމް ނައްތާލަން މަސައްކަތް ކުރަން ޖެހެ އެވެ.

"މިގޮތުން، ސާކް ގައުމުތަކުގެ މެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިކޮށް، މި ސަރަހައްދުގެ ގައުމުތައް ކުރިއެރުވުމަށް ކުރަން ޖެހޭ ކަންކަމުގައި ރާއްޖޭގެ ފަރާތުން ކެނޑިނޭޅި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސާކް ޗާޓަ ޑޭގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ދެއްވި އެވެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

ސާކް ސަރަހައްދުގެ ގައުމުތައް ތަމްސީލުކޮށްދެނީ ދުނިޔޭގެ ގައުމުތަކުގެ ނިސްބަތުން ބަލާއިރު ތިން ބައިކުޅަ އެއްބައިގެ އާބާދީ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދިި މި ސަރަހައްދު އުފެދިފައިވާ ގޮތުން ގައުމުތައް ތަފާތުވި ނަމަވެސް ހުރިހާ ގައުމެއް ވެސް ބިނާވެފައި ވަނީ އެއްގޮތް ސަގާފަތަކާއި ތާރީހެއްގެ މައްޗަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވަނީ މިދިޔަ 32 އަހަރުގެ ތެރޭގައި ސާކް ގައުމުތައް ކުރިއަރާފައިވާ މިންވަރަށް އަލިއަޅުއްވާލައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއެރުމުގައި ދެމިތިބެވޭނީ ހާސިލްކޮށްފައިވާ ކަންތައްތަކާއި ދިމާވި ގޮންޖެހުންތައް ވިލަރެސް ކޮށްގެން ކަމަށެވެ.

އޭގެ އިތުރުން، މި ސަރަހައްދުގައި ހުރި ވިޔަފާރީގެ ފުރުސަތުތައް އެންމެ ފުރިހަމަ ގޮތުގައި ހިފައި، އަވަށްޓެރި ގައުމުތަކާ އެކު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރަން އިސްކަން ދިނުން މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޕާކިސްތާނުގައި ނޮވެމްބަރު 9-10 އަށް ބާއްވަން އޮތް ސާކް ސަމިޓުގައި ބައިވެރި ނުވާނެ ކަމަށް ހަތަރު ގައުމަކުން ބުނުމާ އެކު، އެ ސަމިޓް ވަނީ ފަސްކޮށްފަ އެވެ. ސާކް ސަމިޓް ފަސްކުރަން ޖެހުނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޖެހުނު މައްސަލަތަކާ ހެދި އެވެ. އެގޮތުން، ސަރަހައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނު ފަޅިން އިންޑިއާ އަށް ދެމުން ދާ ހަމަލާތަކުގެ ސަބަބުން ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ސާކް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވޭ ފަދަ މާހައުލެއް ނެތް ކަމަށް އިންޑިއާ އިން ބުނެފައިވެ އެވެ.