ސާކިއުލާގެ ސަބަބުން އެއްވެސް ޝެޑިއުލް ފްލައިޓެއް ކެންސަލް ނުވޭ: އެމްއޭސީއެލް
ސާކިއުލާގެ ސަބަބުން އެއްވެސް ޝެޑިއުލް ފްލައިޓެއް ކެންސަލް ނުވޭ: އެމްއޭސީއެލް

ޖާގައިގެ ދަތިތަކަމުން ވަގުތަށް އެއާޕޯޓުގައި ޖައްސަން ފުރުސަތު ނުދެވިދާނެ ކަމަށް ބުނެ ނެރެފައިވާ ސާކިއުލާގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ކޮށްފައިވާ އެއްވެސް ފްލައިޓެއް ކެންސަލް ނުވާ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.

އެމްއޭސީއެލުގެ ސާކިއުލާގެ ސަބަބުން ބައެއް އެއާލައިނުތަކުގެ ދަތުރުތައް މަދު ކުރުމަށް ނިންމާފައިވާ ކަމަށްބުނެ ބޭރުގެ ނޫހެއްގައި އާއްމު ކޮށްފައިވާ ޚަބަރަކަށް ރައްދު ދެއްވައި އެ ކުންފުނިން ބުނީ ޕީކް ސީޒަނުގައި އެއާޕޯޓުގައި ޖާގައިގެ ދަތިތަކަން އޮތުމުން ފްލައިޓުތައް ވައިގެ ތެރޭގައި މަޑުކުރަން ޖެހޭ ހާލަތްތައް އަންނަ ކަމަށެވެ. އެހެންވެ 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މި ސީޒަންގައި ފްލައިޓުތަކަށް އެކަށީގެންވާ ވަރަށް ތެޔޮ ބެހެއްޓުމަށާއި ޖައްސަން ވަގުތުން ފުރުސަތު ނުދެވިދާނެ ކަމަށް ބުނެ ސާކިއުލާ ނެރޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްވިޒަލެންޑްގެ އޭވިއޭޝަންގެ ހަބަރުތައް ޝާއިއުކުރާ "ޗެވިއޭޝަން"ގއި ބުނެފައިވާ ގޮތުގައި އެމްއޭސީއެލްގެ މި ސާކިއުލާއާ ގުޅިގެން އީޑަލްވައިސް އިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް ވަނީ މަދު ކުރަން ނިންމައިފަ އެވެ. ނަމަވެސް އެއީ ތެދު މައުލޫމާތެއް ނޫން ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެ ކުންފުނިން ބުނީ ކޮވިޑް-19ގެ ކުރިން އީޑަލްވައިސް އިން ރާއްޖެއަށް ދަތުރު ކުރީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެ އެއާލައިނުން ހަފުތާއަކު ކުރަމުން އައީ އެންމެ ދަތުރެއް ކަމަށާއި އިތުރު ފްލައިޓް އޮޕަރޭޓް ކުރަން އެދުމުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ހުއްދަ ދީފައިވާ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ. އީޑަލްވައިސްއަށް ހުއްދަ ދިނީ ހަފުތާއަކު ތިން ދަތުރު ކުރުމަށެވެ.

ކޮވިޑް-19ގެ ސަބަބުން އައި ހީނަރުކަމަށް ފަހު އަދިވެސް ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމު އެއްކޮށް ރަނގަޅު ނުވެ އެވެ. އެހެންވެ، ބައެއް އެއާލައިންތަކުގެ ދަތުރުތަކަށް ފަސިންޖަރުން ނުލިބޭތީ ޝެޑިއުލާ އެއްގޮތަށް ދަތުރުތައް ނުކުރެވެ އެވެ. ނަމަވެސް އެއާޕޯޓުގެ ސިޔާސަތަކީ އެއާލައިންތަކުން ދަތުރު ކެންސަލް ނުކުރާ ހިނދަކު އެ ސްލޮޓް އެހެން އެއާލައިނަކަށް ނުދިނުން ކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި ސްލޮޓުތައް އިތުރު ކުރުމަށް އެއާލައިންތަކުން ލިބެމުންދާ ހުށަހެޅުންތަކަށް ބަލައި ކެޕޭސިޓީ ހުރިވަރަކުން އެ ފުރުސަތު ދެމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.