18 ނޮވެމްބަރ 2021 - 21:08

ސިފައިންގެ މީހަކު މާލޭން ރަހީނުކޮށް އަނިޔާކުރުމަށް ފަހު އެއްލައިލީ ކަމަށް ބުނާ މައްސަލައިގެ ތަހުގީގުން އެ މީހާ މާލޭން ރަހީނުކުރި ކަމަށް ބުނާ ވާހަކަ އާއި އޭގެ ފަހުން ގެންގޮސް ޕާކެއްގެ ތެރެއަށް އެއްލައިލި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއްކަން ހޯދިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސިފައިންގެ މީހާ މާލޭ މަގުމަތިން ރަހީނުކޮށް އަނިޔާކުރުމަށް ފަހު ޕާކެއްގެ ތެރެއަށް އެއްލައިލީ ކަމަށް ބުންޏަސް ކަން ހިނގީ އެހެން ނޫންކަން މިހާތަނަށް ހޯދިފައިވާ ކަމަށެވެ.
ކިޑްނެޕްކުރުމަށް ފަހު އެއްލައިލީ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ނަމަވެސް އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓުގެ މަގާމުގައި ހުރި ހަސަން ފަހީމަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އެހެންވެ ފުލުހުން މިހާރު ދަނީ އަނިޔާވެފައިވާ ސަބަބުން ދެނެގަތުމަށް އިތުރަށް ތަހުގީގުކުރަމުންނެވެ.
ފުލުހުން ބުނި ގޮތުގައި މިކަން ހިނގާފައިވަނީ އަނިޔާ ލިބުނު މީހާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނާށް ލިބިފައިވާ މައުލޫމާތުން ބެލެވެ އެވެ. އަދި މިއީ އެމްއެންޑީއެފްގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއްކަމަށް ބެލެވޭނެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އާއިލާ އިން މިއަދު ބުނެފައިވާ ގޮތުގައި ފަހީމަށް އަނިޔާކޮށްފައިވަނީ ޔާގޫތު ގޯޅިން ހިނގާފައި ދަނިކޮށް 11:40 ހާއިރު، މާސްކް އަޅައިގެން ތިބި ދެ ތިން ފިރިހެނަކު އޭނާއަށް ގޮވައި ފައިސާ ދިނުމަށް އެދުމަށް ފަހުގަ އެވެ. އޭނާ މަޑުކުރުމެއް ނެތި ކުރިއަށް ދިއުމުން އެ މީހުން ދެން ހިފީ ކަރުގައި ކަމަށް އާއިލާއިން ވާހަކަދެއްކި މީހަކު ކިޔައިދީފައިވެ އެވެ.
އޭނާ ބުނީ އެ ވަގުތު އަތުގައި ވޮލެޓެއް ނެތް ކަމަށާއި އެހެންވެ، އެ މީހުން އެދުނުގޮތަށް އޮންލައިން ޓްރާންސެކްޝަން ނުހެދުމުން ގައިގައި ތަޅައި އަނިޔާކުރީ ކަމަށެވެ. އަދި ޕާކު ތެރެއަށް އެއްލައިލީ ކޮޓަރިއަކަށް ގެންގޮސް އަނިޔާކުރުމަށް ފަހު މިއަދު ހެނދުނު ކަމަށް ވެސް ބުނެފައިވެ އެވެ.
"ކޮޓަރީގައި އެއް ފަހަރު ހޭ އެރި. އޭރުވެސް ޑިމާންޑުކުރަމުން ދިޔައީ ފައިސާ ދިނުމަށް. އެ ވަގުތު ވެސް ދަނޑިބުރިއާ އެކި އެއްޗެހިން ގައިގައި ތަޅަމުން ދިޔައީ އަށެއްކަ މީހުން. އޭގެ ފަހުން އަނެއްކާ ހޭނެތުނީ ކަމަށް ބޭބެ ބުނީ. އެއްގޮތަކަށް ވެސް ފައިސާ ނުދިނީމަ އައިޖީއެމްއެޗް ކައިރީގައި ހުންނަ ޕާކިން ޒޯނު ކައިރިއަށް ސައިކަލު ގެންގޮސް މި ލީ ހެނދުނު 7 ޖަހަން އުޅެނިކޮށް،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
އެ އަނިޔާތަކުން އެ މީހާގެ ސިފަ ވެސް ވަކިނުވާ ކަމަށް އާއިލާއިން ކުރިން ބުނެފައިވެ އެވެ.
ފަހީމް ދޫކޮށްލީ އޭނާގެ ފޯނު އަތުލުމަށްފަހުގަ އެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި ފަހީމް ރަހީނުކޮށް ފޭރުނީ މަސްތުވާތަކެތި ގަންނާނެ ފައިސާ ހޯދުމަށެވެ.