ސަރޮގޭޓްކޮށްގެން ޕްރިތީ އަށް އެއްމާބަނޑު ދެ ކުދިން
ސަރޮގޭޓްކޮށްގެން ޕްރިތީ އަށް އެއްމާބަނޑު ދެ ކުދިން

ބޮލީވުޑްގެ ކުރީގެ ބަތަލާ ޕްރިތީ ޒިންތާ އަށް ސަރޮގޭޓްކޮށްގެން އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.

މި ވާހަކަ ފޭނުންނާ ބުރާސްފަތި ދުވަހު އިންސްޓަގްރާމްގައި ހިއްސާކޮށް ބުނީ ލިބުނީ ދެ ޖިންސްގެ ދެ ކުދިން ކަމަށާއި ފިރިހެން ދަރިފުޅުގެ ނަމަކީ ޖޭ ޒިންތާ ގުޑްއިނަފް ކަމަށާއި އަންހެން ދަރިފުޅުގެ ނަމަކީ ޖިއާ ޒިންތާ ގުޑްއިނަފް ކަމަށެވެ.

"ދެ ކުދިންނާ އެކު ހަޔާތުގެ އާ ދަތުރާ އެކު އަހަރެމެން މިތިބީ ވަރަށް އުފަލުން." ޕްރިތީ ބުންޏެވެ.

ބޮލީވުޑްގައި 2000 ގެ ކުރީކޮޅު އެންމެ ވިދާލި ބަތަލާއިންގެ ތެރޭގައި ހިމެނޭ ޕްރިތީ ސަރޮގޭޓްކޮށްގެން ދަރިން ހޯދާފައި މި ވަނީ ކައިވެނި ކުރިތާ ފަސް އަހަރު ފަހުންނެވެ. އޭނާ އާއި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖީން ގުޑްއިނަފް ކައިވެނިކުރީ 2016 ގަ އެވެ. އޭގެ ފަހުން އެކްޓިންއާ ދުރުވެ، ދިރިއުޅެނީ ލޮސްއެންޖެލިސްގަ އެވެ.

"ދިލް ސޭ" އާއި "ކަލް ހޯ ނަ ހޯ" އާއި "ކިޔާ ކެހެނާ" އާއި "ދިލް ޗާތާ ހޭ" އާއި "ކޮއި...މިލް ގަޔާ" އާއި "ވީރު-ޒާރާ" އާއި "ސަލާމް ނަމަސްތޭ" އާއި "ކަބީ އަލްވިދާ ނާ ކެހެނާ" އަދި "ހަރު ދިލް ޖޯ ޕިޔާރު ކަރޭގާ" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅުނު ޕްރިތީ، 46، އެންމެ ފަހުން ފެނިފައި ވަނީ 2018 ގެ "ބެއްޔާޖީ ސުޕަހިޓް" އިންނެވެ.

އޭނާ ސަރޮގޭޓްކޮށްގެން ދަރިން ހޯދި އިރު، އެގޮތަށް ދަރިން ހޯދި އިންޑިއާގެ މަޝްހޫރު ފިލްމީ ފަންނާނުންގެ ތެރޭގައި ޝާހްރުކް ޚާނާއި އާމިރު ޚާނާއި ޝިލްޕާ ޝެޓީ އާއި އެކްތާ ކަޕޫރާއި ކޮއްކޮ ތުޝާރު ކަޕޫރާއި ކަރަން ޖޯހަރާއި ސަނީ ލިއޯނީ ފަދަ މީސްމީހުން ހިމެނެ އެވެ.