ޖާގަ އޮތީ ތަރައްގީ އަށް: ކުޅުދުއްފުށީ ބޮނބިފާތަކަކަށް ނޫން!
ޖާގަ އޮތީ ތަރައްގީ އަށް: ކުޅުދުއްފުށީ ބޮނބިފާތަކަކަށް ނޫން!

މި މަހުގެ 10 ވަނަ ދުވަހު ކުޅުދުއްފުށީ ކައުންސިލުން ކުރި އިއުލާނަކާ އެކު އެ ރަށު ރުވާމާގެ، އައިމިނަތު މުހައްމަދުގެ ހިތް ފަޅައިގެން ދިޔަ ކަހަލަ އެވެ. ކައުންސިލުގެ އިއުލާނުގައި އޮތީ ކުޅުދުއްފުށީގައި އަންހެންވެރިން ރޯނު ވަށަން ބޮނބި ފާ ކުރާ ތިން ސަރަހައްދެއް ހުސް ކުރަން އަންގައިފަ އެވެ. އޭގެ ތެރޭގައި އައިމިނަތުގެ ބޮނބި އޮޅުތައް ވެސް ހިމެނެ އެވެ.

ޖާގަ އޮތީ ތަރައްގީ އަށް: ކުޅުދުއްފުށީ ބޮނބިފާތަކަކަށް ނޫން!
ޖާގަ އޮތީ ތަރައްގީ އަށް: ކުޅުދުއްފުށީ ބޮނބިފާތަކަކަށް ނޫން!

ރަށުގެ އެކި ސަރަހައްދުގައި ފާތަކާއި ފެންގަނޑުތަކާއި ކުޅިތައް އޮންނަ ކުޅުދުއްފުއްޓަކީ ރޯނު ވަށައި، އޭގެ ވިޔަފާރީގައި މަޝްހޫރު ރަށެކެވެ. މި މަސައްކަތަކީ، އެ ތަންތަނުގައި އާއި އަމިއްލައަށް ކޮނެގެން ހަދާ އޮޅުތަކުގައި ބޮނބި ފައްތައި ފާކޮށްގެން ކުރާ ކަމެކެވެ. މިއީ އެ ރަށުގެ ސަގާފަތާ ގުޅިފައިވާ ކަމެކެވެ. އެ މަސައްކަތުން 200 އެއްހާ މީހުން ބަރާބަރަށް އާމްދަނީ ހޯދަ އެވެ.

ޖާގަ އޮތީ ތަރައްގީ އަށް: ކުޅުދުއްފުށީ ބޮނބިފާތަކަކަށް ނޫން!
ޖާގަ އޮތީ ތަރައްގީ އަށް: ކުޅުދުއްފުށީ ބޮނބިފާތަކަކަށް ނޫން!

ކައުންސިލުން ނަގަން އެންގީ އަމީރު އަމީން ސްކޫލުގެ އުތުރުން މަގާން މަގާ ދެމެދާއި ހިރަފުސް ދަނޑުގެ އިރުމަތި އަދި އުތުރާއި ކުޅުދުއްފުށީ ކުޅީގެ ދެކުނުން އޮތް ގޯތިތަކުގެ އިމުން ފެށިގެން 50 ފޫޓު ސަރަހައްދެއްގައިވާ ބޮނބި އޮޅުތަކެވެ.

ޖާގަ އޮތީ ތަރައްގީ އަށް: ކުޅުދުއްފުށީ ބޮނބިފާތަކަކަށް ނޫން!
ޖާގަ އޮތީ ތަރައްގީ އަށް: ކުޅުދުއްފުށީ ބޮނބިފާތަކަކަށް ނޫން!

މޭޔަރު މުހައްމަދު އާތިފް "މިހާރު" އަށް ވިދާޅުވި ގޮތުގައި އުތުރު ފަރާތުން ނަގަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މަޝްރޫއެއް ކަމަށްވާ ޓިވެޓް ސެންޓަރު އަޅާށެވެ. ހިރަފުސް ދަނޑުގެ އިރުމަތި އަދި އުތުރުން ނަގަނީ ޕާކެއް ހެދުމަށެވެ. ކުޅި ކައިރިން ވަކި ސަރަހައްދަކުން ނަގަނީ އެތަން ސާފުކުރުމުގެ އިތުރުން މަގެއް ހެދުމަށެވެ.

މި އެންގުމާއެކު އައިމިނަތު ފަދަ ގިނަ ބައެއްގެ ކަންބޮޑުވުންތައް ބޮޑުވި އެވެ. ކައުންސިލުގެ ނިންމުމާ ދެކޮޅަށް ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ވެސް ވާހަކަ ދެއްކި އެވެ.

އެހެންވެ، ބުދަ ދުވަހުގެ ރޭ ކައުންސިލުން އޮޅުތަކުގެ ވެރިފަރާތް އެއްކޮށް އާންމު ބައްދަލުވުމެއް ބާއްވައި ބޮނބި އޮޅުތަކުގެ ވެރިންގެ ހިޔާލު ހޯދި އެވެ. ނަގަން އެންގި ބޮނބި އޮޅުތަކުގެ 95 ވެރިއަކު ބުދަ ދުވަހުގެ ރޭގެ ބައްދަލުވުމުގައި ބައިވެރިވި އެވެ.

އާތިފް ވިދާޅުވި ގޮތުގައި އެ މީހުންގެ މައިގަނޑު ކަންބޮޑުވުމަކަށްވީ އޮޅުތައް ނަގާފައި ބަދަލުގައި އެކަން ކުރާނެ ތަނެއް ނުދެއްކުމެވެ. މިކަމަށް ހައްލެއްގެ ގޮތުގައި ކުޅުދުއްފުށީ ކުޅީގެ ދެކުނު ފަރާތުން ސަރަހައްދެއް ބޮނބި ފާ ކުރަން ހާއްސަ ކުރަން ކައުންސިލުން އެއްބަސްވި އެވެ.

އޭގެ އިތުރުން އެންމެ ފުރަތަމަ އޮޅުތައް ނަގަން 21 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، އެ މީހުންގެ އެެދުމުގެ މަތިން އެއަށް ވުރެ އިތުރަށް ވަގުތު ދޭން ވެސް ވަނީ ނިންމައިފަ އެވެ.

އާތިފް ދެކެވަޑައިގަންނަވާ ގޮތުގައި މި ތަންތަން ހާއްސަ ކުރުމުން އެ ރެއިން އެ ރެއަށް އެ ކަމަށް ހައްލެއް ގެނެވުނީ އެވެ. އެކަމަކު އެންމެން މިކަމާ އެއްބަހެއް ނޫނެވެ.

ފުރަތަމަ ކަމަކަށް އެ ރަށުގެ މާފަލު ފެންގަނޑަކީ މިހާރު ވެސް އެތަނުގައި ގިނަ ބަޔަކު އެ މަސައްކަތް ކުރާ ތަނަކަށް ވުމެވެ. އެތަނުން އެންމެންނަށް ޖާގަ ދެވޭކަށް ނެތެވެ. އެކަމަކު، އާތިފް ވިދާޅުވީ ޖާގަ ހުރި ވަރަކުން އެތަނުން މީހުންނަށް ފުރުސަތު ދޭނެ ކަމަށެވެ.

ދެވަނަ ކަމަކީ ބޮނބި ފާ ކުރުމުގެ މަސައްކަތް ކުރާ ގިނަ ބަޔަކު ރަށުގެ ދެކުނު ފަރާތުގައި ވެސް އުޅޭ އިރު އެ މަސައްކަތް ކުރަން ކޮންމެ ދުވަހަކު އުތުރު ފަރާތު ކުޅިއަށް ދާން ޖެހުން މާ ބުރަ ބޮޑު ކަމަކަށް ވުމެވެ.

ރަށުގެ ދެކުނުގައި ދިރިއުޅޭ އައިމިނަތު ބުނި ގޮތުގައި ކައުންސިލުން ދެއްކި ދެ ތަނަކީ އެއްގޮތަކަށް ވެސް ހިތްހަމަޖެހޭ ތަންތަނެއް ނޫނެވެ. އޭނާ ފަދަ ރަށުގެ ދެކުނުގައި އުޅޭ މީހުން އެ މަސައްކަތް ކުރަން ކުޅިއަށް ނުދާނެ ކަމަށް އަމިނަތު ބުންޏެވެ.

"އުތުރުކޮޅު ކުޅިއަކަށް ނުދެވޭނެ ބޮނބި އަޅާކަށް،" އައިމިނަތު ބުންޏެވެ.

"ކިހިނެއް އަޅުގަނޑުމެން އެއޮއް ދުރަށް ދާނީ؟."

މޭބިސްކަދުރުގޭ ހަދީޖާ އަލީ ބުނި ގޮތުގައި ކުޅީގައި ވެސް އަދި މާފަލި ފެންގަނޑުގައި ވެސް އެންމެނަށް މިކަން ކުރެވޭހާ ޖާގައެއް ނޯންނާނެ އެވެ. އަދި ދެކުނުގައި އުޅޭ މީހުން ބޮނބި ފާ ކުރަން ކުޅިއަށް ދާނެ ކަމަށް އޭނާ ވެސް ގަބޫލެއް ނުކުރެ އެވެ. ހަދީޖާގެ ވިސްނުން ހުރީ އުތުރު ފަރާތު މޫދުގައި ބޮނބި ފާ ކުރާށެވެ.

މި ނޫނަސް ރަށުގެ ދެކުނު ފަރާތުގައި އުޅޭ މިކަން ކުރާ ގިނަ ބަޔަކަށް ވެސް މިކަން ވާނީ އުނދަގޫ ކަމަކަށެވެ. އެހެންވެ، އެ މީހުން ވެސް މި މަސައްކަތް ދޫކޮށްލުމުގެ ފުރުސަތު އޮންނާނެ އެވެ. މި މަސައްކަތަކީ މިހާރު ވެސް ނެތެމުންދާ ސަގާފަތެކެވެ.

ނަން ބަދަލުވުން އެކަންޏެއް ނޫނެވެ. ކުޅުދުއްފުއްޓަކީ ބާރަށް ތަރައްގީވަމުން އަންނަ ސިޓީއެކެވެ. ތަރައްގީއާ އެކު ފަހުގެ ޒުވާނުން ވެސް ބޭނުން ވަނީ އަށަކުން ހަތަރަކަށް ދާން ޖެހޭ ފަދަ ވަޒީފާތައް ކަމަށް ރަށުން ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިނެވެ. އެހެންކަމުން، ބޮނބި ފާކޮށްގެން ރޯނު ވެށުން ފަދަ ކަންކަމަށް މިހާރަކު އެހާ ޝައުގެއް ނެތެވެ.

ކައުންސިލުގެ ނިންމުމުގެ ސަބަބުން އެތައް ބައެއްގެ ކަންބޮޑުވުން ހުއްޓަސް ކައުންސިލުން ބުނަނީ ބޮނބި ފާ ކުރުމާއި ރޯނު ވެށުމުގެ ސަގާފަތް އެއްކޮށް ހުއްޓިދާން ކައުންސިލުން ބޭނުން ނުވާ ކަމަށެވެ. އަދި އެކަން އިތުރު ޖީލުތަކަށް ދަމަހައްޓަން ބޭނުންވާ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.

"މި މަސައްކަތަކީ ކުޅުދުއްފުށިން ނެތިގެންދާން އަޅުގަނޑުމެން އެދޭ މަސައްކަތެއް ނޫން. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް ޒުވާން އަންހެން ކުދިން ވެސް މި މަސައްކަތުގެ ތެރެއަށް އިންވޯލްވް [ބައިވެރި] ވުމަކީ،" އާތިފް ވިދާޅުވި އެވެ.

އެ މަސައްކަތް ދަސް ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެކަން ދަސްކޮށްދޭން ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވެސް އާތިފް އެދިވަޑައިގަތެވެ. އެކަމަކު، އައިމިނަތު ފަދަ ބައެއް މީހުން ބުނާ ގޮތުގައި މިކަން ކުރާކަށް ޒުވާން ކުދިން ބޭނުމެއް ނުވެ އެވެ. އަދި އެކަމުގައި ބައިވެރިއެއް ވެސް ނުވެ އެވެ.

"ޅަ ކުދިންނެއް މިކަން ނުކުރާނެ. އަޅުގަނޑުމެންނަށް ވެސް މިހާރު އުމުރުން 63 އަހަރު. މި ފުރައިގެ މީހުން މަރުވީމަ މިކަން ނުކުރާނެ އޭ ބުނެވޭނީ،" އައިމިނަތު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ތިބޭ ފަސް އަންހެން ދަރިން. އެކަމަކު، އޭގެން އެކަކު ވެސް އެކަމަކާ ނޫޅޭ."

މިއީ އައިމިނަތު ފަދަ ގިނަ ބައެއްގެ މަންމައިންނާއި މާމައިން ވެސް ކުރި މަސައްކަތެވެ. އެހެންވެ، މިިކަން ނެތިހިނގައިދާކަށް އެ މީހުން ބޭނުމެއް ނުވެ އެވެ.

ރޯނު އުފެއްދުމުގެ މަސައްކަތް ކުރާ ބައެއް މީހުން ބުނާ ގޮތުގައި އެ ބޮނބި އޮޅުތައް އަބަދަކު އެތަނުގައި ނުބެހެއްޓޭނެ އެވެ. ތަރައްގީ އަށް މަގުދައްކަން އެތަންތަން ކޮންމެ ވެސް ދުވަހަކު ނަގަން ޖެހޭނެ ކަމަށް އެ މީހުން ބުނެ އެވެ. އެކަމަކު، ރަށާ ގުޅިފައިވާ މުހިންމު ސަގާފަތެއް އެއްކޮށް ނެތިގެން ދާކަށް ވެސް ބޭނުމެއް ނުވެ އެވެ.