އާއްމުންގެ މެދުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރާ މީހުންނަށް ޖާގަ ދީގެން ނުވާނެ: އެމްއެންޑީއެފް
އާއްމުންގެ މެދުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރާ މީހުންނަށް ޖާގަ ދީގެން ނުވާނެ: އެމްއެންޑީއެފް

އާއްމުންގެ މެދުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރާ މީހުންނަށް ޖާގަ ދީގެން ނުވާނެ ކަމަށް ބުނެ، މާލޭގައި ރޭ ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލަ އެމްއެންޑީއެފުން ކުށްވެރިކޮށްފި އެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ މީހުންގެ އަމަލުތަކަށް އެއްވެސް ފަރާތަކުން ޖާގަ ދީގެން ނުވާނެ ކަމަށެވެ. އަދި ސިފައިންނަށް ދޭ އެފަދަ ފިނޑި އަމަލުތަކުގެ ސަބަބުން ގައުމީ ހިދުމަތުގައި ސިފައިން ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ކޯސްޓުގާޑުގެ ސްޓާފް ސާޖަންޓުގެ ރޭންކުގައި ހުރި ހަސަން ފަހީމް، ރޭ ޔާގޫތު ގޯޅިން ހިނގާފައި ދަނިކޮށް 11:40 ހާއިރު މާސްކް އަޅައިގެން ތިބި ދެ ތިން ފިރިހެނަކު އޭނާއަށް އަނިޔާކުރީ ފައިސާ ނުދިނުމުންނެވެ. އޭނާގެ ކަރުގައި ހިފައި، ބޮލުގައި ޖަހައި ހޭނައްތާލުމަށްފަހު ފަހީމް ގެންދިޔައީ ކޮޓަރިއަކަށް ކަމަށް އާއިލާއިން ވާހަކަދެއްކި މީހަކު ބުންޏެވެ.

"ކޮޓަރީގައި އެއް ފަހަރު ހޭ އެރި. އޭރުވެސް ޑިމާންޑުކުރަމުން ދިޔައީ ފައިސާ ދިނުމަށް. އެ ވަގުތު ވެސް ދަނޑިބުރިއާ އެކި އެއްޗެހިން ގައިގައި ތަޅަމުން ދިޔައީ އަށެއްކަ މީހުން. އޭގެ ފަހުން އަނެއްކާ ހޭނެތުނީ ކަމަށް ބޭބެ ބުނީ. އެއްގޮތަކަށް ވެސް ފައިސާ ނުދިނީމަ އައިޖީއެމްއެޗް ކައިރީގައި ހުންނަ ޕާކިން ޒޯނު ކައިރިއަށް ސައިކަލުގައި ގެންގޮސް މި ލީ ހެނދުނު 7 ޖަހަން އުޅެނިކޮށް،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

ފަހީމް ދޫކޮށްލީ އޭނާގެ ފޯނު އަތުލުމަށް ފަހު އެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި އޭނާ ރަހީނުކޮށް ފޭރުނީ މަސްތުވާތަކެތި ގަންނާނެ ފައިސާ ހޯދުމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ސީރިއަސް ކަމެއްގެ ގޮތުގައި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް އަދި ނުދެ އެވެ