18 ނޮވެމްބަރ 2021 - 16:24

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ އޯޕީޑީ އިމާރާތް ހެދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން މިއަދު އެމްޓީސީސީއާ ހަވާލު ކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 20.2 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން 21 ކޮންސަލްޓޭޝަން ކޮޓަރި އާއި ކާޑިއެކް ސެންޓަރަކާއި ރިސެޕްޝަން އޭރިއަކާއި ވެއިޓިން އޭރިއާއެއް ހަދާނެ އެވެ.
މިހާރު ވެސް އެމްޓީސީސީން އަންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެ ހޮސްޕިޓަލުގައި ލެބޯޓަރީއަކާއި ވޯޑް އިމާރާތެއް ހެދުމުގެ އިތުރުން އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.