09 ޑިސެމްބަރ 2016 - 15:28

ޗެންނާއީ (ޑިސެމްބަރު 9) - ޗެންނާއީގައި ގަހަނާގެ ވިޔަފާރި ކުރާ މީހެއްގެ، ގެ އިންކަމް ޓެކްސް ޑިޕާޓްމަންޓުގެ އޮފިޝަލުން ބަލާ ފާސްކުރުމަށް ފަހު 90 ކްރޯޑު (900 މިލިއަން ރުޕީސް) ގެ ނަގުދު ފައިސާ އާއި 100 ކިލޯގެ ރަން ހޯދައިފި އެވެ. ރަނުގެ އަގު ވެސް 29 ކްރޯޑް (290 މިލިއަން ރުޕީސް) އަށް އަރަ އެވެ.

އިންޑިއާގައި ކަޅު ފައިސާ ނިމުމަކަށް ގެނައުމަށް 500 އާއި 1،000 ރުޕީސްގެ ނޫޓް މިދިޔަ މަހު 8 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް އުވާލި ފަހުން އިންކަމް ޓެކްސް ޑިޕާޓްމަންޓުން ދަނީ ޝައްކުވާ ގޭތައް ބަލާ ފާސްކުރަމުންނެވެ. މިހާތަނަށް ބެލި 400 އަށް ވުރެ ގިނަ ތަންތަނުން 30 މައްސަލައެއް ވަނީ އެންފޯސްމަންޓް ޑައިރެކްޓަރޭޓަށާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނަށް ފޮނުވައިފަ އެވެ. އިންކަމް ޓެކްސް ޑިޕާޓްމަންޓުން ބުނީ މި މަހު 6 ވަނަ ދުވަހާ ހަމައަށް ޑިކްލެއާނުކޮށް ހުރި 130 ކްރޯޑުގެ އަގު ހުރި ރަނާއި 2،000 ކްރޯޑުގެ ފައިސާ ހޯދާފައިވާ ކަމަށެވެ.
މަހާރާޝްތާ އިން ގުޖުރާތަށް ވަން ކާރެއްގެ ތެރޭން ވެސް އަލަށް ނެރުނު 2،000 ރުޕީސްގެ 76 ލައްކަ ރުޕީސް ފުލުހުން މިއަދު ވަނީ ހިފަހައްޓައިފަ އެވެ. ކާރުގައި ތިބި ހަތަރު މީހުން ވަނީ ސުވާލު ކުރުމަށް ހައްޔަރު ކޮށްފަ އެވެ.
އިންޑިގާއި ބޭނުންކުރަމުން ދިޔަ 500 އާއި 1،000 ރުޕީސްގެ ނޫޓު އުވާލި ފަހުން މަސް ދުވަހު ތެރޭ 11.55 ލައްކަ ކްރޯޑް (170 ބިލިއަން ޑޮލަރު) ބޭންކުތަކަށް ޖަމާކޮށްފައިވާ ކަމަށް ރިޒާވް ބޭންކް އޮފް އިންޑިއާ އިން ވަނީ ބުނެފަ އެވެ.
ތަޖްރިބާކާރުން ބުނާ ގޮތުގައި މަނާކުރި ފައިސާ ބަދަލު ކުރުމަށް މި މަހުގެ ނިޔަލަށް ފުރުސަތު ދީފައިވާ އިރު އެ މުއްދަތު ހަމަވާއިރު ކަޅު ފައިސާގެ ސްޓޮކް ގާތްގަނޑަކަށް ނިމުމަކަށް އަންނާނެ އެވެ. ކުރީގެ ނޫޓުގެ 15.5 ލައްކަ ކްރޯޑުގެ ފައިސާ މާކެޓުގައި ދައުރުވާ ކަމަށް މަރުކަޒީ ބޭންކުން ލަފާކޮށްފައިވެ އެވެ.
ބޮޑު ވަޒީރު މޯދީގެ ކެމްޕޭން އެންމެ ބޮޑު އެއް ވައުދަކީ އޭޝިއާގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދު އޮތް ގައުމުން ކަޅު ފައިސާ ސާފުކޮށްލުމެވެ. މޯދީ މީގެ ކުރިން ވަނީ ފޮރުވައިގެން މީހުން ގެންގުޅޭ ފައިސާ ޑިކްލިއާ ކުރުމަށް ސެޕްޓެމްބަރު މަހު ފުރުސަތު ދީފަ އެވެ. އެ މުއްދަތު ހަމަވިއިރު ވަނީ 673.8 ބިލިއަން ރުޕީސް ހޯދައިފަ އެވެ. އެ ފައިސާ އިން ވަނީ 45 ޕަސެންޓުގެ ޓެކްސް ނަގައިފަ އެވެ.
އިންޑިއާ އިން މަނާކުރި ދެ ނޫޓަކީ އެ ގައުމުގައި ދައުރުވާ ފައިސާގެ 85 ޕަސެންޓެވެ. ކުރީގެ ނޫޓް މަނާކުރުމަށް ފަހު އަލަށް ނެރުނު ފައިސާ އެކަށީގެންވާ ވަރަށް ބާޒާރަށް ނެރެފައި ނުވާތީ އާއްމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މަރުކަޒީ ބޭންކުން ބުނެފައި ވަނީ 500 އާއި 2،000 ރުޕީސްގެ އާ ނޫޓުގެ ހަތަރު ލައްކަ ކްރޯޑް މިހާރު ބާޒާރަށް ނެރެފައިވާ ކަމަށެވެ.