18 ނޮވެމްބަރ 2021 - 15:57

މަގުމަތިން ހުއްޓުވައި ފައިސާ ނުދިނުމުން ހަސަން ފަހީމް ކިޑްނެޕުކޮށް ރޭ ވަރަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އެ އާއިލާއިން މިއަދު ބުނެފި އެވެ.

ކޯސްޓުގާޑުގެ ސްޓާފްސާޖަންޓުގެ ރޭންކުގައި ހުރި ފަހީމް، ރޭ ޔާގޫތު ގޯޅިން ހިނގާފައި ދަނިކޮށް 11:40 ހާއިރު މާސްކް އަޅައިގެން ތިބި ދެ ތިން ފިރިހެނަކު އޭނާއަށް ގޮވައި ފައިސާ ދިނުމަށް އެދުނެވެ. ނަމަވެސް މަޑުކުރުމެއް ނެތި ކުރިއަށް ދިއުމުން އެ މީހުން ދެން ހިފީ ފަހީމްގެ ކަރުގައި ކަމަށް އާއިލާއިން ވާހަކަދެއްކި މީހަކު މިއަދު ބުންޏެވެ.
އޭނާ ބުނީ އެ ވަގުތު ފަހީމްގެ އަތުގައި ވޮލެޓެއް ނެތް ކަމަށެވެ. އެހެންވެ، އެ މީހުން އެދުނުގޮތަށް އޮންލައިން ޓްރާންސެކްޝަން ނުހެދުމުން ގައިގައި ތަޅައި އަނިޔާކުރި އެވެ. އެ ވަގުތު އޭނާ ދިޔައީ އަޑުގަދަކޮށް، ހަޅޭ ވެސް ލަވަމުންނެވެ. އެކަމަކު އެ ގްރޫޕާ އިތުރު ބަޔަކު ގުޅި، ފަހީމްގެ ބޮލުގެ ފުއްކިބައިގައި ޖެހުމުން އޭނާ ހޭނެތިގެން ވެއްޓުނީ އެވެ.
ހޭނެތުމުން އެ މީހުން ފަހީމް ގެންދިޔައީ، އާއިލާއިން ބުނާގޮތުން ކޮޓަރިއަކަށެވެ.
"ކޮޓަރީގައި އެއް ފަހަރު ހޭ އެރި. އޭރުވެސް ޑިމާންޑުކުރަމުން ދިޔައީ ފައިސާ ދިނުމަށް. އެ ވަގުތު ވެސް ދަނޑިބުރިއާ އެކި އެއްޗެހިން ގައިގައި ތަޅަމުން ދިޔައީ އަށެއްކަ މީހުން. އޭގެ ފަހުން އަނެއްކާ ހޭނެތުނީ ކަމަށް ބޭބެ ބުނީ. އެއްގޮތަކަށް ވެސް ފައިސާ ނުދިނީމަ އައިޖީއެމްއެޗް ކައިރީގައި ހުންނަ ޕާކިން ޒޯނު ކައިރިއަށް ސައިކަލު ގެންގޮސް މި ލީ ހެނދުނު 7 ޖަހަން އުޅެނިކޮށް،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
"އެ ވަގުތު ހޭ ހުއްޓަސް މީހާއަށް ވާނުވާ ނޭނގިފައި ހުރީ،"
ފަހީމް ދޫކޮށްލީ އޭނާގެ ފޯނު އަތުލުމަށްފަހުގަ އެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި ފަހީމް ރަހީނުކޮށް ފޭރުނީ މަސްތުވާތަކެތި ގަންނާނެ ފައިސާ ހޯދުމަށެވެ.
އޭނާ ބުނީ ބޭބެގެ ސިފަ ވަކިނުވާ ވަރަށް އަނިޔާކޮށްފައިވާ ކަމަށެވެ. ގައިގެ އެކި ތަންތަނުން ލޭ އައިސް، މޫނުމަތި ވެސް ވަރަށް ބޮޑަށް ދުޅަވެެ، ލޭ އަރާފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.
އައިޖީއެމްއެޗު ސަރަހައްދަށް އޭނާ ދޫކޮށްލުމާއެކު ހޮސްޕިޓަލަށް ފަހީމް ދިޔައީ އަމިއްލައަށް ހިނގައިފަ އެވެ. ވަގުތުން ހޮސްޕިޓަލަށް ގޮސް އެކަން އޭނާގެ އަންހެނުންނަށް ގުޅި އެވެ.
"ބޭބެގެ އަންހެނުން އަޅުގަނޑަށް ވެސް ގުޅާފައި މި ބުނީ. އޭރު މި ރޭކާލީ މި ކަހަލަ ކަމެއް ވެގެން އުޅޭކަން. ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދުމަށްފަހު އިންޓާނަލް ގެއްލުމެއް ނެތީމަ ހޮސްޕިޓަލުން ދޫކޮށްލައިފި. އެކަމަކު ވަރަށް ބޮޑެތި އަނިޔާތައް ދީފައިވަނީ،" އާއިލާއިން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް އަދި ނުދެ އެވެ.