22 ނޮވެމްބަރ 2021 - 12:17

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ރާޅާއެޅުުގެ ގައުމީ މުބާރާތް، ރަންނަމާރި ޗެލެންޖު، ރެކޯޑް އަދަދަކަށް ރާޅާއެޅުންތެރިންނާ އެކު މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.
ރަންނަމާރި ޗެލެންޖުގެ ނަމުގައި ރާއްޖޭގައި ބާއްވާ ރާޅާއެޅުމުގެ އެންމެ ޝަަރަފުވެރި ގައުމީ މުބާރާތުގައި މިއަހަރު 14 ޓީމަކުން ވާދަކުރެ އެވެ. އޭގެ ތެރޭގައި 24 ރަށެއްގެ 102 ސާފަރުން ހިމެނެ އެވެ.
މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 30ގެ ނިޔަލަށެވެ. މިއަދު ފަށަން ހަމަޖެހިފަ އޮތް 13 ވަނަ ގައުމީ މުބާރާތް މާދަމާއަށް ފަސްކުރީ، މުބާރާތުގައި ބައިވެރިވާން ރަށްރަށުން އައިސް ތިބި އެތުލީޓުން މާހައުލަށް ހޭނޭށާއި ފަރިތަކުރަން އިތުރު ވަގުތު ދިނުމަށް ކަމަށް އެމްއެސްއޭއިން ބުންޏެވެ.
"ދުވަސްކޮޅަކަށް ފަހު ރާޅުގެ ކޮންޑިޝަން ވެސް ރަނގަޅު ދުވަހެއް މިއަދު މީ، އެހެން ނަމަވެސް މުބާރާތް މާދަމާ ހެނދުނު ފައްޓަން މި ގަސްދުކުރަނީ ރަށްރަށުން އައިސް ތިބި ރާޅައެޅުންތެރިންނަށް އިތުރަށް މާލޭ ރާޅުގަނޑަށް ފަރިތަވެލަން ވަގުތުކޮޅެއް ދިނުމުގެ ގޮތުން،" އެމްއެސްއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި އެވެ.
"ވެއިޓިން ޕީރިއަޑުގައި އަދި ވަގުތު އެބައޮތް ހަމަޖެހިލައިގެން ކާމިޔާބުކޮށް މުބާރާތް ނިންމާލަން. ކުރިޔަށް ހުރި ދުވަސްތަކުގެ މޫސުން ވެސް އަދި ދައްކަނީ ވަރަށް ރަނގަޅަށް."
އަންހެން އަދި ފިރިހެން ވަކިން އޯޕަން ޑިވިޝަނަކާއި 18 އަހަރުން ދަށުގެ ޖޫނިއާ ޑިވިޝަނެއްގެ އިތުރުން، 35 އަހަރުން މަތީގެ ފިރިހެން ރާޅާއެޅުންތެރިންނަށް ބާއްވާ މާސްޓާސް ޑިވިޝަނާ އެކު، މިއަހަރުގެ މުބާރާތަށް މުޅިން އަލަށް ލޯންގް ބޯޑާއި ސްޓޭންޑް އަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) ހިމެނޭހެން ހަތް ޑިވިޝަނެއް ކުރިޔަށް ގެންދާގޮތަށް ކުރިން ހަމަޖެއްސި އެވެ. ނަމަވެސް ގައުމީ ފެތުމުގެ މުބާރާތާ ފުށުއަރާތީވެ، އަންހެން 18 އަހަރުން ދަށުގެ ޑިވިޝަނުގައި ބައިވެރިވާން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފަހުން މުބާރާތުގައި ބައިވެރި ނުވާން ނިންމުމުން އެ ޑިވިޝަން ވަނީ މިހާރު ކެންސަލް ކޮށްފަ އެވެ. މިއާ އެކު މިއަހަރުގެ މުބާރާތުގައި ކުރިޔަށް ދާނީ ހަ ޑިވިޝަނެވެ.
މުޅިން ވެސް ދިވެހިން ހިމެނޭހެން އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ސެޓިފައިޑް ޖަޖުންގެ ޕެނަލަކުން މި މުބާރާތުގައި މާކްސް ދޭން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ސްކޯރިން ސިސްޓަމެއް ބޭނުންކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މުބާރާތުގައި އެއް ރަށަކަށް ނިސްބަތްވާ އެއް އެތުލީޓަކަށް ވުރެ ގިނައިން ބައިވެރިވާ ނަމަ އެއީ ޓީމެކެވެ. މިއަހަރުގެ މުބާރާތުގައި 14 ޓީމެއް ހިމެނޭއިރު، މާލެ ފިޔަވައި އެންމެ ގިނަ އެތުލީޓުން ހިމެނެނީ ގދ. ގައްދޫ ޓީމުގަ އެވެ. މާލެއިން 44 ރާޅާއެޅުންތެރިން ބައިވެރި ވާއިރު، ގައްދޫއިން ވަނީ 10 ރާޅާއެޅުންތެރިން ބައިވެރި ވެފަ އެވެ.
ގދ. ވާދޫއިން ހަ ސާފަރުން ބައިވެރި ވެފައި ވާއިރު، ނ. ކުޑަފަރި އާއި ރ. ރަސްމާދޫގެ އިތުރުން ކ. ގުރައިދޫ، މިއިން ކޮންމެ ރަށަކުން ފަސް ސާފަރުން ބައިވެރި ވެފައިވެ އެވެ. ކުޑަފަރިން މުބާރާތުގައި ބައިވެރިވަނީ އެރަށު ކައުންސިލްގެ އިތުރުން، ސޮނެވާފުށި ރިސޯޓުން ކުރިޔަށް ގެންދާ ސޮނެވާ ނަމޫނާ ޕްރޮޖެކްޓުގެ އެހީއާ އެކު އެވެ.
މ. މުލަކުގެ ޓީމު ކައުންސިލް މެމްބަރެއްގެ މެނޭޖަރުކަމުގެ ދަށުން މުބާރާތުގައި ބައިވެރިވިއިރު، މުލަކާއި، މ. މުލި އަދި ދ. ކުޑަހުވަދޫ އާއި އައްޑޫ ސިޓީއިން ވެސް ތިން ސާފަރުން ބައިވެރި ވެއެވެ. ހދ. ކުޅުދުއްފުށްޓާއި ށ. ފޭދޫ އަދި ޏ. ފުވައްމުލަކުން ބައިވެރިވީ ދެ ސާފަރުންނެވެ.
މީގެ އިތުރުން ވެސް، ހއ. ތުރާކުނާއި، ށ. މިލަންދޫ އާއި، ށ. ކޮމަންޑޫގެ އިތުރުން ޅ. ނައިފަރާއި ބ. އޭދަފުށްޓާއި ކ. ހިންމަފުށި، ކ. ގުޅި، އދ. އޮމަދޫ އަދި ތ. ކަނޑޫދޫ އާއި ލ. މާބައިދޫ، މިއިން ކޮންމެ ރަށަކުން ސާފަރެއް މުބާރާތުގައި ބައިވެރި ވެފައިވެ އެވެ.
މުބާރާތުގައި ވާދަކުރާ ގިނަ ރަށްރަށުގެ ސާފިން ޓީމުތަކަށް ވަނީ އެރަށްރަށުގެ ކައުންސިލާއި ސްކޫލުތަކުން އެހީވެފަ އެވެ. މުބާރާތަށް މާލެ އައި ބައެއް ޓީމުތަކާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ބައްދަލު ކުރައްވައި، ޓީމުތަކުގައި ހިމެނޭ ޒުވާން ސާފަރުންނަށް ހިތްވަރު ދެއްވައިފަ އެވެ.
މުބާރާތުގެ ގުރުއަތުލުން ސޯޝަލް ސެންޓަރުގައި ރޭ ކުރިޔަށް ގެންދިޔަ އެވެ. ފިރިހެން ޝޯޓް ބޯޑް އޯޕަން ޑިވިޝަނުގައި 48 ސާފަރުން ހިމެނޭއިރު، ޖޫނިއާ ބައިގައި 26 ސާފަރުން ވާދަ ކުރާނެ އެވެ. އަދި އަންހެން ޝޯޓް ބޯޑް އޯޕަން ޑިވިޝަނުގައި ވާދަކުރާނީ ފަސް ސާފަރުންނެވެ. މާސްޓާސް ޑިވިޝަނުގައި 21 ސާފަރުން ވާދަކުރެ އެވެ.
މިއަހަރުގެ މުބާރާތަށް އަލަށް ތައާރަފްކުރި ލޯންގް ބޯޑް އަދި ސްޓޭންޑް އަޕް ޕެޑްލް ސާފިން ކޮންމެ ޑިވިޝަނެއްގައި ވެސް ފަސް ސާފަރުން ވާދަ ކުރާނެ އެވެ.
މިއަހަރުގެ ރަންނަމާރި ޗެލެންޖުގެ ޓައިޓަލް އަދި މެއިން ސްޕޮންސަރަކީ ސީ ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރުންނަށް އެސްޓީއޯ އާއި ޔޫރޯ ސްޓޯރު އަދި ރާއްޖޭގެ ފުރަތަމަ ސާފިން އޮޕަރޭޓަރު އެޓޯލް އެޑްވެންޗާސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސާފައި ވާއިރު، ރާއްޖޭގެ ސާފް ގައިޑް އެސޯސިއޭޝަނަކީ ވެސް މުބާރާތުގެ ޕާޓްނަރެކެވެ.
ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ހަމަޖައްސާފައި ވާއިރު، ސެޓަޕް ޕާޓްނަރަކީ އިވެންޓް މޯލްޑިވްސް އެވެ. މުބާރާތް ލައިވް ކުރަން ބްރޯޑްކާސްޓިން ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގެ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.
ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށް ފަހު މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދާއިރު، ޔޫތު މިނިސްޓްރީގެ ފަރާތުން މުބާރާތުގެ އިންތިޒާމުތަކަށް ލިބެމުންދާ އެހީތެރިކަން ސާފިން އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.