ފައިސާ މި ވަރަށް ޗާޕްކުރުމަކީ ނުރައްކަލެއް: ސައީދު
ފައިސާ މި ވަރަށް ޗާޕްކުރުމަކީ ނުރައްކަލެއް: ސައީދު

ސަރުކާރުން އެދިފައިވާ ގޮތަށް ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުން ނުވަތަ ފައިސާ ޗާޕްކުރުމަކީ ނުރައްކަލެއް ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ހައްގުބަސް ވިދާޅުވާން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު މިއަދު ގޮވާލައްވައިިފި އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފައިސާ ޗާޕްކުރުމުގެ މައްސަލައަކީ ބޮޑު ނުރައްކަލެއް ކަމަށާއި އެއީ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް އޮތުމުން "މޮޑޭ ފުށްގަނޑެއް" ހެން ކުރާ ކަމެއް ކަމަށެވެ.

"ހިތުހުރި ވަރަކަށް (ފައިސާ) ޗާޕްކޮށް ލޯނު ނަގާއިރު ހައްގުބަސް ބުނުމަށް އެމްއެމްއޭ ގަވަރުނަރަށް ގޮވައިލަން،" ޓްވީޓްގައި ސައީދު ވިދާޅުވި އެވެ.

ސައީދު "މިހާރު" އަށް ވިދާޅުވީ އިގުތިސާދީ ގޮތުން ރާއްްޖޭގައި މިހާރު އަޅަންވީ އެންމެ މުހިއްމު ފިޔަވަޅަކީ މި ސަރުކާރު އަވަހަށް ބަދަލުކުރުން ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އިގުތިސާދީ މިނިވަންކަން ދިވެހިންގެ އަތްމައްޗަށް އަނބުރާ ގެނައުމަށެވެ. ފައިސާ މިވަރަށް ޗާޕްކުރުމަކީ ރެކޯޑް އަދަދަކަށް ދަރަނި އުފެދޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައީދު މިހެން ވިދާޅުވި އިރު، ފައިސާ ޗާޕްކުރަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުށަހެޅުއްވި ވަރަށް އެ ހުއްދަަ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ދެކޮޅު ހަދައިފަ އެެވެ. އެކަމުގައި ގަވަރުނަރު އަލީ ހާޝިމް ވެސް ސަރުކާރާ ހިޔާލު ތަފާތުކަން އިއްޔެ، ސާފު ބަހުން ވިދާޅުވި އެވެ. މާލިއްޔަތު ކޮމިޓީން އިއްޔެ އެ މައްސަލަ ނިންމީ އޭނާގެ ރައުޔަށް ވެސް ރިއާޔަތްކޮށްގެންނެވެ.

ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވީ 3.5 ބިލިޔަން ރުފިޔާ ޗާޕްކުރުމުގެ ހުއްދަ ހޯއްދެވުމަށެވެ. އެކަމަކު މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކުރީ އެ އަަދަދު 2.5 ބިލިޔަން ރުފިޔާއަށް ކުޑަކުރުމަށެވެ. އެގޮތަށް ނިންމީ އެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުުމުގައި ގަވަރުނަރު ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަފޫރު މޫސާ އެގޮތަށް ހުށަހެޅުއްވުމުންނެވެ. އެ ހުށަހެޅުމަށް ތާއީދުުކުރެއްވީ ކުޅުދުއްފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ޔާސިރު އަބްދުއް ލަތީފެވެ.

ފައިސާ ޗާޕްކުރުމާ ދެކޮޅަށް، ސައީދު ނިސްބަތްވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް އިއްޔެ ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނީ އިގުތިސާދަށް ގެއްލުންވާ ގޮތަށް އެހާ ގިނަ ފައިސާ ޗާޕް ނުކުރަން ސަރުކާރަށް ގޮވައިލާ ކަމަށެވެ. ފައިސާ ޗާޕްްކުރަން މީގެ ކުރިން މަޖިލީހުން ދިން ހުއްދައިގެ ދަށުން ޗާޕްކުރި ފައިސާ ހަރަދުކުރިގޮތް އެނގެން ނެތް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އަންނަ އަހަރު ރާއްޖޭގެ ދަރަނި 100 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށާއި ފައިސާ އިތުރަށް ޗާޕްކޮށްފި ނަމަ ޑޮލަރުގެ އަގު ބޮޑުވެ، އޭގެ ސަބަބުން ތަކެތީގެ އަގު ބޮޑުވާނެ ކަމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...މިކަން ކޮށްފައި ވަނީ މާލީ ބޮޑެތި ކަންކަމާއި ބަޖެޓާއި ގުޅުންހުރި ކަންކަން ކުރިއަށްދާ އިރު، މަޖިލީހުގައި މިފަދަ މުހިއްމު ބަހުސްތަކުގައި އަމަލުކުރާ އުސޫލުތަކާ މުޅިން ހިލާފަށެވެ،" އެ ބަޔާނުގައި ބުންޏެވެ.

ފައިސާ ޗާޕްކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމާ މެދު ގަވަރުނަރު އިއްޔެ ކަންބޮޑުވުން ފާޅުކުރެއްވުމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އެ ހުއްދަ ނުލިބޭ ނަމަ އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓް 29 ބިލިޔަނަށް ކުޑަކުރަން ޖެހޭނެ ކަމަށެވެ. އެގޮތަށް ކުޑަކުރާ ނަމަ ބައެއް މަޝްރޫއުތައް ހުއްޓާލައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ވެސް ކުޑަކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.