09 ޑިސެމްބަރ 2016 - 10:04

ވޮޝިންޓަން (ޑިސެމްބަރު 9) - އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ފުރަތަމަ ހޮވުނު ސޯމާލިއާ ދަރިކޮޅުގެ މުސްލިމް މެމްބަރު އިލްހާން އުމަރަށް ވޮޝިންޓަނުގައި ޓެކްސީ ޑްރައިވަރަކު ގޯނާކޮށްފައިވާ ކަމަށް އޭނާ ބުނެފި އެވެ.

މިނެސޮޓާ ތަމްސީލް ކުރާ 34 އަހަރުގެ މެންބަރު ވިދާޅުވީ ޓެކްސީ ޑްރައިވަރު އޭނާއާ ދިމާކޮށްލާ އެންމެ ފަހުން ބުރުގާ ބާލަން ވެސް އުޅުނު ކަމަށެވެ. މި ހާދިސާ ހިނގީ ވައިޓްހައުސްގައި އޮތް ޕޮލިސީ ޓްރޭނިންއަކަށް ފަހު އެނބުރި ހޮޓަލަށް ދާން އެރި ޓެކްސީއެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިލްހާން އަށް ދިމާވި ހާދިސާ އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
"ޑްރައިވަރު ބުނި އަޅުގަނޑަކީ އައިއެސް މީހެކޭ. އަދި ބުރުގާ ބާލަން ވަރަށް މަސައްކަތް ކުރި. މި ކަން ނިމޭނީ ކޮންތަކަށް ނޭނގޭތީ އަޅުގަނޑު އަވަހަށް މަސައްކަތް ކުރީ ޓެކްސީން ފޭބޭތޯ،" އިލްހާން ވިދާޅުވި އެވެ. "އަދިވެސް މި ހުންނަން ޖެހެނީ އެ ހާދިސާގެ ބިރުވެރިކަމުގައި."
ވޮޝިންޓަންގެ މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުން ބުނެފައި ވަނީ އެ ހާދިސާގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އިލްހާން ވިދާޅުވީ އޭނާ ދާ ތަނެއް ޑްރައިވަރަށް އެނގިއްޖެ ނަމަ ރައްކާތެރި ނޫން ކަމަށާއި މި މައްސަލަ މިނެސޮޓާ އަށް ގޮސް ރިޕޯޓްކުރާނެ ކަމަށެވެ.
ޑިމޮކްރެޓިކް މެމްބަރެއް ކަމަށްވާ އިލްހާން އެމެރިކާ އަށް ދިޔައީ ވަރަށް ކުޑަ އިރު އެވެ. އޭނާ ވަނީ މިދިޔަ މަހު އޮތް އިންތިޚާބުގައި ރިޕަބްލިކަން ކެންޑިޑޭޓާ ވާދަކުރައްވާ މިނެސޮޓާގެ ގޮނޑި ކަށަވަރު ކުރައްވާ ތާރީޚުން ޖާގަ ހޯއްދަވައިފަ އެވެ. އޭނާ އިންތިޚާބު ކާމިޔާބު ކުރެއްވީ މިނެސޮޓާގެ ސޯމާލިއާ ދަރިކޮޅު މީހުން ހައްދުފަހަނަޅާ ދިއުން ފަތުރާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ މާގިނަ ދުވަހެއް ނުވެ އެވެ. ސޯމާލިއާ ދަރިކޮޅުގެ އެންމެ ބޮޑު އާބާދީއެއް އޮންނަނީ މިނެސޮޓާގަ އެވެ. އެމެރިކާގެ ހިސާބުތައް ދައްކާ ގޮތުން އެ ސިޓީގައި ސޯމާލިއާ ދަރިކޮޅުގެ ބައި ލައްކަ މީހުން ދިރިއުޅެ އެވެ.