ދެތިން މިނެޓަށް ގެއިން ނުކުތް ވަގުތު މަރުގެ އެތިފަހަރެއް!
ދެތިން މިނެޓަށް ގެއިން ނުކުތް ވަގުތު މަރުގެ އެތިފަހަރެއް!

އެއީ، ކޮންމެ ރެއަކު ކަހަލަ ގޮތަށް މަރިޔަމް ޝަހީދާ (މަރީ) 47، ގެއިން ނުކުންނަ ގަޑި އެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް އޭނާ ނުކުތީ ޓިއުޝަނުން ދަރިފުޅު ބަލަ އެވެ. ފޯނު ވެސް ބާއްވާފައި ދިޔައީ 11 އަހަރުގެ ދަރިފުޅު ހުރި ގެއަށް ދެތިން މިނެޓުން ހިނގާފައި ދެވޭނެތީ އެެވެ.

އެކަމަކު އެ ރޭ ގެއިން ނުކުމެގެން މަޑުމަޑުން ހިނގާފައި މަރީ އަށް ދެވުނީ އެއް ކަންމަތިން އަނެއް ކަންމައްޗާ ހިސާބަށެވެ. ފަހަތުން ބާރަށް އައި އެއްޗަކުން ޖެހި ވިއްސައިގެން ގޮސް ހޮޅި ދަނޑިއެއްގައި ޖެހުނުކަން އެނގުނެވެ.

ދެން އިވުނީ "ދައްތާ ލޯ ނުމަރާ، ހޭލާ އޮންނާށޭ" ބަޔަކު ގޮވަމުން ދިޔަ އަޑެވެ. ވީ ގޮތެއް ނޭނގެ އެވެ. ހޭއެރި އިރު ގަބޫލުކުރަން ދަތި ގޮތަކަށް އޭނާގެ މުޅި ދިރިއުޅުން އޮތީ ބަނަވެފަ އެވެ.

ނިކަގަސްމަގުން ދުއްވާފައި އައި ޕިކަޕަކުން މަރީގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓުގައި ވައަތު ފައި ބުރިކޮށްލަން ޖެހުނީ އެވެ. އޭނާގެ ފުރާނަ ސަލާމަތްކުރަން އެ ނޫން ގޮތެއް ނެތުނީ ކަމަށް އާއިލާ އިން ބުންޏެވެ.

"ހޮސްޕިޓަލަށް ގެންދިޔައިރު ލޭމަނާ ނުވޭ ފަޔަށް ލިބުނު އަނިޔާއިން. އަތާއި މޫނު މައްޗަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައި. ހުރީ،" އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ސާޖަރީ އަށް ފަހު އޭނާ އަށް އަދިވެސް ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގަ އެވެ.

އާއިލާ އިން ބުނި ގޮތުގައި އެކްސިޑެންޓް ހިނގިތަން ފެނުމާ އެކު އެ ސަރަހައްދުގައި ތިބި މީހުން ވަަރަށް ބޮޑަށް އެހީވި އެވެ. ފިލާގަނޑެއް ހޯދައި އަނިޔާވި ފައި އޭގެ މަތީގައި ބާއްވައި ކުޑައިރުކޮޅެއްގެ ތެރޭގައި މަރީ ޕިކަޕެއްގައި އޭޑީކޭއާ ހަމައަށް ގެންގޮސްދިނެވެ.

"ތުއްތަ ވެސް ބޭނުންވޭ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެކޮށްދިން ހެޔޮ ކަންތައް އާއިލާ އިން ވެސް ވަަރަށް ބޮޑަށް ގަބޫލުކުރަން،" އެކްސިޑެންޓާ ގުޅޭ ގޮތުން "މިހާރު" އަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ފޯނު ވެސް ނުގެންދާތީ އެ ވަގުތު އެއްވެސް މީހަކަށް ގުޅޭނެ ގޮތެއް ވެސް ނުވީ. ހޮސްޕިޓަލުގައި އާއިލާގެ މީހަކު މަސައްކަތް ކުރާތީ އެނގުނީ މިކަން ހިނގި ކަން."

މި ހާދިސާއިން މަރީގެ ދިރިއުޅުން މި ބަދަލުވީ އަންނަ މަހު ކައިވެންޏެއްކޮށް ކައިރި ރަށަކަށް ވަގުތީ ގޮތުން ދިރިއުޅުން ބަދަލުކުރަން އުޅެނިކޮށެވެ. ކުރީގެ ކައިވެންޏަށް އޭނާގެ ތިން ފިރިހެން ދަރިން ތިބެ އެވެ.

އެކްސިޑެންޓް ހިނގި ގޮތެއް ޔަގީންކަމާ އެކު އަދި ބުނާކަށް އާއިލާއަކަށް ވެސް ނޭނގެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަށް ބަލައި އެ ހާދިސާ އެކި މީހުން ސިފަކުރަނީ އެކި ގޮތަށެވެ. ބައެއް މީހުން ބުނާ ގޮތުގައި އިސްކަންދަރު މަގުން އައިސް ގޯޅިއަޅަން އުޅުނު ޕިކަޕުގެ ބުރެކި ފެއިލްވެ ނުޖެއްސުނީ އެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ޑްރައިވަރަށް އޮޅިގެން ސްޕީޑަށް ފިތުނީ އެވެ.

ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފިކަޕުގެ ޑްރައިވަރަކަށް އިނީ، އެނގިފައިވާ ގޮތުގައި ފިހާރައެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާގެ އަތުގައި ޕިކަޕް ދުއްވުމުގެ ލައިސަންސް ވެސް އޮވެ އެވެ.

އެ އެކްސިޑެންޓަކީ ޑްރައިވަރު ގަސްތުގައި ކުރި ކަމެއް ކަމަށް މަރީގެ އާއިލާ އިން ނުދެކެ އެވެ. މަރީ ހޮސްޕިޓަލަށް ގެންދިޔައީއްސުރެން ޑްރައިވަރު ހާލު ބަލައި ވެސް ހަދަ އެވެ.