18 ނޮވެމްބަރ 2021 - 14:31

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ބިލިއާޑް މުބާރާތް އަންނަ މަހު ބާއްވަން މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ތައްޔާރު ވެއްޖެ އެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ލިޓަސް ހަމަޖައްސައި، "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021" ނަމުގައި ކުރިޔަށްގެންދާ މި މުބާރާތުގައި ޖުމްލަ ހަ އިވެންޓެއް ކުރިޔަށް ގެންދާނެ އެވެ. މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 8 ޖަހަންދެން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ގައުމީ ބިލިއާޑް މުބާރާތުގައި ހަ އިވެންޓެއް ކުރިޔަށް ދާނެ އެވެ. އެއީ ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަނުގެ އިތުރުން، ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އަދި ޓީމް އިވެންޓެވެ.

ގައުމީ ރޭންކިންގެ ފުރަތަމަ 32 ކުޅުންތެރިންނާ އެކު ފިރިހެން ފުރަތަމަ ޑިިވިޝަން ކުޅުމަށް ހަމަޖެހިފައި ވަނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. މި 32 ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކު މުބާރާތުގައި ބައިވެރި ނުވާނަމަ، ކުޅުންތެރިން ހަމަވަންދެން ރޭންކިން ތަރުތީބުން ޖާގަ ދޭނެ އެވެ.
ފިރިހެން ފުރަތަމަ ޑިިވިޝަނުގައި ވާދަނުކުރެވޭ ކުޅުންތެރިން ވާދަކުރާނީ ފިރިހެން ދެވަނަ ޑިވިޝަނުގަ އެވެ. މި އިވެންޓް ވެސް ކުޅޭނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފިރިހެން ދެ ޑިވިޝަނުގެ ވެސް ފައިނަލް މެޗު ފިޔަވައި ހުރިހާ މެޗެއް ވެސް ކުޅޭނީ ރޭސް ޓު 7 ފްރޭމަށެވެ. ފައިނަލް މެޗު ކުޅޭނީ ރޭސް ޓު 11 ފްރޭމަށެވެ.
އަންހެން އިވެންޓް ވެސް 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިޔަށް ދާއިރު، މި އިވެންޓުގެ ފައިނަލް މެޗު ފިޔަވައި ހުރިހާ މެޗެއް ވެސް ކުޅޭނީ ރޭސް ޓު 5 ފްރޭމަށެވެ. ފައިނަލް މެޗު ކުޅޭނީ ރޭސް ޓު 7 ފްރޭމަށެވެ.
ޑަބަލްސް އިވެންޓު ކުރިޔަށް ދާނީ، އަންހެން އަދި ފިރިހެން ޑަބަލްސް ޕެއާތައް އެއްކޮށް، 10 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. މި އިވެންޓުގެ ފައިނަލް މެޗު ފިޔަވައި ހުރިހާ މެޗެއް ވެސް ކުޅޭނީ ރޭސް ޓު 7 ފްރޭމަށެވެ. ފައިނަލް މެޗު ކުޅޭނީ ރޭސް ޓު 9 ފްރޭމަށެވެ.
ޑަބަލްސް އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ކުޅުންތެރިންނަށް ވެސް ހުޅުވާލައިފައިވާއިރު، ފިރިހެން ރޭންކިންގެ ފުރަތަމަ 32 ކުޅުންތެރިން އެއްކޮށް ޑަބަލްސް ޕެއާ ނުހެދޭނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ އެމްޕީބީއޭއިން ބުނެ އެވެ.
މިކްސްޑް ޑަބަލްސް އިވެންޓް ކުރިޔަށް ދާނީ މުބާރާތުގައި ބައިވެރިވި ހުރިހާ މިކްސްޑް ޑަބަލްސް ޕެއާތައް އެއްކޮށް، 8 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. މި އިވެންޓުގެ ފައިނަލް މެޗު ފިޔަވައި ހުރިހާ މެޗެއް ވެސް ކުޅޭނީ ރޭސް ޓު 5 ފްރޭމަށެވެ. ފައިނަލް މެޗު ކުޅޭނީ ރޭސް ޓު 7 ފްރޭމަށެވެ.
ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދާ ޓީމު އިވެންޓުގައި ކޮންމެ ޓީމެއްގެ ލިސްޓުގައި ވެސް ރާއްޖޭން ބޭރު އެއް ކުޅުންތެރިއެއް ހިމެނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ޓީމް އިވެންޓްގައި ކުޅޭނީ 10 ބޯލްސް އެވެ. މި އިވެންޓުގެ މެޗުތައް ކުޅޭނީ ފަސް މޭޒުން މަދުވެގެން ތިން މޭޒުން މޮޅުވާ ޓީމެއް މެޗުން މޮޅުވާ ގޮތަށެވެ. މި މެޗުތަކުގައި ކުޅޭނީ ސިންގަލްސް ދެ މެޗާއި ޑަބަލްސް ތިން މެޗެވެ. މި އިވެންޓުގެ ފައިނަލް މެޗު ފިޔަވައި ހުރިހާ މެޗެއް ވެސް ކުޅޭނީ ރޭސް ޓު 7 ފްރޭމަށެވެ. ފައިނަލް މެޗު ކުޅޭނީ ރޭސް ޓު 9 ފްރޭމަށެވެ.
މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނާއި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަށް 15،000ރ. ދޭން ހަމަޖެހިފައި ވާއިރު، ރަނަރަޕް އަށް 7،500ރ. އަދި ތިންވަނައަށް ހޮވޭ ކޮންމެ ކުޅުންތެރިޔަކަށް 5،000ރ. ދޭން ވަނީ ހަމަޖައްސައިފަ އެވެ.
ފިރިހެން ދެވަނަ ޑިވިޝަނާއި ޑަބަލްސް އިވެންޓުގެ ޗެމްޕިއަނަށް 10،000ރ. ދޭން ހަމަޖެހިފައިވާއިރު، ރަނަރަޕް އަށް 5،000ރ. އަދި ތިންވަނައަށް 3،000ރ. ދޭން ވަނީ ހަމަޖެހިފަ އެވެ. މިކްސްޑް ޑަބަލްސް އިވެންޓުގެ ޗެމްޕިއަނަށް ދޭން ހަމަޖެހިފައި ވަނީ 5،000ރ. އެވެ. ރަނަރަޕް އަށް 2،500ރ. ދޭން ހަމަޖެހިފައި ވާއިރު ތިންވަނައަށް ހުށަހަޅާފައި ވަނީ 1،000ރ. އެވެ.
ގައުމީ މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަނުންނަށް ހުށަހަޅާފައި ވަނީ 30،000ރ. އެވެ. ދެވަނައަށް ދާ ޓީމަކަށް 15،000ރ. އަދި ތިންވަނައަށް 7،500ރ. ހުށަހަޅާފައިވެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ބިލިއާޑް މުބާރާތް ކުރިޔަށް ދާނީ، ޑިސެމްްބަރު 1-15 އަށް މާލޭގައި ހުންނަ ނޭޝަނަލް ބިލިއާޑް ސެންޓަރުގަ އެވެ.