އުމުރުން 50 އަހަރުން މަތީ މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ދެނީ
އުމުރުން 50 އަހަރުން މަތީ މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ދެނީ

ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ހައި ރިސްކު މީހުންނަށް ދޭ ކޮވިޑް-19 ގެ ބޫސްޓާ ޑޯޒް ޖެހޭ އުމުރު ދަށްކޮށް، 50 އަހަރުން މަތީ މީހުންނަށް ބޫސްޓާ ޑޯޒް ދޭން ނިންމައިފި އެވެ.

ކުރިން ނިންމާފައި އޮތީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ފަހު ވެސް ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންގެ ތެރެއިން 60 އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޑޯޒް ދޭ ގޮތަށެވެ.

އެކަމަކު އެ ނިންމުން ބަދަލުކޮށް އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހިފަހުން ހަ މަސް ވެފައިވާ 50 އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޑޯޒް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޖަހައިދޭން ނިންމައިފަ އެވެ.

- ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިން

- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން

- ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން

- ދިގު މުއްދަތަކަށް ސްޓެރޮއިޑްސް ބޭނުންކުރާ މީހުން

- ގަވާއިދުން ޑަޔަލިސިސް ހަދާ މީހުން

- ކެންސަރަށް ފަރުވާ ކުރާ މީހުންނާއި ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން

- އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން

- އޮކްސިޖަން ތެރެޕީ ނަގާ މީހުން

- ފުއްޕާމޭގެ އެކި ބަލިތަކަށް ފަރުވާ ކުރާ މީހުން

- ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން

- ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުން

- ބަލީގެ ސަބަބުން އެނދުމަތިކޮށްފައިވާ މީހުން

- ހިތުގެ ބަލިތަކަށް ފަރުވާކުރާ މީހުން

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލި ޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް ވެކްސިންގެެ ތިން ވަނަ ޑޯޒެއް ޖަހަން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ އެވެ. މިހާތަނަށް 5،390 މީހުން ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ކުރިން ވަނީ ބުނެފަ އެވެ.

ބޫސްޓާ ޑޯޒްގެ ގޮތުގައި ދެނީ ހަމައެކަނި ފައިޒާ ވެކްސިނެވެ.