08 ޑިސެމްބަރ 2016 - 15:47

އުރީދޫން ރާއްޖޭގެ ދެކުނުން އުތުރަށް ސަބްމެރިން ކޭބަލް އެޅުމަށް ހިންގާ 25 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުގެ ދަށުން، ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ އެ މަސައްކަތް މިއަދު ފަށައި، އައްޑޫގެ ހިތަދޫގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ ކޭބަލް ގުޅާލާފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ އިރު، މި ކޭބަލް މުޅި ރާއްޖޭގައި ދަމާލުމަށް، ހިތަދޫގެ އިތުުރުން، ގދ. ތިނަދޫ، ހުޅުމާލެ، މ. ކޮޅުފުށި، ބ. އޭދަފުށި އަދި ހދ. ކުޅުދުއްފުށީގައި ލޭންޑިން ސްޓޭޝަންތައް ގާއިމްކޮށްފައިވާ ކަމަށެވެ.
މިއީ އުރީދޫ އަށް ރާއްޖޭގައި އިިންޓަނެޓުގެ ހިދުމަތް ދިނުމުގެ ލައިސެންސް ލިބުމުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވީހާ ވެސް އަވަހަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން ފަށާފައިވާ 25 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެކެވެ.
މި ކޭބަލް އަޅައި ހިދުމަތް ދޭން ފެށުމުން، އުރީދޫގެ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަވެ، ހަލުވި ސްޕީޑެއްގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. މި ކޭބަލްގެ ހިދުމަތް ދޭނީ ވާވޭގެ އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އުރީދޫން ބުނި ގޮތުގައި މި މަޝްރޫއު ނިމުމުން މުޅި ރާއްޖެ އަށް ޑިޖިޓަލް ޓެެކްނޮލޮޖީގެ މަންފާ ލިބޭނެ އެވެ. އޭގެ ތެރޭގައި ޓެލެމެޑިސިން، ޓެލެވޯކިން، އޮންލައިން އެޑިއުކޭޝަން އަދި އީ-ގަވަމަންޓްގެ ހިދުމަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުންނެވެ.