17 ނޮވެމްބަރ 2021 - 20:55

އދ. ގެ ޔޫތު ފެލޯޝިޕް ޕްރޮގްރާމަށް ޒުވާނުން ނޮމިނޭޓް ކުރުމަށް އދ.ގެ ޖެނެރަލް އެސެމްބްލީގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ.
އދ ގެ މެމްބަރު ގައުމުތަކުގެ އެހީތެރިކަމާ އެކު، މި ދައުރުގައި ޒުވާން އަށް ޑިޕްލޮމެޓަކަށް މި ފެލޯޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ފެލޯޝިޕަށް ޒުވާނުން ނެގުމުގައި އިސްކަމެއް ދީފައިވަނީ އެންމެ ކުޑަ މިންވަރަށް ތަރައްގީވެފައިވާ ގައުމުތަކާއި ލޭންޑްލޮކްޑް ޑިވެލޮޕިން ގައުމުތަކައި، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްތަކަށެވެ. ގައުމުތަކުން އައްޔަން ކުރެވޭ ޒުވާނުންނަށް އދގެ އެތެރޭގެ މަސައްކަތްތައް ދެނެގަތުުގެ ދޮރު ހުޅުވޭނެ އެވެ.
އދ ގެ މެމްބަރު ގައުމުތަކަށް ފޮނުއްވި ސިޓީގައި ޝާހިދު ވިދާޅުވީ މިއީ އޭނގެ ޕްރެޒިޑެންސީ އޮފް ހޯޕްގެ އިސްނެންގެވުމެއް ކަމަށާއި މިކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ހުރިހާ މަރުހަލާއެއްގައި ވެސް ކަންތައްތައް ނިންމުމުގައި ޒުވާނުންގެ ދައުރު ފުޅާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރާ ކަމެއް. މަލްޓިލިޓްރަލިޒަމްގެ ކުރިމަގަށް ކުރާ ހޭދައެއް ގޮތުގައި ޒުވާނުން އދ ގެ މަސައްކަތާއި ގާތްކުރުމަކީ ބޭނުންތެރިކަމެއް،" އެ ސިޓީގައިވެ އެވެ.
މި ފެލޯޝިޕްގައި ބައިވެރިވާ ޒުވާނުންނަށް ޖެނެރަލް އެސަމްބްލީގެ އެންމެ ބޮޑެތި އިވެންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ނެގޯސިއޭޝަންތަކާއި މެނޭޖްމަންޓަށް އެހީތެރިވުމާއި އިސް ނަގައިގެން ހިންގޭ ހަރަކާތްތަކާއި އަދި އަމަލީ ގޮތުން ނިންމާ ނިމުންތައް ނިންމުމުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
އދގެ އިންސްޓިޓިއުޓް އޮފް ޓްރެއިނިން އެންޑް ރިސާޗާ ގުޅިގެން ހިންގާ މި ފެލޯޝިޕުން، އދ.ގެ ސިސްޓަމް އާއި، އޭގެ ގުނަވަންތަކާއި، އަދި އެކި ބައިތަކުގެ އިތުރަށް މިހާރު ދުނިޔެ އަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭ ގޮތުން ޓްރެއިނިންގައި މައުލޫމާތު ދޭނެ އެވެ. އަދި މި ފެލޯޝިޕްގެ ބައިވެރިންނަށް ރޮޓޭޝަން ބޭސިސްގައި އެކި ފަރާތްތަކާ އެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބޭއިރު އޭގެ ތެރޭގައި ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ އޮފީހާއި ޕީސް އެންޑް ސެކިޔުރިޓީ، އިންސާނީ ހައްގުތަކާ ގުޅޭ ބައިގަ އާއި، އިންސާނިއްޔަތާއި ގުޅޭ ދާއިރާތަކުގައި އާއި، ސަސްޓައިނަބަލް ތަރައްގީ އާއި، ރިފޯމް، އަދި ބަޖެޓާއި، ގާނޫނީ ދާއިރާގައި އާއި، ކޮމިޔުނިކޭޝަންގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބޭނެ އެވެ.
މި ފެލޯޝިޕަށް މެމްބަރު މެމްބަރު ކޮންމެ ގައުމަކުން ވެސް ޒުވާނެއް ނޮމިނޭޓްކުރުމަށް ޝާހިދު ދައުވަތު ދެއްވިއިރު ކެނޑިޑޭޓުން ހޮވާނީ ތަޖުރިބާކާރު މިނިވަން ޕެނަލްއަކުންނެވެ. މިގޮތުން ހޮވާއިރު ޖިންސީ ހަމަހަމަ ކަމަށާއި، ސަރަހައްދީ ބައިވެރިވުން އޮންނަ މިންވަރަށް ބެލޭނެ އެވެ.
މި ކަމަށް ހިނގާ ހުރުމާއި، ބަދަލުވުންފަދަ ހަރަދުތައް ކުރާނީ ފެލޯޝިޕް ޕްރޮގްރާމަށް ފަންޑުކޮށްފައިވާ މެމްބަރު ގައުމުތަކުންނެވެ.
ފެލޯޝިޕަށް ޒުވާނުން ނޮމިނޭޓްކުރުމަށް ދެއްވި އެންމެ ފަހު ތާރީހަކީ މިމަހުގެ ނިޔަލެވެ.