17 ނޮވެމްބަރ 2021 - 20:32

ޕިކަޕެއް ކޮންޓްރޯލުން ނެއްޓި މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ ވާތު ފައި ޗިސްވެ، އެ ފައި މިއަދު ބުރިކޮށްލައިފި އެވެ.

ނިކަގަސް މަގުން ބާޖަމާލުއްދީން ކައިރިން މަގު ހުރަސް ކުރަން ދިޔަ އަންހެނެއްގެ ގައިގައި ޕިކަޕަކުން ޖެހުނީ ރޭ 9:00 ހާއިރެވެ. އެ އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެއިން ފެންނަނީ ވަރަށް ބާރަށް ދިޔަ ކުޑަ ޕިކަޕެއް ކަންމައްޗަކަށް ވާ ގޮތަށް ހުރި ފާރުގައި ގޮސް ޖެހޭ ތަނެވެ. އޭރު އަންހެން މީހާ މަގު ހުރަސްކުރަމުން ގޮސް އެ ފާރާ އަރާ ހަމަވަނީ އެވެ.
ފާރާއި ޕިކަޕުގެ ދޭތެރޭގައި އަންހެން މީހާ ތާށިވެފައިވާ ގޮތަކަށް ވީޑިއޯ އިން ފެންނައިރު އެ އެކްސިޑެންޓު ހިނގުމާ އެކު ޑްރައިވަރު ވެސް ޕިކަޕުން ފައިބައި އަންހެން މީހާ ކައިރިއަށް ދުވަމުން ކަހަލަ ގޮތަކަށްދާ ތަން ފެނެ އެވެ. އޭރު އެ ސަރަހައްދުގައި ތިބި މީހުން ވެސް އެތަނަށް ހުއްޓި އަންހެން މީހާއަށް އެހީވާ މަންޒަރު ފެނެ އެވެ.
އެ އެކްސިޑެންޓު ހިނގި ސަރަހައްދުން، "މިހާރު" އަށް ލިބިފައިވާ ބައެއް ފޮޓޯތަކުގައި ވެސް އެތަނުގައި ވަރަށް ގިނައިން ލޭ ހުރި މަންޒަރު ފެނެ އެވެ.
އެކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުން ބުނީ 47 އަހަރުގެ ދިވެހި އަންހެން މީހާއަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ޕިކަޕު ދުއްވަން އިނީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާއަކީ ޕިކަޕު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާ ފުލުހުން ތަހުގީގުކުރަމުން އައި ނަމަވެސް އެކްސިޑެންޓު ހިނގީ ކޮން ސަބަބަކާ ހުރެ ކަމެއް ނުބުނެ އެވެ. އެކަމަކު ހާދިސާ ހިނގީ ޕިކަޕުގެ ބުރަކި ފެއިލްވެގެން ކަމަށް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުންޏެވެ.