17 ނޮވެމްބަރ 2021 - 16:00

މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނޭ ތިން ފަަނޑިޔާރުންގެ އަޑު ކަމަށް ބުނެ ލީކުކޮށްލާފައިވާ އޯޑިއޯތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލުކުރުނުން ވެސް އެއީ ފޭކު އޯޑިއޯތަކެއް ކަން އެނގިއްޖެ އެވެ.
މިކަން އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފަަނޑިޔާރުންގެ އަޑު ކަމަށް ބުނެ ލީކުކޮށްލާފައިވާ އޯޑިއޯތައް މެލޭޝިއާ އަށް ފޮނުވައިގެން ތަހުލީލުކުރުމަށް ފަހު، އޭގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށެވެ. އެ ނަތީޖާ މިހާރު ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށާއި އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ އޯޑިއޯތަކުގެ ތަހުލީލުގެ ނަތީޖާއިން ދެއްކީ އެއީ ސައްހަ ނޫން އޯޑިއޯތަކެއް ކަމަށެވެ.
މި މައްސަލަ ފުލުހުން ކުރިން ތަހުގީގު ކުރުމަށް ފަހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދީފައިވާ މައުލޫމާތުތަކާ ހަވާލާދީ އެ ކޮމިޝަނުން ކުރިން ބުނެފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާ، އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާ ނުވާ ކަމަށެވެ.
އޯޑިއޯތަކާ ދިމާ ވަނީ ގާޒީ ހުސެއިން ފާއިޒް ރަޝާދުގެ އަޑު ކަމަށާއި ނަމަވެސް އެ ވާހަކަތައް ވެސް ހުރީ ޓެމްޕާކޮށް ބަދަލުކޮށްފައި ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.
ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ގޮތަށް އާންމުވި އޯޑިއޯގެ އަޑާއި ފާއިޒުގެ އަޑާ ދިމާވާ ކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާތީ ޖޭއެސްސީން ވަނީ އޭނާ ސަސްޕެންޑު ވެސް ކޮށްފަ އެވެ.
ލީކުވި އޯޑިއޯތަކުގައި ވަނީ ޔާމީންގެ މައްސަލަ އަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ. އިދިކޮޅު ފަރާތްތަކުން ވަނީ ރާއްޖޭން ބޭރަށް ފޮނުވި އޯޑިއޯތަކުގެ ނަތީޖާ ހޯދަން އެތައް ފަހަރަކު ޕޮލިހަށް ވެސް ގޮހެވެ.