17 ނޮވެމްބަރ 2021 - 17:01

ޕާކިން ޒޯނެއްގައި ހަފުތާއަކަށް ވުރެން ގިނަ ދުވަހު އުޅަނދެއް ޕާކުކޮށްފައި ނުބޭއްވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ގަވައިދަކުން ކަނޑައަޅައިފި އެވެ.
އެ މިނިސްޓްރީން އާއްމުކުރި އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދުގައި ޕާކިން ޒޯނުތައް ކަނޑައެޅުމާއި ޕާކުކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކޮށްފައިވެ އެވެ.
އެ ގަވައިދުގައި ވާގޮތުން އެއްގަމު އުޅަނދު ޕާކުކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައި މެދުކެނޑުމެއްނެތި އުޅަނދެއް ބޭއްވޭނީ ގިނަވެގެން ހަތް ދުވަސް ވަންދެންނެވެ. އެ މުއްދަތު ހަމަވުމުން އެފަދަ އުޅަނދެއް
އެ ތަނަކުން ނަގައި ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ ބާރު ދީފައިވެ އެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންކުރާ އުޅަނދުތައް އިސްތިސްނާ ވެގެންދާނެ ކަމަށް ގަވައިދުގައި ބުނެ އެވެ.
އެކަމަކު އެއީ ނުކުޅެދުންތެރިކަން ހުންނަ މީހަކު ބޭނުންކުރާ އުޅަނދެއްކަން އަންގައިދިނުމަށް
މިނިސްޓްރީން ދޫކޮށްފައިވާ ލިޔުމެއް ނުވަތަ ސްޓިކާއެއް އޭގައި ހަރުކޮށްފައި ހުންނަން ޖެހޭނެ އެވެ.
ކުރަހައިގެން ޕާކިން ޒޯނު ކަނޑައެޅެން ނެތް މަގުތަކާއި ސަރަހައްދުތަކުގައި ޕާކްކުރުން މަނާކަމުގައި
ކަނޑައަޅާފައި ނުވާ ނަމަ، ހިނގާ އުޅޭ މީހުންނަށް ދަތިނުވާ ގޮތަށް އުޅަނދު ޕާކު ކުރުމުގެ ހުއްދަ އެ ގަވައިދުން ދީފައިވެ އެވެ.
ގަވައިދުގައި ބުނީ ޕާކިން ޒޯނުތައް ކަނޑައަޅާއިރު ހިލޭ ޕާކުކުރުމާއި ފީ ދައްކައިގެން ޕާކުކުރެވޭނެ ސަރަހައްދުތައް ކައުންސިލްތަކަށް ކަނޑައެޅޭނެ ކަމަށެވެ.
އެގޮތަށް ސަރަހައްދުތައް ކަނޑައަޅާއިރު ގިނަ ބަޔަކު ހިދުމަތް ހޯދަން ދާންޖެހޭ ތަންތަން ހުންނަ ސަރަހައްދުތަކުގައި ފީ ނަގައިގެން ޕާކުކުރާ ތަންތަން ބެހެއްޓުމަށާއި މަދުން މީހުން ޕާކުކުރަންޖެހޭ ސަރަހައްދުތަކުގައި ހިލޭ ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްކަންދިނުމަށް އެދިފައިވެ އެވެ. އޭގެ އިތުރުން، ޕާކިން ފީގެ ގޮތުގައި ގިނަވެގެން ނެގޭނެ އަދަދުތައް ވެސް ބުނެފައިވެ އެވެ.
ވެހިކަލްތަކުގެ ކުޑަބޮޑުމިނާއި ބަރުދަނަށް ބަލައިގެން އެ ވެހިކަލްތައް ޕާކުކުރުމަށް ގިނަވެގެން ނެގޭނީ 2-50ރ. އާ ދެމެދުގެ އަގެކެވެ.
ގަވައިދާ ހިލާފަށް ޕާކު ކުރުމުން ސްޓިކާ ޖެހި ނަމަވެސް އެ ސްޓިކާ ޖަހާތާ 24 ގަޑިއިރުގެ ތެރޭގައި އެ އުޅަނދެއް އޮތް ތަނަކުން ނަގަންވާނެ އެވެ. އެ ވަގުތުގެ ތެރޭގައި އުޅަނދު ނުނަގައިފިނަމަ ޓޯ ކުރުމަށްޓަކައި ފުރޮޅުގައި ތަޅު އެޅުވުމުގެ އިހުތިޔާރު ކައުންސިލާއި ޕޮލިހަށް ދީފައިވެ އެވެ.