17 ނޮވެމްބަރ 2021 - 14:53

ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް އަތުން 86-65 ޕޮއިންޓުން ބަލި ވެއްޖެ އެވެ.
މިއަދު ހެނދުނު ކުޅުނު މެޗުގެ ފުރަތަމަ ދެ ކުއާޓަރުގައި ރާއްޖެއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ތިންވަނަ ކުއާޓާރުގައި ރާއްޖޭން ކުޅުން ރަނގަޅު ކުރި އެވެ. ފުރަތަމަ ދެ ކުއާޓަރުގައި ބަންގްލަދޭޝް އިން 44 ޕޮއިންޓް ހަމަކުރިއިރު، ރާއްޖޭން ހަމަކުރެވުނީ 25 ޕޮއިންޓެވެ. ތިންވަނަ ކުއާޓަރުގައި ރާއްޖޭން ކުރި ހޯދީ 21-16 ޕޮއިންޓުންނެވެ.
ފަހު ކުއާޓަރުގެ ކުރީ ކޮޅު ވެސް ރާއްޖޭން ރަނގަޅަށް ކުޅެ، ނުވަ ޕޮއިންޓަށް ފަރަގު ކުޑަ ކުރިއިރު، ބާކީ އަށްވަރަކަށް މިނިޓަށްވެފައި ވަނިކޮށް ރާއްޖޭން ނެގި ޓައިމްއަައުޓަށް ފަހު، ބަންގްލަދޭޝްގެ އޮފެންސްތައް ފެނުނީ ކުރިޔަށް ވުރެ ނުރައްކާ ކޮށެވެ.
ރާއްޖޭން މި މުބާރާތަށް ނުކުތީ، ކުރިން ގައުމީ ކެޕްޓަންކަން ކުރި، އަދި އެސިސްޓެންޓް ކޯޗުގެ މަގާމު ވެސް ފުރި އިލްޔާސް އިބްރާހިމް (އިއްލެ) ގެ އިރުޝާދުގެ ދަށުންނެވެ. އޭނާގެ އެސިސްޓެންޓުންނަކީ 2019 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓައިލި މުހައްމަދު ޒިލާލް (ޒިލާ) އާއި އަލީ ފަޒްލީ އަދި ކޯޗު މުހައްމަދު ނަސީރު (މޮއްޑެ) އެވެ.
ރާއްޖެ އާއި ބަންގްލަދޭޝް މެޗުގެ ކުރިން އިންޑިއާ ވަނީ މިއަދު ހެނދުނު 114-48 ޕޮއިންޓުން ސްރީ ލަންކާ ބަލިކޮށްފަ އެވެ.
މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެ، ރާއްޖެ އޮތީ ފުލުގަ އެވެ.