17 ނޮވެމްބަރ 2021 - 11:27

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ރާއްޖޭގައި ސިއްހީ ހިދުމަތްދޭ މީހުންނަށް ދޫކުރާ ރަޖިސްޓްރޭޝަން ސެޓްފިކެޓް ފޯޖުކޮށްގެން، އިންޑިއާގެ ރެކްރޫޓްމަންޓް އެޖެންސީއަކުން ފޭކް ސެޓްފިކެޓްތަކެއް ދޫކުރި މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ހެލްތު ކައުންސިލުން ދޫކުރާ "ހެލްތު ޕްރޮފެޝަނަލްސް" ރަޖިސްޓްރޭޝަން ސެޓްފިކެޓް ފޯޖުކޮށްގެން ބިދޭސީ އެޖެންޓަކު ރަޖިސްޓްރޭޝަން ދޫކޮށް، ފައިސާ ނަގަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
އެ ޝަކުވާއާ ގުޅިގެން ކުރި ތަހުގީގުން އެނގުނީ، އެކަން ކުރަމުން ދިޔައީ އިންޑިއާގެ ރެކްރޫޓްމަންޓް އެޖެންސީއަކުން ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. ނަމަވެސް، އެއީ ސީދާ ކޮން އެޖެންސީއެއް ކަމެއް އަދި ދޫކުރި ފޭކް ސެޓްފިކެޓްތަކުގެ އަދަދެއް ވެސް ނުބުނެ އެވެ.
އެ މިނިސްޓްރީން ބުނާގޮތުގައި، ކައުންސިލުގެ ރަޖިސްޓްރޭޝަނަށް އެދޭ މީހަކަށް ދޫކުރާ ސެޓްފިކެޓްގެ އެއްވެސް މަސައްކަތެއް ކުރުމަށް އިންޑިއާގެ އެއްވެސް އެޖެންސީއަކާ ހަވާލު ކޮށްފައެއް ނުވާނެ އެވެ.
ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީ ސިއްހީ ހިދުމަތްތެރިން ވަޒީފާ އަށް ނެގުމުގެ ކުރިން، އެ މީހުންނަށް ހެލްތު ކައުންސިލުން ދޫކުރާ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ސައްހަކަން ވަޒީފާ ދޭ ފަރާތުން ކަށަވަރު ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މި މައްސަލައިގައި އެ އެޖެންސީ އަށް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް ވެސް އަދި ނޭނގެ އެވެ.
އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ސިއްހީ ހިދުމަތްތެރިކަން ގެންނަ ގައުމެވެ. އެ ގައުމުން ރާއްޖެ އަށް ބިދޭސީ މަސައްކަތްތެރިން ގެންނަނީ އެކި ރެކްރޫޓްމަންޓް އެޖެންސީތައް މެދުވެރިކޮށެވެ.