17 ނޮވެމްބަރ 2021 - 10:22

މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ބޮޑެތި ގިނަ ބަދަލުތަކެއް ރާއްޖެއަށް ގެނެސްދެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ސަރުކާރުން ރައްޔިތުންނަށް ބިރުދެއްކުމާއި އަނިޔާވެރިކަން އިސްކުރުން ނިމުމަކަށް ގެނެސްފައިވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ މި ވެރިކަމަށް ތިން އަހަރު ފުރުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވައި އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ 2018ގެ ރިޔާސީ އިންތިހާބު އެޕާޓީއަށް ކާމިޔާބު ކުރެވުނު މައިގަނޑު ސަބަބަކީ ރައީސް ވައުދުވެ ވަޑައިގެންނެވި ކަންކަމާއި ގެންގުޅުއްވި ތަސައްވުރު ކަމަށެވެ. އަނިޔާވެރިކަމާއި ހުދުމުހުތާރު ވެރިކަމުން ރައްޔިތުން މިންޖުވުމަށް ނިންމީ އެ ކަންކަމުގެ ސަބަބުން ކަމަށް ދެކޭ ކަމަށް ބަޔާނުގައިވެ އެވެ.
ފާއިތުވި ތިން އަހަރަކީ ކާމިޔާބު ތިން އަހަރު ކަމަށާއި ރާއްޖޭގައި ޑިމޮކްރަސީ އާއި ގާނޫނުގެ ވެރިކަމަށް ގާއިމުކޮށް ހެޔޮ ވެރިކަމުގެ ނިޒާމެއް ގެނެސްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އެމްޑީޕީން ބުނީ ޖުޑިޝަރީ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން ސުޕްރީމް ކޯޓުގެ ބެންޗު އާކޮށް، ހެޔޮ ބަދަލުތަކެއް އެބަ ގެންނަ ކަމަށެވެ.
މިނިވަން މުވައްސަސާތަކަށް ނުފޫޒުފޯރުވުމުގެ ސަގާފަތް ބަދަލުކޮށް، އެތަންތަން މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު މަސައްކަތްކުރުމަށް ސަރުކާރު ހުރަހަކަށް ނުވާ ކަމަށާއި ސިޔާސީ ހަރަކާތްތަކަށާއި މީޑިއާގެ މިނިވަންކަމަށް ޖާގަދެވި، އެކަންކަން ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"ރައްޔިތުން ބާރުވެރިކުރުވުމަށާއި ލާމަރުކަޒުކުރުމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް މި ތިން އަހަރުގެ ތެރޭގައި ގެންނަވާފައިވެ އެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ވަނީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެ ވަޑައިގަތުމަކީ ވެސް ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެ އާއި ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާކަން އެ ޕާޓީން ފާހަގަކޮށްފައިވެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި، ކޮވިޑްގެ ބަލިމަޑުކަމުގެ ގޮންޖެހުންތަކާ އެކު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތާއި މަޝްރޫއުތައް ސަރުކާރުން ކުރިއަށް ގެންދިއުމަކީ ލިބުނު ހިތްހަމަޖެހުމެކެވެ.
"ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި ވަނީ މި ޕާޓީއާއި މިޕާޓީގެ ވެރިކަމަކާ އެވެ،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ސަރުކާރުގެ ބާކީ އޮތް ދެ އަހަރުގައި ވެސް ރައްޔިތުންގެ އުއްމީދުތަކާ އެއް މިންވަރަށް ކަންކަން ހާސިލުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ޕާޓީން ބުންޏެވެ.