ކްލަބުތަކުގެ ޕްރެޝަރާ ހެދި ޕްރިމިއާ ލީގުގެ ވެރިޔާ އިސްތިއުފާ ދީފި
ކްލަބުތަކުގެ ޕްރެޝަރާ ހެދި ޕްރިމިއާ ލީގުގެ ވެރިޔާ އިސްތިއުފާ ދީފި

ލަންޑަން (ނޮވެމްބަރު 17) - ޕްރިމިއާ ލީގުގެ ޗެއާމަން ގެރީ ހޮފްމަންއާ ދެކޮޅަށް އިނގިރޭސި ބޮޑެތި ކްލަބުތައް ތެދުވުމުން އޭނާ އިސްތިއުފާ ދީފި އެވެ.

އިނގރޭސި ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައި ވަނީ އިސްތިއުފާ ދޭން ހޮފްމަން ނިންމަވާފައިވާ ކަމަށެވެ. އެކަމަކު "ދި އެތުލެޓިކް" ނޫހުން ބުނެފައި ވަނީ އޭނާ ރޭ އިސްތިއުފާ ދީފައިވާ ކަމަށެވެ.

ހޮފްމަން އިސްތިއުފާ ދިނީ އޭނާގެ އިތުބާރު ނެތްކަމަށް ވޯޓެއް ނަގަން މިދިޔަ މަހު ކްލަބުތަކުން މަސައްކަތް ފެށުމުންނެވެ. އިނގިރޭސި ބޮޑެތި ކްލަބުތަކުން އޭނާއާ މެދު ހިތްހަމަނުޖެހުނީ، ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ކޮންޓްރޯލް އޮންނަ ސައުދީ އިންވެސްޓްމެންޓް ފަންޑަށް ނިއުކާސަލް ޔުނައިޓެޑް ވިއްކާލުމަށް ނިންމި ޑީލް އެޕްރޫވް ކުރުމުންނެވެ.

ނިއުކާސަލްގެ ޑީލް އެޕްރޫވް ކުރުމުން އެމެނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް އެކްޓިވިސްޓުންގެ ފާޑުކިޔުން ވެސް ހޮފްމަން އަށް އަމާޒުވި އެވެ. ސައުދީން ހިންގާ އިންސާނިއްޔަތާ ހިލާފް އަމަލްތަކުގެ ފަހަތުގައި ހުރީ މުހައްމަދު ބިން ސަލްމާން ކަމަށް ތުހުމަތު ކުރެވޭތީ އޭނާގެ ކޮންޓްރޯލް އިނގިރޭސި ކްލަބެއްގައި އޮންނަން ނުޖެހޭނެ ކަމަށް ބުނެ ހޮފެންހަމް އަށް ނުރުހުން އަމާޒުވެފަ އެވެ.

ޕްރިމިއާ ލީގުގެ ޗެއާމަންކަމުގެ މަގާމާ ހޮފްމަން ހަވާލުވީ އޭޕްރީލް 2020 ގަ އެވެ. މިދިޔަ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތްކޮށްގެން ވެސް ކްލަބުތަކުގެ ރުހުން ހޯދުމުގައި އޭނާ އަށް ކާމިޔާބެއް ނުލިބުނެވެ. ކޮވިޑްގެ ތެރޭގައި ޕްރިމިއާ ލީގަށް ކުރިމަތިވި މާލީ ގެއްލުން ރިކަވާ ކުރާނެ ގޮތެއް ވެސް އޭނާ އަކަށް ނުހޯދުނެވެ.

މި އަހަރު އިއުލާން ކުރި ޔޫރަޕިއަން ސުޕަ ލީގުގެ އެކަށީގެންވާ މައުލާމާތު ނެތި ކްލަބުތަކާ ދެކޮޅަށް ހަރުކަށިގޮތެއްގައި ޑީލް ކުރި މައްސަލަ ވެސް އޭނާއާ ދެކޮޅަށް ވަނީ ފެންމަތިވެފަ އެވެ.