ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ބޭރުގައި ބާއްވަން މަސައްކަތް ކުރަނީ؟!
ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ބޭރުގައި ބާއްވަން މަސައްކަތް ކުރަނީ؟!

ދިވެހި ސަރުކާރާއި ސިޔާސީ ޕާޓީތަކާ އެކު ބާއްވަން މަސައްކަތް ކުރާ މަޝްވަރާތައް، އދ. އިން މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ބޭރުގެ ގައުމެއްގައި ބާއްވަން މަސައްކަތް ކުރަމުން އަންނަކަން ހާމަވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ބޭރުގައި ބާއްވަން މަސައްކަތް ކުރަނީ؟!
ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ބޭރުގައި ބާއްވަން މަސައްކަތް ކުރަނީ؟!

ސިޔާސީ ޕާޓީތަކާ އެކު މިދިޔަ މަހު މަޝްވަރާތައް ފަށަން ނިންމާފައި އޮތަސް، އެ މަޝްވަރާތައް އަދިވެސް ނުފަށަ އެވެ. ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ މަޝްވަރާތައް ނުބާއްވަން ނިންމާފައި ނުވާނެ ކަމަށާއި އެކަން ލަސްވަނީ ބައެއް ޕާޓީތަކުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ. އެހެންވެ، ހުރިހާ ޕާޓީތަކުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.

ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ބޭރުގައި ބާއްވަން މަސައްކަތް ކުރަނީ؟!
ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ބޭރުގައި ބާއްވަން މަސައްކަތް ކުރަނީ؟!

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރައްވާ އދ.ގެ ޕޮލިޓިކަލް އެފެއާާޒް ޑިޕާޓްމަންޓުގެ ސީނިއަ އެޑްވައިޒަރު ތަމްރަތު ސެމިއުލް މިދިޔަ މަހު ރާއްޖެ ވަޑައިގަންނަވަން އޮތީ ނިންމަވައިފަ އެވެ. އެކަމަކު، "މަޝްވަރާތައް ބޭއްވޭނެ ފަދަ މާހައުލެއް ނެތް" ކަމަށް ބުނެ، އެ ދަތުރު ފަސްކުރަން ސަރުކާރުން އދ. ގައި އެދުމުން ތަމްރަތުގެ ދަތުރު ކެންސަލްކުރެއްވީ ކަމަށްވެ އެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް އަދި ނުލިބެ އެވެ.

ބޭރުގެ ބައެއް ގައުމުތަކުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، އެނގިފައިވާ ގޮތުގައި، ސަރުކާރާއި ޕާޓީތަކުގެ އޮފިޝަލުން ބޭރުގެ ގައުމެއްގައި ބައްދަލުކޮށް، މަޝްވަރާކުރެވޭތޯ އެވެ. އެ ގޮތުން، އަވަށްޓެރި ސްރީ ލަންކާގެ އިތުރުން، މޯލްޓާގައި މަޝްވަރާތައް ބޭއްވޭތޯ ވެސް މަސައްކަތް ކުރަމުން އަންނަކަން އެނގިފައިވެ އެވެ.

މޯލްޓާގައި މަޝްވަރާތައް ބޭއްވުމާ މެދު މާ ބޮޑު ތަފްސީލެއް ނުލިބުނަސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ލަންކާގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތަކުން ވަނީ ލަންކާގައި މަޝްވަރާތައް ބާއްވައިދިނުމަށް އެ ގައުމުގެ ސަރުކާރަށް ހުށަހަޅައިފަ އެވެ. ތަމްރަތުގެ އިތުރުން، ރާއްޖޭގެ ކަންކަން ބޮޑަށް ދެނެވަޑައިގަންނަވާ ލަންކާގެ މަންދޫބެއްގެ ހައިސިއްޔަތުން އެ ގައުމުގެ ކުރީގެ ރައީސް ޗަންދުރިކާ ކުމާރަތުންގަ މި މަޝްވަރާތަކުގައި ބައިވެރިކުރަން ހުށަހަޅާފައިވާ ކަމަށްވެ އެވެ.

ލަންކާ ސަރުކާރުން ވަނީ، އެނގިފައިވާ ގޮތުގައި، އެކަމަށް އެއްބަސްވެފަ އެވެ. އެކަމަކު، ލަންކާ އިން ބޭރުގެ މިޝަންތަކަށް އަންގާފައި ވަނީ، އެނގިފައިވާ ގޮތުގައި، އެކަން ކުރެވޭނީ ދިވެހި ސަރުކާރުން އެއްބަސްވާ ކަމަށްވާ ނަމަ ކަމަށެވެ.

ބޭރުގެ ފަރާތްތަކުން އިސް ނަގައިގެން ލަންކާ މެދުވެރިވެގެން، މި ހުށަހެޅުން ދިވެހި ސަރުކާރަށް މިހާރު ހުށަހަޅާފައިވާކަން ވެސް ވަނީ އެނގިފަ އެވެ. އެއީ، އެނގިފައިވާ ގޮތުގައި، ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މިދިޔަ ހަފުތާގައި ލަންކާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މަންގަލަ ސަމަރަވީރައާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

އެކަމަކު، އެ ހުށަހެޅުމާ މެދު ދިވެހި ސަރުކާރުން ދެކޭ ގޮތެއް އަދި ނިންމުމެއް ނިންމާފައިވާ ނަމަ އެކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

މަޝްވަރާތައް ފަށަން މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވިިޔަސް، އަދިވެސް ކުރިއެރުމެއް ލިބޭ ގޮތެއް ނުވެ އެވެ. އދ.ގެ މަންދޫބު ތަމްރަތު އެންމެ ފަހުން ވަޑައިގެން ވެސް، ވަކިވަކި ފަރާތްތަކާ އެކު ބައްދަލުކުރައްވައި "ޕްރޮކްސީ ޓޯކްސް"ތައް ބާއްވަން މަސައްކަތް ކުރެއްވިޔަސް، އެކަމުން ވެސް މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ.

އެންމެ ފަހުން މަޝްވަރާތަކަށް ހުރަސް އެޅުނީ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރަން ރައީސް އޮފީހުން އެދުމުންނެވެ. ހާއްސަކޮށް، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަން އުފެދި، ދެ ފެކްޝަނުން މަޝްވަރާތަކަށް މަންދޫބުން ކަނޑައެޅުމުން، މި މައްސަލަ ބޮޑުވެ، މަޝްވަރާތަކަށް ވަނީ ހުރަސް އެޅިފަ އެވެ.

ކޯޓު އަމުރަކުން ޕީޕީއެމްގެ ހިންގުން ހަވާލުކޮށްފައިވާ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މަޝްވަރާތަކުގައި ބައިވެރި ވަނީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ. އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހަމަޖައްސައިފަ އެވެ. އެކަމަކު، ސަރުކާރުން ނިންމީ މަޝްވަރާތަކުގައި ޕީޕީއެމް ތަމްސީލް ކުރާނީ ނިހާނާއި އަބްދުއްރަހީމް ކަމަށެވެ.

ޖުމްހޫރީ ޕާޓީން މަޝްވަރާތަކުގައި ބައިވެރި ވަނީ ކިނބިދޫ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ އަލީ ހުސެން އަދި މަތިވެރި ދާއިރާގެ ހުސެން މުހައްމަދެވެ. ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭ އިން ބައިވެރި ވަނީ އެ ޕާޓީގެ ތިން ޑެޕިއުޓީ ލީޑަރުން ކަމަށްވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި އެސްޓީއޯގެ ބޯޑުގެ ޑިރެކްޓަރު އައިޝަތު ރަފިއްޔާ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދޭ މައްސަލަތައް ހައްލުކުރަން މީގެ ކުރިން ވެސް ބޭރުގެ ފަރާތްތަކުން ވަނީ މެދުވެރިއެއްގެ ރޯލު އަދާކޮށްފަ އެވެ. އެކަމުގައި ލަންކާ ހާއްސަކޮށް ފާހަގަކޮށްލެވޭ އިރު، ކުރީގެ ރައީސް މައުމޫންގެ ދައުރުގައި އިސްލާހީ މަސައްކަތް ފެށި ދުވަސްވަރު ރާއްޖޭގެ މަސްރަހު ހަމައަކަށް އަޅުވަން ލަންކާ އިން އެކި ފަހަރު މަތިން މަސައްކަތްކޮށްފައިވެ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި އުފެދުނު ސިޔާސި މައްސަލަތަކެއް ހައްލުކުރަން މެދުވެރިއެއްގެ ރޯލު ކުޅެދެއްވުމަށް ލަންކާގެ އޭރުގެ ރައީސް މަހިންދަ ރާޖަޕަކްސަ ރާއްޖެ އަށް ކުއްލި ދަތުރުފުޅެއް ވެސް ކުރެއްވި އެވެ.