18 ނޮވެމްބަރ 2021 - 06:17

ސަރުކާރު ވަޒީފާއެއް އަދާކުރަން ފަށައި ތިން މަސް ދުވަހުގެ ތެރޭގައި ވަޒީފާ އިން ދޫކޮށްނުލާ ނަމަ ދާއިމީ މުވައްޒަފެއްގެ ގޮތުގައި ހަމަޖައްސަންޖެހޭ ގޮތަށް ގަވައިދު އޮތް ނަމަވެސް، 1992 ވަނަ އަހަރު ވަޒީފާ އަދާކުރަން ފެށި މީހެއްގެ ވަޒީފާ ދާއިމީކޮށްނުދީ ހަތް އަހަރާއި ނުވަ މަސް ދުވަހު ގެންގުޅުމުން އެ ނިންމުން ބަދަލުކޮށްދޭން އެދި 28 އަހަރު ވަންދެން މަސައްކަތްކުރި މީހަކަށް އެންމެން ފަހުން ހައި ކޯޓުން ކާމިޔާބުވެއްޖެ އެވެ.

މަޖީދިއްޔާ ސްކޫލްގެ މުދައްރިސެއްގެ ގޮތުގައި ވަޒީފާ އަދާކުރަން ފެށި މުހައްމަދު ވަހީދު ނަޖީބަށް މިގޮތަށް ދިމާވުމުން ޖެނުއަރީ 1992 އިން އޮކްޓޫބަރު 1، 1999 އަށް ވަޒީފާ އަދާކުރި މުއްދަތު، ހިދުމަތުގެ މުއްދަތުގައި ގޮތުގައި ގުނައިފައެއް ނުވެ އެވެ. އެ މުއްދަތު ޕެންޝަންގެ މުއްދަތުގައި ވެސް ނުހިމެނެ އެވެ. އެހެންވެ އޭނާ މި މައްސަލަ ސަރުކާރުގެ އެކި އިދާރާތަކަށް ހުށަޅައިގެން 28 އަހަރު ވަންދެން މަސައްކަތްކޮށް އަދި ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިގެން ވެސް ދޮޅު އަހަރު މަސައްކަތްކުރި އެވެ. އެކަމަކު މައްސަލަ ނިމުނީ އޭނާއާ ދެކޮޅަށެވެ.
ހުކުމާ މެދު ހިތްހަމަނުޖެހޭތީ މުހައްމަދު ވަހީދު ހައި ކޯޓުގައި ހުކުމް އިސްތިއުނާފުކޮށް މިހާރު ވަނީ ގެއްލުނު ހަތް އަހަރާއި ނުވަ މަސް ދުވަސް އަނބުރާ ހޯދައިފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުން ކުރި ހުކުމުގައި މުހައްމަދު ވަހީދާ މެދު، ސަރުކާރު ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އެތައް ކަމެއް ހިނގާފައިވާކަން ފާހަގަކޮށްފައިވެ އެވެ. މުހައްމަދު ވަހީދު މަޖީދިއްޔާ ސްކޫލްގައި އެންމެ ފުރަތަމަ ވަޒީފާ އަދާކުރި ހަތް އަހަރާއި ނުވަ މަހަކީ ޕެންޝަންގެ މުއްދަތުގައި ހިމެނޭ މުއްދަތެއް ކަމަށް، ކޯޓަށް ހުށަހެޅި ލިޔުންތަކުން ބެލެވެން ނެތް ކަމަށް ބުނެ ކުރި ހުކުމް ގޯސް ކަމަށް މުހައްމަދު ވަހީދު އެންމެ ބޮޑަށް ފާހަގަކުރި އެއް ސަބަބަކީ "ސަރުކާރު މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ގަވައިދު" އަށް ރިއާޔަތްކޮށްފައި ނެތުމެވެ.
އެ ގަވައިދުގައި ބުނާ ގޮތުގައި؛
- ވަގުތީ ގޮތުން ގެންގުޅޭ މީހުން ވަޒީފާއިން ވަކި ނުކޮށް ތިން މަސް ދުވަސް ހަމަވެއްޖެ ނަމަ ތިން މަސް ދުވަސް ހަމަވާތާ 15 ދުވަހުގެ ތެރޭގައި އެ މީހެއްގެ ވަޒީފާ ދާއިމީކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސާވިސް ޑިވިޝަނަށް ހުށަހަޅަން ޖެހޭ.
- ވަގުތީ ގޮތުން ގެންގުޅޭ މުވައްޒަފުންގެ ވަޒީފާ ދާއިމީކޮށްދެވޭނީ އެ މީހަކު ވަޒީފާގައި ގެންގުޅެން ފެށި ތާރީހުން ފެށިގެން.
ދައުވާގައި ބުނާ މުއްދަތުގައި މުހައްމަދު ވަހީދު މަޖީދިއްޔާ ސްކޫލްގައި ވަޒީފާ އަދާކުރީ ވަގުތީ ގޮތުންކަން އެޑިއުކޭޝަން މިިނިސްޓްރީން ދިން "ވަޒީފާ އަދާކުރިކަން އަންގާ" ލިޔުމުން ވެސް އެނގެން އޮންނަ ކަމަށް އޭނާ ބުނެފައިވެ އެވެ.
މުހައްމަދު ވަހީދު ބުނާ މުއްދަތުގައި އޭނާ ގެންގުޅެފައިވަނީ ވަގުތީ ގޮތުން ނުވަތަ ރިސޯށް ޓީޗަރެއްގެ ގޮތުގައި ނުވަތަ ގަޑިފުރާ ޓީޗަރެއްގެ ގޮތުގައި ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެކަމަކު މި ވަޒީފާގައި ހިނގި ދިގު މުއްދަތުގައި، ސަރުކާރުގެ ދާއިމީ މުވައްޒަފުންނަށް ދޭ ރަމްޟާން މަހުގެ އިނާޔަތާއި ޗުއްޓީ ވެސް ދީފައިވެ އެވެ.
މުހައްމަދު ވަހީދު ވަނީ އޭނާގެ ވަޒީފާ ދާއިމީކޮށްދޭން އެދި ކަމާބެހޭ އެކި އިދާރާތަކަށް ސިޓީ ވެސް ފޮނުވައިފަ އެވެ.
ޕެންޝަން މުއްދަތަށް ވަޒީފާގެ މުއްދަތު ގުނައިދެނީ ސަރުކާރުގެ ދާއިމީ ވަޒީފާތަކުގައި އުޅޭ މީހުންނަށް ކަމަށް، މުހައްމަދު ވަހީދު ރައީސް އޮފީހަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި 2008 ވަނަ އަހަރު ބުނެފައިވެ އެވެ. އެ ސިޓީގައި ބުނެފައިވަނީ ސްކޫލްތަކުގެ ރިސޯސް ޓީޗަރުންގެ މަގާމަކީ ސަރުކާރުގައި އޮންނަ މަގާމެއް ނޫން ކަމަށާއި މިއީ ގަޑިފުރާ މުވައްޒަފުންގެ ގޮތުގައި ކޮންމެ ގަޑިއަކަށް ކަނޑައެޅިފައި އޮންނަ އުޖޫރައެއް ދޭ ވަޒީފާއެއް ކަމަށެވެ.
އެކަމަކު ހައި ކޯޓުން ބުނީ މުހައްމަދު ވަހީދު މަޖީދިއްޔާގައި ވަޒީފާ އަދާކޮށްފައިވަނީ ފުލް ޓައިމް މީހުން ވަޒީފާ އަދާކުރި ގޮތަށް ކަމަށާއި މުސާރަ އާއި އިނާޔަތްތައް ދީފައި ވަނީ ވެސް ރިސޯސް ޓީޗަރަކަށް ދޭން އޮންނަ ކަމަށް ރައީސް އޮފީހުން ބުނި ގޮތަށް ނޫން ކަމަށެވެ. އެހެންވެ އޭނާ އަކީ ފުލް ޓައިމް ޓީޗަރެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް ހުކުމުގައިވެ އެވެ.
ސަރުކާރު މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ގަވައިދާ ހަވާލާދީ ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ވަގުތީ ގޮތުން ގެންގުޅޭ މުވައްޒަފަކު މަސައްކަތަށް ނުފުދޭ ނަމަ ތިން މަސް ދުވަހުގެ ތެރޭގައި ވަޒީފާއިން ދޫކޮށްލަންޖެހޭ އެ މުއްދަތަށް ފަހު ވަޒީފާ ދާއިމީކޮށްދޭން ޖެހޭނެ ކަަމަށެވެ. އަދި މި މުއްދަތު ވެސް ޕެންޝަންގެ ގޮތުގައި ގުނަން ޖެހެ އެވެ.
ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން ވަޒީފާ ދާއިމީ ކުރުމުގެ މަސައްކަތް ކުރުމަކީ ސަރުކާރުގެ ކަމާބެހޭ ޒުވާރާއެއްގެ ޒިންމާއެއް ކަމަށާއި އެ ޒިންމާއެއް އަދާ ނުކުރުމަކީ މުވައްޒަފަށް ލިބެންޖެހޭ ހައްގަކުން މަހްރޫމްވާން ޖެހޭނެ ސަބަބެއް ނޫން ކަމަށް ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު ހުސައިން ޝަހީދުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
"ނަމަވެސް ހުށަހެޅިފައި މިވާ މައްސަލާގައި އިސްތިއުނާފްކުރާ މުހައްމަދު ވަހީދު ނަޖީބު ސަރުކާރުގައި ވަގުތީ މުވައްޒަފެއްގެ ގޮތުގައި ގެންގުޅެ އިސްވެ ހަވާލާދެވުނު ގަވައިދުގައިވާ ގޮތުގެ މަތިން ސަރުކާރުގެ ކަމާބެހޭ ވުޒާރާއިންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް އަމަލުކޮށްފައިނުވާކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮވެ އެވެ." އަނެއް ދެ ފަނޑިޔާރުން އިއްތިފާގުވެވަޑައިގެން ތާއީދުކުރެއްވި، ފަނޑިޔާރު އަބްދުﷲ ހަމީދުގެ ރައުޔުގައިވެ އެވެ.
"އިސްތިއުނާފްކުރާ ފަރާތުގެ އަމިއްލަ ހައިސިއްޔަތުން، އެ ފަރާތުގެ ވަޒީފާ ދާއިމީ ކުރުމަށް 1993 އިން ފެށިގެން ފާއިތުވި 28 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގައްޔާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތަކުރާރުކޮށް އާދޭސްކޮށްފައިވެ އެވެ."
ހުކުމުގައި ވަނީ ސަރުކާރުގެ ކޮނޑުގައި ގާނޫނާއި ގަވައިދުން އެޅިފައިވާ މަސްއޫލިއްޔަތެއް އަދާކުރުމަށް އެދި އާންމު ފަރުދަކު މިގޮތަށް އާދޭސްކުރަން ޖެހުން ބަލައިނުގަނެވޭ ކަމަށެވެ.
މި ކަންކަމަށް ބަލައި ހައި ކޯޓުން ހުކުމް ކުރީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް، މުހައްމަދު ވަހީދު ވަގުތީ މުވައްޒަފެއްގެ ގޮތުގައި ގެންގުޅެފައިވާ ހަތް އަހަރާއި ނުވަ މަސް ދުވަސް ޕެންޝަނަށް ގުޅޭ މުއްދަތެއްގެ ގޮތުގައި ބެލުމަށެވެ. އަދި މިގޮތަށް ބެލުމުން، ގާނޫނުތަކުން ހައްގުވާ އެންމެހާ ކަމެއް މުހައްމަދު ވަހީދަށް ލިބިދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގައި އަމުރުކޮށްފައިވެ އެވެ.