16 ނޮވެމްބަރ 2021 - 13:43

އިތުރަށް ފައިސާ ޗާޕު ކުރުމުގެ މުއްދަތު މަރުކަޒީ ބޭންކުން އިތުރު ކުރުމާ ދެކޮޅަށް ރައްޔިތުންނާއި ވިޔަފާރިވެރިން ނުކުތުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ގޮވާލައިފި އެވެ.
ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި، ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކުރަން އެދިފައިވެ އެވެ. މިއީ އިތުރަށް ފައިސާ ޗާޕު ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ތިން ވަނަ ފަހަރެވެ.
އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުލިބުނު ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެންބަރުން މަޖިލިސް ދޮރުމަތީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މި ސަރުކާރުން 2023 ވަނަ އަހަރާ ހަމަޔަށް ދާއިރު ދަރަނި ރެކޯޑު އަދަދަކަށް އުފުލިފައިވާ ކަމަށާއި އޭގެ މައްޗަށް އަނެއްކާވެސް ފައިސާ ޗާޕު ކުރުމަކީ އިންތިހާއަށް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.
ފައިސާ ޗާޕުކޮށްގެން ބޭނުންކުރާ ގޮތުގެ ތަފްސީލީ ޕްލޭނެއް އެކަށައެޅުމަކީ ފިނޭންސް މިނިސްޓަރުގެ މައްޗަށް ލާޒިމް ކަމަކަށް ވާއިރު އެކަން ނުކުރަން ދުނިޔޭގެ މާލީ އެކި އިދާރާތަކުން ފިނޭންސް މިނިސްޓަރަށް އަންގާފައި އޮތް ކަމެއް ކަމަށް ސައީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކާރުން ކޮންމެ ފަހަރަކު ފައިސާ ޗާޕުކުރަނީ ދައުލަތުގެ މުއައްޒަފުންނަށް މުސާރަ ދޭން ޖެހޭތީ އާއި ސިޔާސީ އެކި ފަރާތްތަކަށް ބަދަލު ދިނުމުގެ ގޮތުން ކަމަށެވެ.
މި އަހަރުގެ ބަޖެޓުގައި އެކަނި ވެސް ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް މުސާރައިގެ ގޮތުގައި 702 މިލިއަން ރުފިޔާ ދޭން ކަނޑައަޅާފައިވާއިރު އެއްވެސް ފައިސާއެއް އަނބުރާ ނުދެއްކި، ދަރަނިތައް ދަރިންގެ ދަރިންގެ ބޮލުގައި އެޅުވޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މިއީ ކިހާ ދެރަ މައްސަލައެއްތޯ. ގައުމެއްގެ މުސްތަގުބަލު ފުނޑާލުން މިއީ. އިގްތިސާދީ މިނިވަންކަން ނެތިއްޔާ ގައުމު އަޅުވެތިވާނެ. މި ސަރުކާރުން އެކަންކަން ކޮށްފައި އޭގެ ނާޖާއިޒް ފައިދާ އިންޑިއާ އިން ނަގަމުން ދަނީ،" ޝިޔާމް ވިދާޅުވި އެވެ.
ފައިސާ އިތުރަށް ނަގާ ސަބަބާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓާރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޕަބްލިކް އެކައުންޓް އޯވަޑްރޯ ނުކޮށް ކުރިއަށްދާ ނަމަ އިގްތިސާދަށާއި ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށެވެ.
ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށްޓަކައި ދައުލަތުގެ ހަރަދަށް ޒިިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާވުމަށް މަޖިލީހުން ސަރުކާރަށް ފުރަތަމަ ހުއްދަ ދިނީ މިދިޔަ އަހަރުގެ އޭޕްރީލްގަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ޓޫރިޒަމް ހުއްޓުމަކަށް އައުމުން އޭރު ދިން އެ ހުއްދަ މި އަހަރުގެ އޭޕްރީލް މަހު އަލުން އިތުރުކުރި އެވެ.
އިންޓަރެސްޓަކާ ނުލައި 4.4 ބިލިއަން ރުފިޔާ، އޯޑީ ފެސިލިޓީއެއްގެ ގޮތުގައި ނަގަން މިދިޔަ އަހަރު ހުއްދަ ދިން ފަހުން، އެ ހުއްދައިގެ މުއްދަތު އިތުރުކޮށް، އެމްއެމްއޭ އިން ބުނީ އެކަން ކުރި ނަމަވެސް އޯޑީގެ ގޮތުގައި ނަގާ ފައިސާގެ އަދަދު ބޮޑު ނުކުރަން އެދޭ ކަމަށެވެ.
ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ފިނޭންސް މިނިސްޓްރީން އެެދުނު މައްސަލަ ބަލަން މަޖިލީހުން އޭރު އެކުލަވައިލި ވަގުތީ ކޮމިޓީގައި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ހުމަދު އިމާދު ވިދާޅުވީ، އޯޑީ ފެސިލިޓީގެ އަދަދު ބޮޑު ކޮށްފި ނަމަ އިގްތިސާދީ ގޮތުން ފޫނުބެއްދޭނެ ވަރުގެ ގެއްލުން ލިބޭނެ ކަމަށެވެ.