09 ޑިސެމްބަރ 2016 - 06:44

ބަރުދަން ލުއިކުރަން ކިހާ ހިތްވަރެއް ކޮށްލަން ކެރިދާނެ ހެއްޔެވެ؟ މިއީ ބައްޔެއްގެ ސަބަބުން ފަލަވުން ކޮންޓްރޯލްނުވެ އާދަޔާ ޚިލާފަށް ފަލަވެފައިވާ ފިރިހެން ކުއްޖެއްގެ ބަރުދަން ލުއިކުރަމް ޗައިނާގެ ރަށެއްގައި ދިން އާދަޔާ ޚިލާފު ފަރުވާއެއްގެ ވާހަކަ އެވެ.

އުމުރުން 11 އަހަރުގެ ލީ ހޭންގްގެ ބަރުދަނުގައި 147 ކިލޯ ހުރެ އެވެ. އޭނާ އަށް ފަރުވާދީފައި ވަނީ ޗައިނާގެ ޓްރެޑިޝަނަލް މެޑިސިން ހާއްސަ ހޮސްޕިޓަލަކުންނެވެ. ނަމަވެސް އެތާނގައި ދެނީ އާންމުކޮށް އިންސާނުންނަށް ފަރުވާ ދޭ އުސޫލަކުން ނޫނެވެ.
ފަލަ މީހުން ހިއްކައިދިނުމުގެ މަސައްކަތްކުރާ މި ހޮސްޕިޓަލުގައި އެ ކުއްޖާއަށް ފަރުވާ ދިނުމުގެ ގޮތުން އޭނާގެ ބަނޑު މަތީގައި ރޯކޮށްފައިވާ ތުވާއްޔެއް ބާއްވާތަން އެއް ފޮޓޯއިން ފެނެ އެވެ. ކުއްޖާ ވޭނަށް ކެތް ނުކުރެވިގެން ރޮއި ހަޅޭއްލަވާ ހަދަން ފެށުމުން ފަރުވާ ދޭން ހުރި ނަރުސް އެ ކުއްޖާ ހިތްހަމަޖައްސައިދޭން ވާހަކަ ދައްކާތަން ވެސް ފޮޓޯތަކުން ފެނެ އެވެ.
މި ކުއްޖާއަށް މި ސެންޓަރުން ދޭ ފަރުވާއަށް ޗައިނާ ބަހުން ކިޔަނީ "ހުއޯ ލިއާއޯ" އެވެ. އެއީ ފަޔާ ކަޕިން، ފަޔާ ތެރަޕީ އަދި އެކިއުޕަންޗާ ނުވަތަ ކަށި ހަރައިގެން ދޭ ފަރުވާއެކެވެ.
ފަޔާ ކަޕިންގެ ފަރުވާ ވެސް މި ކުއްޖާއަށް ވަނީ ދީފަ އެވެ. ހަށިގަނޑަށް އަރާމު ލިއްބައިދޭން ފަޔާ ކަޕިންގެ ފަރުވާ ޗައިނާ މީހުން ހޯދަ އެވެ.
ޚާއްސަ ފަރުވާތަކަށް ފަހު ކުއްޖާ ލުއިވީ ކިހާ ވަރަކަށް ކަމެއް އަދި ނޭނގެ އެވެ.