ވަގުތު ޖެހުނުއިރު އެމްބިއުލާންސުން ތެޔޮ ހުސްވެފައި، ބަލިމީހާ ގެންދަން ޖެހުނީ ޕިކަޕެއްގައި!
ވަގުތު ޖެހުނުއިރު އެމްބިއުލާންސުން ތެޔޮ ހުސްވެފައި، ބަލިމީހާ ގެންދަން ޖެހުނީ ޕިކަޕެއްގައި!

އައްޑޫ ހުޅުމީދޫ ހެލްތު ސެންޓަރުގެ އެމްބިއުލާންސުން ތެޔޮ ހުސްވެފައި ހުރި ގަޑިއެއްގައި ބަލި މީހަކު ޕިކަޕެއްގައި އުފުލަން ޖެހިއްޖެ އެވެ.

އެ ބަލިމީހާ ހެލްތު ސެންޓަރަށް ގެންދަން ރޭ އެމްބިއުލާންސަށް ގުޅުމުން ސިއްހީ މަރުކަޒުން އެންގީ އެ އުޅަނދުގައި ޑީސަލް ނެތުމުގެ ސަބަބުން ދަތުރުކުރެވެން ނެތް ކަމަށެވެ. އެހެންވެ، ބަލިމީހާ އެ ސެންޓަރަށް ގެންދިޔައީ ޕިކަޕެއްގައި ބާއްވައިގެންނެވެ.

އުމުރުން ދުވަސްވީ އެ ބަލިމީހާއަކީ ގޮނޑީގައި އިންނަ މީހެއް ކަމަށްވެ އެވެ.

އެކަމާ ގުޅިގެން ހުޅުމީދޫ ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު އިބްރާހީމް ދީދީ، "މިހާރު" އަށް މިއަދު ވިދާޅުވީ، ހޮސްޕިޓަލުގައި ވަރަށް އާ ދެ އެމްބިއުލާންސް އޮތް ނަމަވެސް އެއް އެމްބިއުލާންސަކީ ޕެޓްރޯލް އަޅައިގެން ބޭނުންކުރާ އެއްޗެއް ކަމަށާއި އެ ވަގުތު އެ އެމްބިއުލާންސްގެ މެއިންޓެއިނެންސްގެ މަސައްކަތްތަކެއް ފަށާފައިވާތީ ނުދުއްވާ ކަމަށެވެ.

"ދެން އޮންނާނީ ޑީސަލް އަޅައިގެން ބޭނުންކުރާ އެއްޗެއް. އެ އެމްބިއުލާންސްގަ ޑީސަލް ނެތްކަން އެނގުނީ ޕޭޝަންޓް ނަގަން ދާން ޖެހުނު ވަގުތު. އޭރު 9 ޖަހާފައި ވުމާއި ކާފިއު ވަގުތު ކަމަށް ވުމުން ފިހާރަތައް ވެސް ބަންދުކޮށްފައި ހުރީ،" އޭނާ ވިދާޅުވި އެވެ.

އިބްރާހީމް ވިދާޅުވިގޮތުގައި އެ އެމްބިއުލާންސަށް ޑީސަލް އަޅަނީ ހެލްތު ސެންޓަރު ކައިރީ ހުންނަ ފިހާރައަކުންނެވެ. އެކަމަކު ކޮވިޑާ ގުޅިގެން ރަށުގައި ރޭގަނޑު 9 އިން ފެށިގެން ކާފިއު ހިންގާތީ ފިހާރަތައް އެ ވަގުތުތަކުގައި ބަންދުކުރެ އެވެ.

"ފިހާރަ ބަންދުކޮށްފައި ހުރި ގަޑިއަކަށް ޖެހުނީމަ އަސްލު ދެ ގަޑިއިރަށް މަޅިއެރީ،" ގާތްގަނޑަކަށް ރޭ 11 ހާއިރު ފިހާރައެއް ހުޅުވައިގެން ޑީސަލް އެޅިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

އިބްރާހީމް ވިދާޅުވިގޮތުގައި އެ ހެލްތު ސެންޓަރުގައި އޭނާ މަސައްކަތް ކުރައްވާތާ މިހާރު ހަތް އަހަރު ވެފައިވާއިރު މިއީ އެ ތަނުގައި ދިމާވި މިފަދަ ފުރަތަމަ މައްސަލަ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުމީދޫ ހެލްތު ސެންޓަރަށް ކޮންމެ ދުވަހަކު ވެސް 70 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަން ދެ އެވެ.

މި ފަހަރު އެމްބިއުލާންސްގެ މައްސަލަތަކެއް ފެންމަތިވި ނަމަވެސް އިބްރާހީމް ވިދާޅުވީ އެހެން ރަށްރަށުގެ ހެލްތު ސެންޓަރުތަކާ އަޅާބަލާއިރު އާންމުކޮށް އެ ތަނުގެ ހިދުމަތް ރަނގަޅުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ގެންގުޅެނީ ވެސް ވަރަށް ރަނގަޅު ދެ ޑްރައިވަރުން. އެކަމަކު ރޭގައި އެ އޮތީ ބަލަން ވާ ވަރަށް ނުބެލިފައި،" އިބްރާހިމް ވިދާޅުވި އެވެ.