09 ޑިސެމްބަރ 2016 - 06:43

ކައިވެނީގެ ރަސްމިއްޔާތަށް ހާޒިރުވެ ތިބި 300 އަށް ވުރެ ގިނަ މެހެމާނުން ހައިރާންކޮށްލަން ބްރެޒިލްގެ ޒުވާން އަންހެނަކު ކުރި މަސައްކަތް ހިތާމަވެރި ހާދިސާއަކުން ނިމިއްޖެ އެވެ.

އުމުރުން 32 އަހަރުގެ ނަރުހެއް ކަމަށްވާ ރޯޒްމޭރީ ޑޯ ނަޝިމްޓޯ އޭނާގެ ކައިވެނި އޮތް ތަނަށް ބޭބެ އާއި އެކުވެރި ފޮޓޯގްރާފަރަކާ އެކު ހެލިކޮޕްޓަރެއްގައި ދަތުރުކުރަނިކޮށް އެހިސާބާ މޭލަކަށް ކައިރިވެފައި ވަނިކޮށް ހެލިކޮޕްޓަރު ވެއްޓި އެ އެންމެންނާއި ޕައިލެޓް ވަނީ މަރުވެފަ އެވެ.

ބްރެޒީލްގެ ސައޮ ޕޯލޮގެ ރަށްފުށު ހިސާބުގަނޑެއްގައި ދިރިއުޅޭ ރޯޒްމޭރީއާ ކައިވެނި ކުރަން ތައްޔާރުވެގެން ހުރި އޭނާގެ ލޯބިވެރިޔާ އުޑާލީ ޑަމެސްކީނޯއަކަށް އޭނާގެ ވާން އުޅޭ އަނބިމީހާ ކައިވެނިކުރަން އަންނަނީ ހެލިކޮޕްޓަރެއްގައި ކަމެއް ނޭނގެ އެވެ. އެހެންކަމުން ހިތާމަވެރި ކުއްލި ޚަބަރާ އެކު އޭނާއަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ.
އެ ކައިވެނި އިންތިޒާމްކޮށްދިން ކާލޯސް އެޑުއާޑޯ ބަޓިސްޓާ ބުނީ ހެލިކޮޕްޓަރުގައި ރޯޒްމޭރީ އަންނަކަން އެނގޭނި ވަރަށް މަދު މީހަކަށް ކަމަށެވެ. އޭނާގެ ވާންއުޅޭ ފިރިމީހާ އަށް ވެސް އެކަން ނޭނގޭނެ ކަމަށް ބުންޏެވެ.
އަމިއްލަ ކައިވެނިކުރާ ތަނަށް ހެލިކޮޕްޓަރެއްގައި ދަތުރުކުރުމަކީ ރޯޒްމޭރީ ވަރަށް ކުޑައިރުއްސުރެ ދުށް ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށް ހަދައިދޭން އޭނާއަށް އެހީތެރިވެދިނީ ކައިވެނި އިންތިޒާމްކުރި ކާލޯސް އެވެ.
ހެލިކޮޕްޓަރު ވެއްޓުނީ ޖައްސަން ހަމަޖައްސާފައި އޮތް ފުޓުބޯޅަ ދަނޑާ ތަންކޮޅެއް ދުރަށް، ޖަންގަލި ތެރެއަށެވެ.
ކާލޯސް ބުނި ގޮތުގައި ހެލިކޮޕްޓަރު ޖައްސަން ހަމަޖެހިފައި އޮތީ ހަވީރު 4.00 ގަ އެވެ. ނަމަވެސް އެ ގަޑިއަށް ނުޖެއްސުމުން އޭނާ ވެސް ވަރަށް ހައިރާންވި އެވެ. ސަބަބަކީ ކައިވެނީގެ ރަސްމިއްޔާތު ވެސް ފަށަން ހަމަޖެހިފައި އޮތީ ހަމަ އެގަޑީގައި ކަމަށް ވާތީ އެވެ.
ހެލިކޮޕްޓަރު ކުއްޔަށް ހިފި ކުންފުންޏަށް ވަގުތުން ގުޅުމުން ހެލިކޮޕްޓަރު ނައްޓާލައިފި ކަމަށާއި މިހާރު ޖައްސަން އުޅޭނެ ކަމަށް ބުނި ކަމަށް ކާލޯސް ބުންޏެވެ. ނަމަވެސް އިރުކޮޅެއް ފަހުން އެމީހާ ގުޅާފައި ބުނީ ހެލިކޮޕްޓަރެއް ވެއްޓިގެން އުޅޭ ވާހަކަ އެވެ.
އެ ދުވަހު ކޮންމެވެސް ވަރަކަށް ވާރޭވެހި ފޮގްގެ ސަބަބުން އުޑުމަތި އޮތީ ވަރަށް ފުސްކޮށެވެ. ތަހުގީގު ޓީމުން ލަފާކުރަނީ ހެލިކޮޕްޓަރު ވެއްޓުނީ ގަހެއްގައި ޖެހުމުގެ ސަބަބުން ކަމަށެވެ.